ހުޅަނގު ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި މީގެ ކުރިން އޮސްޓްރޭލިއާއިން ނިންމާފައިވާ ނިންމުން ބަދަލުކޮށްފައިވާކަމަށް އެގައުމުން ބުނެފިއެވެ.
ހުޅަނގު ގުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި އޮސްޓްރޭލިއާއިން ނިންމާފައިވަނީ ކުރީގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ވެރިކަމުގައި 2018 ވަނަ އަހަރުއެވެ. އެނިންމުން ބަދަލުކޮށްފައިވާކަން ހާމަކޮށް ފޮރިން މިނިސްޓަރު ޕެނީ ވޮންގ ނެރުއްވާފައިވާ ބަޔާނެއްގައި ވަނީ އޮސްޓްރޭލިއާގެ ކުރީގެ ސަރުކާރުން އިސްރާއީލުގެ ވެރިރަށަކީ ހުޅަނގު ގުދުސްކަމަށް ނިންމާފައިވާ ނިންމުން އުވާލާކަމަށާއި ހުޅަނގު ގުދުސްގެ މައްސަލައަށް ހައްލު ކުރަންޖެހޭނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިޔަށްގެންދެވޭ ސުލްހައިގެ ވާހަކަތަކުގެ ދަށުންކަމަށް އޮސްޓްރޭލިއާއިން ޒަމާނުއްސުރެ ދަމަހައްޓަމުން އަންނަ ސިޔާސަތު މިއަދުވެސް އަލުން ކަށަވަރުކޮށްދޭކަމަށެވެ.
އަދި މިއާއެކު މޮރިސަންގެ ވެރިކަމުގައި އިސްރާއީލުގެ ވެރިރަށަކީ ހުޅަނގު ގުދުސްކަމަށް ނިންމާފައިވާ ނިންމުން ބަދަލުވެގެންދާކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެއިތުރުން އޮސްޓްރޭލިއާގެ އެމްބަސީ ހުންނާނީ ތެލް އަވީވް ގައި ކަމަށާއި ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ހައްލު ގެނެވޭނީ ޓޫ ސްޓޭޓް ސިޔާސަތުގެ ދަށުންކަމަށް އޮސްޓްރޭލިއާއިން ގަބޫލުކުރާކަމަށްވެސް ބަޔާނުގައިވެއެވެ. އަދި މިސިޔާސަތާއި ދެކޮޅު އެއްވެސް ކަމަކަށް އޮސްޓްރޭލިއާއިން ތާއީދުނުކުރާނެކަމަށްވެސް ބަޔާނުގައިވެއެވެ.
ހުޅަނގު ގުދުސް މައްސަލައަކީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމުކުރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަސްވެސްމެއެވެ. ފަލަސްތީނުން ދެކެނީ އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށެވެ. އިސްރާއީލުން ދެކެނީ މުޅި ގުދުސް އަކީ އިސްރާއީލުގެ ވެރިރަށްރަށުގެ ގޮތުގައެވެ.
އިރުމަތީ ގުދުސް އަކީ 1967 ވަނަ އަހަރު އިސްރާއީލާއި އަރަބިންނާ ދެމެދު ކުރި ހަނގުރާމައިގައި އަރަބިން ބަލިކޮށް އިސްރާއީލުން ހިފާފައިވާ ސަރަހައްދެކެވެ. އެސަރަހައްދުން އިސްރާއީލު ސިފައިން ބާލައި އެ ބިން ފަލަސްތީނާ ހަވާލުކުރުމަށް ގިނަ ގައުމުތަކަކުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް އެމެރިކާގެ ފުރިހަމަ ތާއީދާއެކު އޮންނަ އިސްރާއީލުން މިކަމުގައި ގޮތް ދޫކުރާކަށް ބޭނުމެއް ނުވެއެވެ.
އޮސްޓްރޭލިއާގެ މިނިންމުމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ޔައިރް ލެޕިދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ހުޅަނގު ގުދުސްއަކީ އިސްރާއީލުގެ ވެރިރަށްކަމަށާއި އެކަން ބަދަލުނުވާނެކަމަށް ބޮޑުވަޒީރުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައިވެއެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އޮސްޓްރޭލިއާގެ މިނިންމުމާއި ގުޅިގެން އެގައުމުގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސެޑަރު ހާޒިރުކޮށްފައިވާކަމަށެވެ.
ފަލަސްތީނުން ވަނީ އޮސްޓްރޭލިއާގެ މިނިންމުމަށް މަރުޚަބާ ކިޔާފައެވެ.