މީގެ އެތައް އަހަރެއް ކުރިން އެ ޑިވައިސްއަކަށް ބަރޯސާވުން ދޫކޮށްލި 3.5 އިންޗީގެ ފްލޮޕީ ޑިސްކުގެ ޑިމާންޑް އަދިވެސް އެބަ އޮތް ކަމަށް ޤަބޫލު ކޮށްފާނަން ހެއްޔެވެ؟ އުމުރުން 70ގެ އަހަރުތައް ގުނަމުންދާ، އެމެރިކާގެ ރައްޔިތަކު ބުނާ ގޮތުގައި، އެއީ ފުޅާ ދާއިރާއެއްގައި އޭނާ މިއަދުވެސް ކުރަމުންދާ ވިޔަފާރިއެކެވެ. އެހެން ކަމުން، އޭނާއަކީ މިއަދު ފްލޮޕީ ޑިސްކުގެ އެންމެ ވަރުގަދަ ސަޕްލަޔަރު ކަމުގައިވެސް ދެންނެވިދާނެއެވެ.
އުމުރުން 73 އަހަރުގެ ޓޮމް ޕަރސްކީއަކީ ފްލޮޕީޑިސްކް ޑޮޓްކޮމް ގެ މޭސްތިރިއެވެ. އެމެރިކާގެ ކެލިފޯނިއާގެ ލޭކް ފޮރެސްޓްގައި މަރުކަޒު ކޮށްގެން، އޮންލައިން ޕްލެޓްފޯމެއްގައި އޭނާ ހިންގަމުން ދަނީ ފްލޮޕީ ޑިސްކް ރީސައިކަލް ކުރުމުގެ ވިޔަފާރިއެކެވެ. ބޭނުން ކޮށްފައި ހުންނަ ފްލޮޕީ ޑިސްކްއާއި ބޭނުން ނުކުރާ ފްލޮޕީ ޑިސްކް ބަލައިގަނެ، އިތުބާރު ހިފޭ ކަސްޓަމަރުންގެ ޕޫލަކަށް އޭނާ އެތަކެތި ވިއްކާލައެވެ.
ފްލޮޕީ ޑިސްކްއޭ ބުނާ އިރަށް ބައެއް މީހުން ހިތަށް އަރާނެ އެއީ ވަރަށް އިހުގެ އެއްޗެކޭ. އަޅެ ބުނެބަލަ، މީ އެހާ ގިނަ ދުވަސްވީ އެއްޗެއްތަ؟ ނިކަން ބަލާބަލަ މިއަށް. މީ 1970ގެ އަހަރުތަކުގެ ފްލޮޕީ ޑިސްކެއް. މީގެ އެތައް ހާސް ޑިސްކެއް އެބަހުރި އަހަރަމެންގެ އަތުގަ. ބައެއް ޑިސްކުތައް އަދިވެސް މަސައްކަތް ކުރޭ. އަނެއް ބައި ޑިސްކުތައް ނުކުރޭ. ބައެއް އެއްޗެހި... ބައެއް މީހުން އަދިވެސް ސިނާޢީ މަސައްކަތްތަކުގަ މި ބޭނުން ކުރޭ. އަނެއް ބަޔަކު، ހަދިޔާގެ ގޮތުގައި ދޭންވެސް މި ބޭނުން ކުރޭ.ޓޮމް ޕަރސްކީ؛ ފްލޮޕީ ޑިސްކު ވިއްކާ މީހެއް
ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަން ހުރީ ފްލޮޕީ ޑިސްކްއެވެ. އެކި ކުލަކުލައިގެ ފްލޮޕީ ޑިސްކްއެވެ. ބައެއް ފްލޮޕީތަކުގައި ލޭބަލް ކޮށްފައި ވާ އިރު، ލޭބަލެއް ނެތް ޑިސްކުތައްވެސް މަދެއް ނޫނެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕަރސްކީއަށް ފޮނުވާފައިވާ ފްލޮޕީ ޑިސްކުތަކެވެ. އޭނާއަށް ލިބޭ ކޮންމެ ފްލޮޕީ ޑިސްކް ޝިޕްމަންޓަކީ، ޕަރސްކީއަށް ލިބޭ ބޮޑު އުފަލެކެވެ.
ގޭގޭގަ ގުދަން ކުރާ ތަނަށް ވަދެ އެތަން ހާވާލާ ތަނުން ފްލޮޕީ ޑިސްކުތަކެއް ފެނިދާނެ. ދެން އެވީ އެ އުކާލުމައިގެން އުޅެން... އެހާ ހިސާބުން އެމީހުން ގުޅާނެ އަހަރަމެންނަށް. އެތަކެތި އެމީހުންގެ އަތުން ގެންގޮސްދީފާނަންތޯ އަހާނެ. އަހަރެން އުފަލުން ބުނަން އާނއެކޭ.ޓޮމް ޕަރސްކީ؛ ފްލޮޕީ ޑިސްކު ވިއްކާ މީހެއް
މި މަސައްކަތުގައި ޕަރސްކީ އުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. 1990ގެ އަހަރުތަކުގެ ތެރޭގަރި ޕަރސްކީ އެންމެ ފުރަތަމަ މަސައްކަތް ކުރީ ޓެކުހާ ބެހޭ ކުންފުންޏެއްގައި، ސޮފްޓްވެއަރ ޑިވަލޮޕްމަންޓްގެ ދާއިރާގައެވެ. އެ ކުންފުނީގެ ސޮފްޓްވެއަރ، ފްލޮޕީ ޑިސްކުތަކަށް އެޅުމަށްފަހު، އެކި ތަންތަނަށް ފޯރުކޮށްދެއެވެ. އައުޓްސޯސްކޮށްގެން އެކަން ކުރުމުގެ ބަދަލުގައި، ކުންފުންޏަށް އޭރު ފައިދާ ބޮޑުވީ، އިން-ހައުސްކޮށް އެކަން ކުރުމަށެވެ. ނަތީޖާއެއްގެ ގޮތުން، ޕަރސްކީގެ ހިތުގައި އެކަމަށް މާ ބޮޑު ލޯތްބެއް ޖެހުނީއެވެ. ކުންފުނިން އެ މަސައްކަތް ހުއްޓާލި ހިސާބުން، ލަގަނުގައި ދެން ހިފީ ޕަރސްކީއެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ، އިންޓަރނެޓްއާއި ކްލައުޑްތަކާއެކު ސީޑީ-ރޮމްއާއި، ޑީވީޑީ އަދި ޔޫއެސްބީ ފްލޭޝް ޑްރައިވްތައް އަރުޝީފުތަކަށް ލާފައި ވާ 2022 ވަނަ އަހަރު، އެހާ ގިނަ ޢަދަދަކަށް ފްލޮޕީ ޑިސްކު ގަންނަނީ ކޮން ބައެއްތޯ ހިތާ ހިތާ ކުރެވޭ ސުވާލެވެ. އެ ސުވާލަށް ޕަރސްކީ ދެނީ އަވަސް ޖަވާބެކެވެ.
އަހަރެން ބުނާނީ އެންމެ ގިނައިން ފްލޮޕީ ޑިސްކު ގަންނަނީ އެމްބްރޮއިޑަރީ ވިޔަފާރީގަ އުޅޭ މީހުންނޭ. ޑައި ވިޔަފާރީގަ އުޅޭ ގިނަ މީހުންވެސް ފްލޮޕީ ޑިސްކު ބޭނުން ކުރޭ. އެކި ކަހަލަ އާލާތްތައް އުފައްދާ މީހުންވެސް. ވައިގެ އުދުހުންތަކާ ގުޅޭ ކަންކަމަށްވެސް އަދިވެސް ފްލޮޕީ ޑިސްކު ބޭނުން ކުރާތީ އޭވިއޭޝަން އިންޑަސްޓްރީއިންވެސް ގިނަ ބަޔަކު މި ގަނޭ... އެއަރލައިން ކަސްޓަމަރުންވެސް ފުދޭ ވަރަކަށް ގިނަ. އެއަރލައިން މެއިންޓަނަސްގެ ދާއިރާގަ މަސައްކަތް ކުރާ ކަސްޓަމަރުން އެބަ ތިބި ފުދޭ ވަރަކަށް.ޓޮމް ޕަރސްކީ؛ ފްލޮޕީ ޑިސްކު ވިއްކާ މީހެއް
ކަމުގެ ޙަޤީޤަތް އޮންނަ ގޮތް ނޭނގުމަކީ، ފްލޮޕީ ޑިސްކަށް އަދުގެ ދުނިޔޭގައި އޮތް ޑިމާންޑް އެންމެ ފުރިހަމައަށް ފަޙުމް ނުވެދާނެ ސަބަބެކެވެ.
ގިނަ މީހުންނަކަށް އަދިވެސް ނޭނގޭ، ވައިގެ އުދުހުންތަކުގައި މިއަދު ބޭނުން ކުރަމުންދާ މަތިންދާބޯޓުތަކުގެ 3 ބައިކުޅަ 1 ބައި ހާ ބޯޓުތަކަކީ މީގެ ވިއްސަކަށް، ތިރީހަކަށް ނޫނީ ސާޅީހަކަށް އަހަރު ކުރީގެ ބޯޓުތައް ކަމެއް. ބޯޓުގެ އުދުހުންތަކާ ގުޅޭ ބައެއް މަޢުލޫމާތަށް ކޮންމެހެންވެސް ފްލޮޕީ ޑިސްކު ބޭނުންވާނެ.ޓޮމް ޕަރސްކީ؛ ފްލޮޕީ ޑިސްކު ވިއްކާ މީހެއް
ޕަރސްކީ ބުނާ ގޮތުގައި ފްލޮޕީ ޑިސްކަކުން މާޒީގެ ހަނދާންތައް އާ ކޮށްދިނުމުގެ އިތުރުން، ސަލާމަތްތެރިކަމެއްވެސް އެ ޑިވައިސްއިން ކަށަވަރު ކޮށްދެއެވެ.
ފްލޮޕީ ޑިސްކްއަކީ ވަރަށް އިތުބާރު ބޮޑު އެއްޗެއް. ގިނަ ބަޔަކަށް އެ ބޭނުން ކުރަންވެސް އެނގޭ އެއްޗެއް. އެތަނުން އަނެއް ތަނަށް މަޢުލޫމާތު ބަދަލު ކުރުމުގައި އިތުބާރު ބޮޑު އެއްޗެއް. ހެކް ނުކުރެވޭ ކަމީވެސް ފްލޮޕީ ޑިސްކަށް ލިބިފައި އޮތް އެޑިޝަނަލް ފީޗަރއެކޭ ބުނެވޭނީ.ޓޮމް ޕަރސްކީ؛ ފްލޮޕީ ޑިސްކު ވިއްކާ މީހެއް
އިހުގެ ތަކެއްޗަށް ލޯބި ކުރާ މީހުންނަށް، ޕަރސްކީގެ ގުދަނަކީ ހަޒާނާއެކެވެ. ޕަރސްކީ ވަނީ އޭނާގެ ފްލޮޕީ ރީސައިކަލް ވިޔަފާރީގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކޮށްފައެވެ.
މި ހުރީވެސް ފްލޮޕީ ޑިސްކުތަކެއް. އަހަރަމެންނަށް އެ ޑިސްކުތައް ލިބޭ އިރު ބުނާކަށް ނޭނގޭ އެއީ ބޭނުންކޮށްފަ ހުރި ފްލޮޕީ ޑިސްކުތަކެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް. އެހެންވެ، އަހަރަމެން އެ ފްލޮޕީ ޑިސްކުތައް ހުޅުވަން. ބޭނުން ކޮށްފަ ހުންނަ ފްލޮޕީ ޑިސްކުތައް އަލުން ފޯމެޓްކޮށްފަ، އާ ލޭބަލެއް ޖަހާފަ، ދެން ބަލަނީ ވިއްކާލެވޭތޯ.ޓޮމް ޕަރސްކީ؛ ފްލޮޕީ ޑިސްކު ވިއްކާ މީހެއް
ޕަރސްކީ ބުނާ ގޮތުގައި މި މަރުޙަލާތަކުގެ ތެރެއިން އޭނާ އެންމެ ގަޔާވާ މަރުޙަލާއަކީ ލޭބަލް ކުރުމުގެ މަރުޙަލާއެވެ.
މީގަ ހުންނާނެ މީހުންގެ މަޢުލޫމާތު. ޑިގޯޒާއެއްގެ އެހީގަ، އެ މަޢުލުމާތުތައް ނެތިކޮށްލެވިދާނެ އަހަރަމެންނަށް. މީ ވަރަށް ބާރުގަދަ ދަގަތްފާނުގަނޑެއް. މީގަ ހުރި ހުރިހާ މަޢުލޫމާތެއް ފޮހެލެވޭނެ. ހަމްޓީ ޑަމްޓީ ކެނޮޓް ޕުޓް ދިޒް ޓުގެދަރ އަގެއިން، ހަމަ.ޓޮމް ޕަރސްކީ؛ ފްލޮޕީ ޑިސްކު ވިއްކާ މީހެއް
ޕަރސްކީ ބުނާ ގޮތުގައި ދުވާލެއްގެ މައްޗަށް މިހާރުވެސް 500 އެއްހާ ފްލޮޕީ ޑިސްކު ވިއްކާލެވެއެވެ. ނަމަވެސް ޒަމާން ބަދަލުވެއްޖެ ކަމާއި، ހާލަތުވެސް އެއާ އެއްގޮތަށް ބަދަލު ވަމުން ދާނެ ކަން ޕަރސްކީ ޤަބޫލު ކުރެއެވެ.
ކޮމްޕިއުޓަރުގަ އިންނަ ސޭވް އައިކަން ފެންނައިރަށް، މަށަށް ހަމަ ފެންނަނީ ފްލޮޕީ ޑިސްކެއް. އެކަމަކު ގިނަ މީހުންނަށް އެ ސިފަ ވާނީ ސޭވް އައިކަންއެއްގެ ގޮތުގަ. އޭގެ ޖޯކަކީ، މިސާލަކަށް 6 އަހަރުގެ ކުއްޖަކު، ތަންތަން ހާވަނިކޮށް ފްލޮޕީ ޑިސްކެއް ފެނިގެން، ދުވެފަ ގޮސް އޭނާގެ ބައްޕަ ގާތުގަ މި ބުނަނީ، ކޮންމެވެސް މީހަކު މިއޮތީ، ސޭވްއައިކަންގެ ތްރީޑީ ޕްރިންޓެއް ކޮށްފައޭ.ޓޮމް ޕަރސްކީ؛ ފްލޮޕީ ޑިސްކު ވިއްކާ މީހެއް
ކުރިއަށް 20 އަކަށް އަހަރު ދުވަހުގެ ތެރޭގައި އެ ވިޔަފާރި ނެތި ހިނގައިދާނެ ކަމަށްވެސް ޕަރސްކީ ޤަބޫލު ކުރެއެވެ.