ކ. މާލެ
|
15 އޮކްޓޯބަރ 2022 | ހޮނިހިރު 17:06
އިންޑިޔާ އިން އަމިއްލައަށް އުފެއްދި ނިއުކްލިއަރ ސަބްމަރިން
އިންޑިޔާ އިން އަމިއްލައަށް އުފެއްދި ނިއުކްލިއަރ ސަބްމަރިން
އަލްޖަޒީރާ
އިންޑިޔާއިން މިސައިލެއް ޓެސްޓުކުރުން
އިންޑިޔާއިން ސަބްމެރީންއަކުން ބެލިސްޓިކް މިސައިލެއް ފޮނުވާލާ ކާމިޔާބު ޓެސްޓެއްކޮށްފި
އިންޑިޔާ އަކީ މިއަދު ނިއުކްލިއަރ ހަކަތަ ބޭނުންކުރާ ސަބްމެރީންއަކުން ބެލިސްޓިކް މިސައިލް ފޮނުވާލުމުގެ ކުޅަދާނަކަން ލިބިފައިވާ ހަވަނަ ގައުމު

އިންޑިޔާއިން އަމިއްލައަށް އުފެއްދި، ނިއުކްލިއަރ ހަކަތަ ބޭނުން ކުރާ ސަބަމެރީން އައި.އެން.އެސް އަރިހަންޓުން ކާމިޔާބުކަމާއެކު ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީ އިން ބުނެފިއެވެ. މި ކާމިޔާބު ޓެސްޓުން ނިއުކްލިއަރ ސަބްމެރީންގެ ކަންކަމުގެ އިތުރުން ނިއުކްލިއަރ ހަމަލާއެއް މަތަކުރުމުގެ ކުޅަދާނަކަން އިންޑިޔާގެ ކިބައިގައި ހުރި ވަރު ހާމަވެފައިވާ ކަމަށް އެޤައުމުގެ ޑިފެންސް މިނިސްޓްރީ އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ޓެސްޓުގެ ހުރިހާ "ޓެކްނޮލިޖިކަލް" ކަންކަން ދިޔައީ ވަރަށް ރަނގަޅަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިޔާ އަކީ މިއަދު ނިއުކްލިއަރ ހަކަތަ ބޭނުންކުރާ ސަބްމެރީންއަކުން ބެލިސްޓިކް މިސައިލް ފޮނުވާލުމުގެ ކުޅަދާނަކަން ލިބިފައިވާ ހަވަނަ ގައުމަށް މި ވަނީ ވެގެން ގޮސްފައެވެ. މިކަން ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އަނެއް ފަސް ގައުމަކީ ޗައިނާ، ފްރާންސް، ރަޝިޔާ، އިނގިރޭސި ވިލާތް އަދި އެމެރިކާ އެވެ.

ނިއުކްލިއަރ ސަބްމެރީންއަކުން ބެލިސްޓިކް މިސައިލް ފޮނުވާލުމުގެ ކުޅަދާނަކަން ލިބިގެން ދިއުމަކީ އިންޑިޔާއިން އަމިއްލައަށް މިލިޓަރީ ހާޑްވެޔަރ އުފެއްދުމަށް ފަށާފައިވާ މަސައްކަތަށް ވެސް ލިބުނު ބޮޑު ކުރިއެރުމެކެވެ.

އެގޮތުން އިންޑިޔާއިން އަމިއްލައަށް އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު އައި.އެން.އެސް ވިކްރާންތު ސެޕްޓެމްބަރު މަހު ވަނީ ލޯންޗުކޮށްފައެވެ. މިއީ ޗައިނާ އިން މި ސަރަހައްދުގައި މިލިޓަރީ ބާރު ދައްކަމުން ދާ ދިއުމާއި ދެކޮޅަށް ނުކުތުމަށް ލިބޭ ހިތްވަރެކެވެ. ދިގުމިނުގައި 262 މީޓަރު ހުންނަ އައި.އެން.އެސް ވިކްރާންތު އަކީ ދުނިޔޭގަ މިވަގުތު އޮތް އެންމެ ބޮޑު އެއް ނޭވީ އުޅަނދެވެ. މިބޯޓު އުފައްދާ އަދި ޓެސްޓު ކުރުމަށް 17 އަހަރު ނަގާފައި ވެއެވެ.

ނަރެންދުރަ މޯދީގެ ސަރުކާރުން ދާދި ފަހުން ވަނީ، އިންޑިޔާ އިން އަމިއްލައަށް އުފައްދާފައިވާ، ހަމަލާ ދިނުމަށް ބޭނުން ކުރެވޭ ހެލިކޮޕްޓަރު ވެސް ދައްކާލާފައެވެ. މި ހެލިކޮޕްޓަރުތަކަކީ ހިމާލިޔާ ފަރުބަދަތައް ފަދަ އުސް ހިސާބުތަކުގައި ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށް އުފައްދާފައިވާ ހެލިކޮޕްޓަރުތަކެކެވެ.

އިންޑިޔާއަކީ މިވަގުތު ހަތިޔާރު އެންމެ ގިނަ އަދަދަކަށް އިމްޕޯޓްކުރާ ގައުމު ނަމަވެސް މިހާރު އެގައުމުން މަސައްކަތް ކުރަމުން ދަނީ އަމިއްލަ ހަތިޔާރު އިންޑަސްޓްރީ ފުޅާކޮށް ވަރުގަދަކޮށް އަމިއްލައަށް ހަތިޔާރު އުފެއްދުމަށެވެ. 

މިވަގުތު އިންޑިޔާއިން އެންމެ ގިނައިން ގަންނަނީ ރަޝިޔާގައި އުފައްދާ ހަތިޔާރެވެ.

އިންޑިޔާއިން އަމިއްލައަށް އުފެއްދި ނިއުކްލިއަރ ސަބްމެރީން އައި.އެން. އެސް އަރިހަންތް ލޯންޗު ކޮށްފައިވަނީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން އިންޑިޔާއިން ވަނީ ސަބްމެރީނުން ފޮނުވާލެވޭ "ސަރފަސް ޓު ސަރފަސް" ދެ މިސައިލް އުފައްދާފައެވެ. މިތަނުން އެއް މިސައިލަކީ 3500 ކިލޯމީޓަރަށް ދަތުރު ކުރާ މިސައިލެކެވެ.    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް