ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 13:33
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫން
ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ރައީސް މައުމޫންގެ ބަޔާން ނަގަނީ
މީގެކުރިން ދަރިކަލުން ފާރިސް ވެސް ހާޒިރު ކުރި
ބަޔާން ގެނުމަށް ރައީސް މައުމޫނަށް ފަސޭހަފުޅު ވަގުތެއް އަންގައި ދިނުމަށް އޭސީސީން އެދިފައިވޭ
އޮޑިޓް ރިޕޯޓްގެ މައްސަލާގައި ފާރިސް އަށް ދައުވާކުރަން ފޮނުވި

ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގޭ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި އޭރު ރައީސް ކަމުގައި ހުންނެވި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބަޔާން ނެގުމަށްޓަކައި އޭސީސީން އެ މަނިކުފާނަށް ބުރާސްފަތި ދުވަހު ސިޓީއެއް ފޮނުވައިފި އެވެ.

ރައީސް މައުމޫނުގެ އާއިލާގެ ބޭފުޅަކު ރާއްޖެ އެމްވީއަށް ވިދާޅުވި ގޮތުގައި ސިޓީގައި ބުނެފައި ވަނީ ބަޔާން ދެއްވުމަށް ފަސޭހަފުޅު ވަގުތެއް އަންގަވައި ދެއްވުމަށެވެ.

ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި 10 އަހަރު ފަހުން ރައީސް މައުމޫނާ ސުވާލުރައްވާއިރު، މި މައްސަލައިގައި ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އޭސީސީ އަށާއި ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ.

ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާކުރަން ފޮނުވީ ސާފް ޗެމްޕިއަންޝިޕު ބެއްލެވުމަށް 2008 ވަނަ އަހަރު ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ހިންގި ކަމަށް ބުނާ ހަރަދުތައް ހޯދުމަށެވެ. ނަމަވެސް، ޕީޖީ އޮފީހުން ނިންމާފައިވަނީ ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައި އޮތުމުން އެ މައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށެވެ. ގާނޫނުލް އުގޫބާތުގެ 61 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްތަކަށް ދައުވާ ކުރަން ޖެހޭނީ ކުށްކުރާ ވަގުތުން ފެށިގެން އަށް އަހަރުގެ ތެރޭގައެވެ. ޖުނަހުގެ ކުށްތަކުގައި ދައުވާ ކުރަން ޖެހޭނީ ތިން އަހަރުގެ ތެރޭގައެވެ.

ތީމުގޭ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި މައުމޫނުގެ ބަޔާން ނަގަން އޭސީސީން ނިންމިއިރު، އެ މަނިކުފާނު ވަނީ އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީނަށް ކުރައްވާ ތާއިދު އަނބުރާ ގެންދަވާފަ އެވެ. މި ސަރުކާރުގެ ތެރޭގައި ހިޔާނާތުގެ މައްސަލަ އާއި ޑިމޮކްރަސީގެ އުސޫލްތަކާ ހިލާފު ކަންކަން ހިންގަމުންދާ ކަމަށާއި، ސަރުކާރު ހިންގަނީ ޕީޕީއެމްގެ އަސާސްތަކާ ހިލާފަށް ކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފަ އެވެ. މިހާރު އެ މަނިކުފާނު މަސައްކަތް ކުރައްވަނީ ގައުމު އިސްލާހުކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކާ ގުޅިގެންނެވެ. ތިން މަހެއްހާ ދުވަހު ރައީސް މައުމޫން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ވަޑައިގަތީ މި މަހުގެ 14 ގަ އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ރައީސް މައުމޫނުގެ ބަޔާނެއް ނަގަނީ އެ މަނިކުފާނު ކޮމިޝަނަށް ހާޒިރުކުރައްވައިގެން ނޫން ކަމަށާއި އެ މަނިކުފާނު ބޭނުންފުޅުވާ ތަނަކަށް ތަހްގީގު ޓީމް ގޮސްގެން ކަމަށެވެ.

"އެ މަނިކުފާނުގެ ބަޔާނެއް ނަގަނީ ތީމުގޭ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަކާ ގުޅޭ ގޮތުން ދައުލަތުގެ އެއްވެސް ފަރާތަކުން މައުލޫމާތު ނުލިބިގެން، ސީދާ ރައީސް މައުމޫނުގެ ފަރާތްޕުޅުން މައުލޫމާތު ހޯދުމަށް،" ލުތުފީ ވިދާޅުވި އެވެ.

 

މިހާތަނަށް ދިވެހި ތާރީހުގައި ވެފައިވާ އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑެތި ތުހްމަތުތަކެއް ވަނީ ކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހްގީގު ރިޕޯޓް އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

 

މީގެ ކުރިން ދައުލަތަށް ގެއްލިގެން ގޮސްފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި ރައީސް އޮފީހުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް ނުދައްކާހުރި ފަރާތްތަކުން އެ ފައިސާ ހޯދަން މަސައްކަތް ކުރާ ކަމަށް އަންގާރަ ދުވަހު ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ.

 

ރައީސް އޮފީހުން ދޫކޮށްފައިވާ ލޯން 30 ފަރާތަކުން ދައްކާފައި ނުވާ ކަމަށް އަނިލް ވިދާޅުވި އެވެ.

 

- ކޮމެންޓް