ކ. މާލެ
|
17 އޮކްޓޯބަރ 2022 | ހޯމަ 22:50
އިންޑިޔާގެ ބޭސް ފިހާރައެއް
އިންޑިޔާގެ ބޭސް ފިހާރައެއް
ބީބީސީ
އިންޑިޔާގެ ބޭސް
އިންޑިޔާގައި ހަދާ ބޭހުގެ ރައްކާތެރިކަމާމެދު ޝައްކު އުފެދިފައި
އިންޑިޔާގެ ކޯފް ސިރަޕް ބޭނުން ކުރުމުން 2019 ވަނަ އަހަރާއި މިއަހަރު ކުޑަކުދިންތަކެއް މަރުވެފައިވޭ
އިންޑިޔާގެ ބޭހަށް ފުރިހަމައަށް އިތުބާރުކުރާކަމަށް ބުނާ ޑަކްޓަރުން ވަރަށް ގިނަ
އިންޑިޔާގައި ވަރލްޑް ކްލާސް ބޭހުގެ ފެކްޓަރީތައްވެސް މަދެއް ނޫން

2019 ވަނަ އަހަރު އިންޑިޔާގެ ޖަންމޫ ސަރަހައްދުގައި އުޅުނު ކުޑަކުދިންތަކެއް ގޮތްނޭނގޭ ބައްޔެއްގައި ބަލިވާން ފެށިއެވެ. ރޯގާޖެހި ކެއްސުންފަދަ އުނދަގޫތަކެއް ވާތީ ޑޮކްޓަރަށް ދެއްކުމުން ދިނީ ކެއްސާތީ ދޭފަދަ ސިރަޕެކެވެ. ކޯފް ސިރަޕެކެވެ. ނަމަވެސް މިބޭހުން ކުދިން ރަނގަޅުވުމުގެ ބަދަލުގައި ކުދިންގެ ހާލަތު ހައްތަހާ ދިޔައީ ގޯސްވަމުންނެވެ. ގަދަޔަށް ހުންއައިސް ހޮޑުލެވި އަދި އެންމެ ފަހުން ކިޑްނީގެ މަސައްކަތް ހުއްޓުނެވެ. މިވާގޮތެއް ސާފުވީއިރު، އުމުރުން ދެމަހާ ހަ އަހަރާ ދެމެދުގެ 11 ކުދިން ވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ.

ކުދިންނަށް ދެވުނު ބޭސް، އިންޑިޔާގެ ޑިޖިޓަލް ވިޝަން ކުންފުނިން ހަދާފައިވާ ކޯފް ސިރަޕް ޓެސްޓްކުރިއިރު އޭގައި; ދަވާދު، ދެލި، ބްރޭކް ފްލުއިޑްފަދަ ތަކެތި އުފެއްދުމުގައި ބޭނުންކުރާ މާއްދާއެއްކަމަށްވާ ޑައެތައީލީން ގްލައިކޮލް ނުވަތަ ޑީއީޖީ އެކުލެވިގެންވެއެވެ. މިވިހަ މާއްދާ ހަށިގަޑުގެ ތެރެއަށް ދިއުމުން ކިޑްނީ ފެއިލްވުމަކީ އާންމުކަމެކެވެ.

މިމަހުގެ ކުރީކޮޅު ޑަބްލިއުއެޗްއޯއިން ވެސް ވަނީ މުޅި ދުނިޔެއަށް އިންޒާރެއް ނެރެފައެވެ. އިންޑިޔާގައި އުފައްދާ ހަތަރު ކޯފް ސިރަޕެއް ބޭނުންނުކުރުމަށް އަންގާފައެވެ. ޑަބްލިއުއެޗްއޯއިން މިފަދަ އިންޒާރެއް ނެރުނީ، މި ބޭސްތައް ދެވުމުގެ ސަބަބުން ގެމްބިއާގެ 66 ކުއްޖަކު މަރުވިކަމަށް ޝައްކުވި ހިސާބުންނެވެ. މި ކުދިންނަށް ދެވުނު ބޭސް އުފައްދާފައި ވަނީ އިންޑިޔާގެ އެހެން ކުންފުންޏެއްކަމަށްވާ މެއިޑެން ފާމަކިއުޓިކަލްސް އިންނެވެ. އެ ބޭސްތަކުގައިވެސް ވިހަވާ ދަރަޖައަށް ޑައެތައިލީން ގްލައިކޮލްއާއި އެހެން ވިހަ މާއްދާއެއް ކަމަށްވާ އެތައިލީން ގްލައިކޮލް ހިމެނެއެވެ.

މިދެންނެވި ދެ ހާދިސާއަށްފަހު މިހާރު މިވަނީ އިންޑިޔާގެ ބޭހުގެ އިންޑަސްޓްރީއާމެދު ޝައްކު އުފެދޭގޮތްވެފައެވެ.

