ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 14:09
ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް
ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް
ވަޔަން
ޗައިނާގެ އަސްކަރީ ތަމްރީން
ޗައިނާގެ އަސްކަރިއްޔާގެ ތަމްރީން ބޭނުންތަކަށް އިނގިރޭސި ވިލާތުގެ ކުރީގެ ޕައިލެޓުން ގެންދަނީ
ބައެއް ޕައިލެޓުންނަށް އަހަރަކު 270،000 ޑޮލަރު ދިނުމަށް ވެސް ޗައިނާއިން ހުށަހަޅާފައިވޭ

ޗައިނާގެ އަސްކަރިއްޔާގެ ތަމްރީން ބޭނުންތަކަށް ބޮޑުމުސާރަ ދީގެން އިނގިރޭސި ވިލާތުގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކޮށްފައިވާ  ޕައިލެޓުން ގެންދަން ފަށާފައިވާ ކަމަށް ޚަބަރު ލިބެއެވެ. މިކަމުގެ ބޭނުމަކީ އަސްކަރިޔާގެ ޕައިލެޓުންނަށް ބޭނުންވާ އިތުރު ތަމްރީންތައް ދީ އެމީހުންގެ ހުނަރު ކުރިޔަށް ޖެއްސުން ކަމަށް ޗައިނާއިން ބުނެއެވެ.

ރިޓަޔަރ ކޮށް، ބޯޓެއް ދުއްވާ ނުލާތާ އެތައް އަހަރެއް ވެފައިވާ ބައެއް ޕައިލެޓުންނަށް ޗައިނާއިން ހުށަހަޅާފައިވާ ބޮޑު މުސާރަޔަކީ ނޫނެކޭ ބުނަން ވަރަށް އުނދަގޫ ހުށަހެޅުންތަކެއް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބައެއް ޕައިލެޓުންނަށް އަހަރަކު 270،000 ޑޮލަރު ދިނުމަށް ވެސް ޗައިނާއިން ހުށަހަޅާފައިވެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ވިލާތުން ޕައިލެޓުން ހޯދުމުގެ ހަޤީޤީ މަގްސަދަކީ ހުޅަނގުގެ އަސްކަރީ ވިސްނުން ހުންނަ ގޮތް ދެނެގަތުމެވެ. ޚާއްސަކޮށް ޓައިވާނާއި ކުރިމަތިލުމަކަށް ދާންޖެހިދާނެ ދުވަހަކަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ޕައިލެޓުންނަށް ވަޒީފާ ހަމަޖައްސަނީ ދެކުނު އެފްރިކާގެ ފްލައިންގ އެކަޑަމީ އެއް މެދުވެރިކޮށެވެ. އަދި މިކަމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސި މިނިސްޓްރީ އޮފް ޑިފެންސް އިން ބުނެފައިވަނީ މިގޮތަށް ކުރީގެ އިނގިރޭސި ޕައިލެޓުން ޗައިނާއިން ހޯދާކަން އެފަރާތަށް ފުރަތަމަ އެނގިފައިވަނީ 2019 ވަނަ އަހަރު ކަމަށެވެ. އޭރު މަދު އަދަދަދެއްގެ ޕައިލެޓުންނަށް ވަޒީފާ ދީފައިވެސް ވެއެވެ. އެއަށް ފަހު ކޮވިޑް19 އާއި ގުޅިގެން އެކަން މަޑު ޖެހިފައި އޮތުމަށް ފަހު މިހާރު އަނެއްކާވެސް މިމަސައްކަތް އިތުރު ބާރަކާ އެކު ފަށާފައިވާ ކަމަށް ބުނެފައިވެއެވެ.

އިނގިރޭސި މިނިސްޓްރީ އޮފް ޑިފެންސް އިން ބުނީ މިހާރު ޚިދުމަތުގައި ތިބި ބައެއް ފަރާތްތަކަށް ވެސް ހުށަހެޅުންތައް އަންނަކަން އެނގިފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ފަރާތަކުން އަދި ހުށަހެޅުން ގަބޫލުކޮށްފައި ނުވާކަމަށެވެ. އެހެން ނަމަވެސް ޕައިލެޓުން ބައެއް ސެންސިޓިވް މައުލޫމާތު ބޭޖިންގ އާ ހިއްސާ ކުރިކަން އެނގިފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު އަޅަމުން ދާކަމަށް ބުނެފައިވެއެވެ.

ހުޅަނގުގެ މިލިޓަރީ ޓެކްނޮލޮޖީ ވަގަށް ނަގާކަމުގެ ތުހުމަތު ޗައިނާގެ މައްޗަށް އަންނަނީ ކުރެވެމުންނެވެ. އެހެން ކަމުން ހުޅަނގުގެ، ޚާއްސަކޮށް އިނގިރޭސި ވިލާތުގެ ކުރީގެ މިލިޓަރީ ޕައިލެޓުންނަށް ވަޒީފާ ދީގެން ގެން ދިއުމަކީ ނުރައްކާތެރި ޕްރެސީޑަންޓްއެއް ކަމަށް ހުޅަނގުން ގަބޫލު ކުރެއެވެ.   

- ކޮމެންޓް