ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން އިލެކްޝަންސް ކޮމިޝަނުން މަނާކުރުމުން ޖުމްހޫރީ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މިއަދަށް ތާވަލް ކޮށްފިއެވެ.
ޖޭޕީގެ ދިދަ އާއި ލޯގޯގެ މައްސައިގެ ޝަރީޢަތުގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު 1:00 އަށެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލް ކުރީ އިއްޔެއެވެ. ނަމަވެސް އެ އަޑުއެހުން ބާއްވާފައެއް ނުވެއެވެ.
މައްސަލައިގެ އަޑުއެހުމެއް މިއަދަށް ތާވަލް ކޮށްފައިވާއިރު މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ މިދިޔަހްފްތާ ތެރޭގައި ވަނީ ނިމިފައެވެ.
ޑިސްޕިއުޓް ރިޒޮލިއުޝަން ސެކްޝަނަކީ ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް އެންމެ ފުރަތަމަ ބަލާ ސެކްޝަނެވެ. އެ މަރުހަލާގައި އޮންނާނީ ޝަރީއަތުގެ ބޭރުން، މައްސަލަ ހުށަހެޅި ފަރާތާއި ދައުވާ ރައްދުވާ ފަރާތާ ދެމެދު އަޑުއެހުންތަކެއް ބާއްވާ އެމައްސަލަކަށް ދެފަރާތުން އެއްބަސްވާ ގޮތަކަށް މައްސަލަ ނިމިއްޖެ ނަމަ އެހިސާބުން އެމައްސަލަ ނިންމާލުމެވެ. ނަމަވެސް ޑިސްޕިއުޓުން، ދެ ފަރާތުން އެއްބަސް ވުމަކަށް އާދެވޭ ގޮތް ނުވެއްޖެނަމަ ޝަރީއަތަށް އެމައްސަލައެއް ފޮނުވައިގެން އެ މައްސަލަ ބަލާނީ އެވެ.
މިމަހުގެ 6 ވަނަ ދުވަހު ސިވިލް ކޯޓަށް ވެއްދި ޖޭޕީގެ މައްސަލާގައި އެދިފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ޖޭޕީއަށް އަންގާފައިވާ އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ދިދަ ބޭނުންކުރުމުގެ އުސޫލާ ހަވާލާދީ، ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ ދިދަ އާއި ޖޭޕީގެ ލޯގޯ ވައްތަރުކަމަށް ޤަބޫލު ކުރެވޭ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ޖުމްހޫރީ ޕާޓީއަށް އަންގާފައި ވަނީ، ޖޫން މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރުމަށެވެ.
ނަމަވެސް މި އެންގުމަކީ، ޤާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނަށް އެންގޭނެ އެންގުމެއް ކަމަށް ޤަބޫލު ނުކުރާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން ވަނީ 2005 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރަން ދެކޮޅު ހަދާފައެވެ.
އިލެކްޝަންސް ކޮމިޝަނުން، ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުން ހުއްޓާލުމަށް އެންގީ މިމަހުގެ 4 ވީ އާދިއްތަ ދުވަހު އެ ކޮމިޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ފޮނުއްވި ސިޓީއަކުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ސިޓީގައި ޖޭޕީގެ ލޯގޯ އާއި ދިދަ ބަދަލު ކުރުމަށް ފުރުސަތު ދެވިފައި ވީ ނަމަވެސް ޕާޓީގެ ދިދަ އާއި ލޯގޯ ބަދަލު ކޮށްފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ.
އެ އެންގުން ބާތިލްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އިލެކްޝަންސް ކޮމިޝަނުން އެޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރަމުންނެއް ނުދެއެވެ.