އިންޑިޔާގެ ބޭސް އުފައްދާ އިންޑަސްޓްރީއަކީ 42 ބިލިއަން ޑޮލަރުގެ ފުޅާ އިންޑަސްޓްރީއެކެވެ. ދުނިޔޭގައިވެސްވާ އެންމެ ބޮޑު އެއް ބޭސް އުފައްދާ އިންޑަސްޓްރީއެވެ. އެގައުމުގައި އުފައްދާބޭހުގެ ދެބައިކުޅައެއްބައި ބޭސް އެކްސްޕޯޓް ކުރެވެނީއެވެ.

އިންޑިޔާގައި ތިންހާހެއްހާ ކޮމްޕެނީގެ ފަރާތުން 10 ހާހެއްހާ ބޭސްއުފައްދާ ފެކްޓަރީ ހިންގައެވެ. މީގެ ގިނަ ތަންތަނުގައި މިހާރު ގިނައިން އުފައްދަނީ ބްރޭންޑަޑް ބޭސްތަކުގެ "ޑުޕްލިކޭޓް" ބޭސްކަމަށް ރިޕޯޓް ކުރެވެއެވެ. އިންޑިޔާގައި އުފައްދާ ބޭހުގައި ބޭނުންކުރެވޭ މައިގަޑު މާއްދާތަކުގެ 70 އިންސައްތަ ޗައިނާއިން އިމްޕޯޓްކުރިނަމަވެސް މިހާރުމަސައްކަތްކުރަމުން ދަނީ އެބާވަތްތައްވެސް އަމިއްލަ ގައުމުގައި އުފެއްދުމަށެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، އިންޑިޔާއަކީ "ފާމަސީ އޮފްދަ ވަރޑް"ގެ ގޮތުގައި ސިފަކުރައްވާފައެވެ. އިންޑިޔާގެ ގަދީމީ ބޭސްވެރިކަމުގެ ތެރޭން ވާރުތަވަމުން އައި ހުނަރުތައް ބޭނުންކޮށްގެން ޑުޕްލިކޭޓް ބޭސް އުފެއްދުމުގެ މަސައްކަތް ވަނީ އިންޑިޔާއިން ވަރަށް ބޮޑަށް ކުރިއަށް ޖައްސާފައެވެ. ޚަރަދު ކުޑަކޮށް ޖެނެރިކްސް، ނުވަތަ ކައުންޓަރުމަތިން ގަންނަން ލިބޭ ބޭސްތައް އިންޑިޔާގައި އުފައްދާތީ، އެގައުމު މިއަދު ވަނީ ބޭހުގެ "ގްލޯބަލް މެނުފެކްޗަރިންގ ބޭސް"އަކަށް ވެފައެވެ.

އިންޑިޔާގެ ސްކޫލް ކުދިންތަކަކަށް ބޭސްދެނީ

އެމެރިކާގައި ވިއްކާ އޯވަރ ދަ ކައުންޓަރ ބޭހާއި ޖެނެރިކްސް ނުވަތަ "ޑުޕްލިކޭޓް" ބޭހުގެ 40 އިންސައްތަ އިމްޕޯޓްކުރަނީ އިންޑިޔާއިން ކަމަށް ވެއެވެ. އަދި އިނގިރޭސި ވިލާތުގައި ވިއްކާ ބޭހުގެވެސް 25 އިންސައްތަ އިމްޕޯޓްކުރެވެނީ އިންޑިޔާއިން ކަމަށް ވެއެވެ.

މުޅިދުނިޔޭގައި އެޗްއައިވީއާ ދެކޮޅަށް ދެވޭ "އެންޓި ރެޓްރޯ ވައިރަލް ޑްރަގްސް"ގެ ތިންބައިކުޅަ ދެބައި އުފައްދަނީ އިންޑިޔާގައެވެ. އެމެރިކާ ފިޔަވައި، ބޭސް އުފައްދާ ޕްލާންޓްތައް އެންމެ ގިނައީ އިންޑިޔާގައެވެ. މިގޮތުން އެމެރިކާގެ ހެލްތު އެންޑް ސޭފްޓީ މިންގަނޑުތަކަށް ފެތޭ 800 ޕްލާންޓް އިންޑިޔާގައި ހިންގައެވެ.

އިންޑިޔާގެ ބޭހުގެ އިންޑަސްޓްރީ އަހަރަކު 9 އިންސައްތައިގެ ރޭޓްގައި ފުޅާވަމުން އަންނަތާ ދިހަވަރަކަށް އަހަރުވެފައި ވީނަމަވެސް، މިއަދު މިވަނީ ކޮލިޓީ ދަށްވުމާއި ރެގިއުލޭޓް ނުކުރެވޭކަމުގެ ތުހުމަތުތަކުން އިންޑަސްޓްރީއަށް ހިޔަނި އެޅިފައެވެ.

