ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް އާދީއްތަ ދުވަހު ފަށައިފިއެވެ.
ކޮންގްރެސް ހުޅުވުމުގެ އިހްތިފާލުގައި ބައިވެރިންނާއި މުހާތަބު ކުރައްވާ ރައީސް ޝީޖިންޕިންގ ދެއްކެވި ވާހަކަފުޅުގައިވަނީ ކޮވިޑް 19 މައިތިރި ކުރުމަށް ހިންގި ޒީރޯ ކޮވިޑް ޕޮލިސީ ކާމިޔާބު ކަމަށާއި، ހޮންގކޮންގގައި ކުރިޔަށް ދިޔަ ހަމަނުޖެހުން ވެސް ނިމުމަކަށް ގެނެވިފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޝީ ވަނީ ޓައިވާން އަނބުރާ އަތުލުމަށް ބާރުގެ ބޭނުން ކުރަން ޖެހިއްޖެނަމަ ކުރައްވާނެ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.
ހަފްތާއަކަށް ދެމިގެންދާނެ މި ކޮންގްރެސް އަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އެންމެ މުހިންމު ސިޔާސީ ހަރަކާތެވެ. މިފަހަރުގެ ކޮންގްރެސްގައި ނިންމާނެ ކަމަށް ބެލެވޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ރައީސް ޝީ ޖިންޕިންގ އަށް ރިޔާސީ ތިންވަނަ ދައުރެއް ހަމަޖެހިގެން ދިއުން ހިމެނެއެވެ. އޭރުން ޝީ ވެގެން ދާނީ ޕާޓީގެ ފައުންޑަރު މާއޯ ޒޭޑުންގ އަށް ފަހު ޗައިނާގައި އެންމެ ބާރުގަދަ ސިޔާސީ ލީޑަރަށެވެ.
ކޮންގްރެސް ހުޅުވުމުގެ އިހްތިފާލްގައި ދެއްވި ދިގު ތަގްރީރުގައި ޝީ ޖިންޕިންގ ވަނީ ފާއިތުވި ފަސް އަހަރު އެގައުމުން ހާސިލު ކުރި ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އަދި ގައުމަށް ޒަމާނީ ބަދަލުތައް ގެނެސް އިތުރަށް ހަރަކާތްތެރި ކުރުމަށް ޕާޓީ އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މަޝްހޫރު ޓިއަނަންމަން މައިދާނާ ޖެހިގެން ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ކުރިޔަށް ދާ ކޮންގްރެސްގައި ދެހާހަށް ވުރެގިނަ މަންދޫބުން ބައިވެރިވެއެވެ.