ކ. މާލެ
|
15 އޮކްޓޯބަރ 2022 | ހޮނިހިރު 13:56
މައިން ތެރެއިން ސަލާމަތްވީ މީހެއް
މައިން ތެރެއިން ސަލާމަތްވީ މީހެއް
ގެޓީ އިމޭޖަސް
ތުރުކީގެ މައިނެއްގައި އެއްޗެއް ގޮވުން
ތުރުކީގެ މައިނެއްގައި ގޮވުމެއް ހިނގައި، 28 މީހުން މަރުވެއްޖެ
 
ގޮވުން ހިނގިއިރު މައިންގެ ތެރޭގައި 110 މީހުން ތިބި

ތުރުކީގެ ބޯޓުދެލި ނަގާ މައިނެއްގައި ގޮވުމެއް ހިނގުމުގެ ސަބަބުން މަދުވެގެން 28 މީހުން މަރުވެ އެތައްބަޔަކު ބިމު އަޑީގައި ބަންދުވެއްޖެއެވެ. ގޮވުން ހިނގިއިރު މައިންގެ ތެރޭގައި 110 ވަރަކަށް މީހުން ތިބިކަމަށް ޚަބަރުލިބެއެވެ. މީގެ ތެރެއިން ދެބައިކުޅައެއްބައި މީހުން ތިބީ 300އެއްހާ މީޓަރު އަޑީގެ ހިސާބެއްގައި ކަމަށްވެއެވެ.

ހުކުރު ދުވަހު ހިނގި މިހާދިސާއާ ގުