އެމްއެސްޓީއެސް ވޯޓަރ ސްޕޯޓްސް އާއި ބްރިޓިޝް ވޯޓަރ ސްކައި އެންޑް ވޭކްބޯޑް ފެޑަރޭޝަން (ބީޑަބްލިއުއެސްޑަބްލިއު) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޯވް ސްޕޯރޓް އިންސްޓްރަކްޓަރ ކޯހެއް ކުރެއްދޫ އައިލެންޑް ރިސޯރޓްގައި މިއަދު އިފްތިތާޙްކޮށްފިއެވެ.
މި ކޯސް އިފްތިތާހުކޮށްދެއްވީ ސީސީއާރު ރިސޯޓްގެ އިސްވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ.
މި ކޯހުގެ އެންމެ މުހިންމު މަޤްސަދަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ވޯޓަރސްޕޯރޓްސްގެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަށް ޓޫރިސްޓުންނަށް ޓޯވ ސްޕޯރޓްސް ކުޅިވަރު ހިންގުމުގައި ބޭނުން ކުރެވޭ ސޭފްޓީ ސްޓެންޑަޑްތައް ދަސްކޮށް ދިނުމެވެ. އަދި މިކުޅިވަރުތަށް ގެސްޓުންނަށް ދަސްކޮށްދިނުމުގެ ހުނަރުތަށް އިންސްޓަރަކްޓަރުންނަށް އުގަންނައި ދިނުމެވެ. 10 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި ކޯހުގައި ކިޔަވައިދެއްވާނީ ބީޑަބްލިއުއެސްޑަބްލިއުގެ ތަޖުރިބާކާރުންނެވެ.
މި ކުޅިވަރުތަކަކީ ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި އަދި ބައެއް ރަށްތަކުގައިވެސް ހިންގޭ ކުޅިވަރުތަކަކަށް ވުމާއެކު ފުރިހަމަ ޓްރޭނިންގް ލިބިގެން ހިންގުމުގެ ބޭނުން ވަނީ ވަރަށް މުހިންމު ކަމަކަށް ވެފައެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކުވެސް މި ކޯސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި ކޯހުގެ ސަބަބުން ރާއްޖޭގެ ވޯޓަރ ސްޕޯރޓް މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނުންނަށް މިފަދަ ކުޅިވަރުތައް ހިންގުމުގައި އިތުބާރު އުފެދުމާއިއެކު މި ދާއިރާ އަކީ ވެސް ކުރިމަގުގައި ކުރިއަށް ދެވިދާނެ ދާއިރާއެއް ކަމުގެ އިތުބާރު އުފެދިގެންދާނެ ކަމެއް ކަމުގައި އެމްއެސްޓީއެސްގެ އިސް ވެރިޔާ މަސީޙް އިމާދު ފާހަގަ ކުރެއްވިއެވެ. އަދި މިދާއިރާއަށް ޝައުގުވެރިވާނެ ގިނަ ދިވެހި ޒުވާނުންތަކެއް އުފެދިގެންދާނެ އިތުރު ފުރުސަތަކަށް ވެސް ވެގެންދާނެ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
އެމްއެސްޓީއެސް ވޯޓަރ ސްޕޯޓްސްއަކީ ރާއްޖޭގެ ބައެއް ރިސޯޓް ތަކުގައި ވޯޓަރ ސްޕޯޓްސް މިހާރުވެސް ހިންގަމުން ގެންދާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ވީޑީޑަބްލިއުއެސް ސޭލިންގ އަދި ޕީއޭޑީއައި އެކްރެޑިޓޭޝަން ވެސް ލިބިފައިވާ ކުންފުންޏެކެވެ.