ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިން އެންމެން ވެސް ދޫކޮށްލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވީ، ލޯންޗް އެކްސިޑެންޓާ ގުޅިގެން އެ ހޮސްޕިޓަލަށް ގެންދިޔަ 14 މީހުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުގައި ފަރުވާދިން މީހުންގެ ތެރެއިން އެންމެ ފަހުން ހޮސްޕިޓަލުގައި އޮތް މީހާ، މިމަހުގެ 19 ވަނަ ދުވަހު ދޫކޮށްލާފައިވާ ކަމަށް އޭޑީކޭ އިން ބުނެ އެވެ.
އެދުވަހު ދޫކޮށްލާފައި ވަނީ އެ ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި، އަލީ ވަސީމެވެ. އޭނާގެ ހާލު ރަގަޅުވަމުން އަންނަ ކަމަށް މިމަހުގެ 13 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުން ބުނި ނަމަވެސް، އާއިލާއިން ބޭނުން ވެގެން އޭނާ ވަނީ އިތުރުފަރުވާއަށް ބޭރަށް ގެންގޮސްފަ އެވެ.
ސަމާ އައިލެންޑް ރިސޯޓުގައި ވެއިޓަރެއްގެ ވަޒީފާ އަދާ ކުރާ އުމުރުން 30 އަހަރުގެ ވަސީމުގެ ބޮލަށާއި ބޮލުގެ ނާށިގަނޑަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކާގުޅިގެންއޮޕަރޭޝަނެއް ވެސް ކޮށްފައި ވެއެވެ.
ސަމާ އައިލެންޑް ރިސޯޓުން މީގެ ކުރިން ބުނެފައި ވަނީ، އަނިޔާ ލިބުނު މުވައްޒަފުންގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުންގެ ލަފާ ދެއްވާފައިވާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.
މިހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ހުރި އިރު މި މައްސަލައާ ގުޅިގެން، ހައްޔަރު ކުރި، ބޭރުގެ ރައްޔިތުން، ޑީޕޯޓް ކޮށްލުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދާ ކަމަށް ފުލުހުން ވަނީ މިދިޔަ ހަފްތާގައި ހާމަކޮށްފަ އެވެ.
މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު، ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި ލޯންޗެއް ރީތިރަށް ރިސޯޓް ކައިރީ އޮތް އުޅަނދެއްގައި ޖެހިއެކްސިޑެންޓްވެފައި ވަނީ ދެ ފަރާތުގެ ވެސް އިހްމާލު އޮވެގެން ކަމަށް އެމްއެންޑީއެފް އިން މި ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފަ އެވެ.
އެއްވެސް އުޅަނދެއް ދުއްވަން އިންނަ މީހާއަށް ކޮންޓްރޯލް ނުކުރެވޭވަރަށް ބާރު ސްޕީޑްގައި ދުއްވުމަކީ ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބު ކަމަށާއި ދަތުރަށް ފެށުމުގެކުރިން އުޅަނދުގެ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމަށާއި މޫސުމަށް ބެލުމަކީ ފަރުވާކުޑަ ނުވުމަށް އެމްއެންޑީއެފް އިން އެދެއެވެ.