މާދަމާ ފަށާ މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގައި ދިވެހި ކުޅުންތެރިންނަށް ސަޕޯޓުކުރުމަށް ވީހާވެސް ގިނަ ދިވެހި ރައްޔިތުން އެކުވެންޏަށް ދިއުމަށް ކުޅުންތެރިން އެދިއްޖެއެވެ.
މުބާރާތާއި ގުޅޭ ގޮތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރާއްޖޭގެ ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ އައިމިނަތު ނަބީހާ (ނަބީ) ވަނީ ރާއްޖެ ކުޅޭ މެޗުތަކަށް ވީހާވެސް ގިނަ ސަޕޯޓަރުން ވަދެ އެކުވެނި ފުރާލުމަށް އެދިފައެވެ.
ނަބީ ބުނީ މިފަހަރުގެ މުބާރާތުގައި ޓީމުގެ އަމާޒަކީ ގިނަ މެޑަލްތަކެއް ހޯދުން ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވުމުގައި ދިވެހި ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަން ނަބީ ފާހަގަކުރިއެވެ.
އަޅުގަނޑުމެން އެބަ ބޭނުންވޭ ދިވެހިރާއްޖޭގެ ރައްޔިތުން ހަމަ އައިސް އަޅުގަނޑުމެންނަށް ހިތްވަރުލައިދެން. އެތާގަ (އެކުވެނީގައި) ދިވެހި ކުދިންގެ ނަން ގޮވާ އަޑު އިވެން ބޭނުމޭއައިމިނަތު ނަބީހާ (ނަބީ)
ސަޕޯޓަރުންގެ ފަރާތުން ލިބޭ ހިތްވަރަކީ ވަކިން ޚާއްސަކޮށް ޖޫނިއަރ ޓީމުގެ ކުދިންނަށް ވަރަށް މުހިންމު ހިތްވަރެއްގެ ގޮތުގައި ނަބީ ފާހަގަކުރިއެވެ.
ނަބީގެ އިތުރުން ޤައުމީ ޓީމުގެ ނިބާލް އަޙުމަދުވެސް ވަނީ ގިނަ ސަޕޯޓަރުންތަކެއް ހިތްވަރު ދިނުމަށް އެކުވެންޏަށް ދިއުމަށް އެދިފައެވެ. އަދި އެންމެ ފަހުން މި މުބާރާތް އޮތީ 2019 ވަނަ އަހަރުކަން ފާހަގަކޮށް ނިބާލް ބުނީ ކޮވިޑްގެ ދަތި ހާލަތަށްފަހު އަލުން މުބާރާތް ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މިގޮތަށް މިގައުމުގަ މިކަހަލަ މުބާރާތެއް އޮންނައިރު އަޅުގަނޑުމެން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ވީހާވެސް ގިނަ ސަޕޯޓަރުން ސަޕޯޓުކުރުމަށް އެކުވެންޏަށް ވަޑައިގަތުން.ނިބާލް އަޙުމަދު
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ބޭރުގެ ކުޅުންތެރިނާއެކު މެޗުތަކެއް ކުޅެ ތަޖުރިބާ ހޯދުމުގެ އިތުރުން، ރާއްޖޭގައި ބެޑްމިންޓަންގެ ފޯރި އިތުވުމަކީވެސް މިމުބާރާތާއެކު ކާމިޔާބުކުރެވޭނެ ލަނޑުދަނޑިތަކެއްގެ ގޮތުގައި މޫސަ ފާހަގަކުރިއެވެ. އަދި ހަމައެކަނި މުބާރާތުގައި ބައިވެރިވެ ތަޖުރިބާތަކެއް ހޯދުމުގެ ބަދަލުގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށް ޓީމު އަމާޒުހިފާފައިވާކަމަށް މޫސަ ވިދާޅުވިއެވެ.
މިހާރު އަޅުގަނޑުމެން އެއިމް ކުރާ ލެވެލް އަކީ، ކުރިން ވެއްޖެއްޔާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނޫނީ ސަރަހައްދުގަ އޮތް މުބާރާތްތަކުގެ އިތުރަށް ބައިނަލްއަގްވާމީ ކަލަންޑަރ ކުރެވިފައި ހުންނަ މުބާރާތްތަކުގަ ނަތީޖާ ހޯދުން.ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު
މުބާރާތް ފަށާނީ މާދަމާ ހެނދުނު 10:00 ގައެވެ. މި މުބާރާތުގައި ރާއްޖޭގެ 30 ކުޅުންތެރިން ވާދަކުރާނެއެވެ. މުބާރާތް ކުރިއަށްދާނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.