ގިނަބަޔަކު ގަބޫލުކުރާގޮތުގައި، ކައުންޓަރފީޓް ބޭހުގެ މައްސަލަ އިންޑިޔާގައި އަބަދުވެސް އޮވެއެވެ. މިފަދަ ބޭސްތައް ގިނައިން ވިއްކަނީ ކުދި އަވަށްތަކުގައެވެ.  

މައްސަލަ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، މިހެން ދިމާވާ ބައިވަރު ސަބަބުތައް ހުރެއެވެ. ދައުލަތުން ހިންގާ ޑްރަގް ޓެސްޓިންގ ލެބްތައް، ގިނަ ސްޓޭޓްތަކުގައި ހިންގަންޖެހިފައިވަނީ ފުދޭވަރަށް ފަންޑު ނުލިބި، އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތިއެވެ.

ފެއިލްވާ ކޮންމެ ސާމްޕަލަކީ ބޭހުގެ ބެޗެކެވެ. މިއިންކޮންމެ ބެޗެއްގައި އެތައް ހާސް ޓެބްލެޓާއި ކެޕްސޫލް އަދި އިންޖެކްޝަން ހިމެނިދާނެއެވެ.

"މިފަދަ ނުރަނގަޅު ބޭހުގެ އަސަރުކޮށްފައިވާ މީހުންގެ އަދަދު، ފާއިތުވި ދިހަވަރަކަށް އަހަރަށް ބަލާއިރު އެތައް މިލިއަނަކަށް އަރާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް، އިންޑިޔާގެ ޑްރަގް ރެގުލޭޓިންގއާ ބެހޭ ފޮތެއްގެ އެއް ކޯ އޯތަރ، ތާކޫރު ބުނެފައިވެއެވެ. އޭނަ ލިޔެފައިވާ ގޮތުގައި، އިންޑިޔާގެ ވަރަށް ގިނަ ފަރމް ތަކުން "ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސަސް" ނުވަތަ އެދާއިރާގައި އާންމުކޮށްކިޔާ "ޖީއެމްޕީ"އަށް އަމަލުކުރަމަކުންނުދެއެވެ. އެހެންކަމުން ބޭހުގައި ބޭނުންކުރެވޭ ރޯ މެޓީރިއަލް ނުވަތަ ފައިނަލް ޕްރޮޑަކްޓް ދަނީ ކުރަންވާވަރަށް ޓެސްޓު ނުކުރެވިއެވެ. ނަތީޖާއެއްގެގޮތުން "ސްޓޭންޑަރޑް ކޮލިޓީ" ނޫންކަމަށް ލޭބަލް ކުރެވިފައިވާ ގިނަ އަދަދެއްގެ ބޭހުން ވަނީ މާކެޓް ފުރި ބާރުވެފައެވެ.

ރައިޓް އިންފޮމޭޝަން ގާނޫނުން ބާރު ލިބިގެން ތާކޫރު ކުރި މަސައްކަތުން އެނގިފައިވާގޮތުގައި، ދައުލަތުން ހިންގާ ޑްރަގް ޓެސްގ ލެބްތަކުގައި މުހިންމު އިކުއިޕްމަންޓްވެސް ހަމައަކަށް ނުހުރެއެވެ. ސާމްޕަލް ޓެސްޓްކުރުމަށްވެސް ހަދާ ގޮތަކީ "ރެންޑަމް"ކޮށް މާކެޓުން ކޮންމެވެސް ބޭހެއް ނަގައިގެން ޓެސްޓްކުރަނީއެވެ.

އެހާ ގިނަ ނުރަނގަޅު ބޭސް އުޅޭކަމުގެ އަޑުތައް އިވޭއިރުވެސް، އެއްވެސް ބޭހެއް ނުވިއްކަން އަންގައި، މާކެޓުން ނަގާފައި ނުވާކަމަށް އޭނާ ލިޔެފައި ވެއެވެ.

މިހުރިހާކަމެއް މިހެން ހުރިނަމަވެސް، އިންޑިޔާގެ ބޭހަށް ފުރިހަމައަށް އިތުބާރުކުރާކަމަށް ބުނާ ޑަކްޓަރުން، އިންޑިޔާއާއި އެހެން ގައުމުތަކުގައިވެސް ވަރަށް ގިނައެވެ. އަދި ހަމަ އިންޑިޔާގައި ވަރލްޑް ކްލާސް ބޭހުގެ ފެކްޓަރީތައްވެސް މަދެއްނޫނެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް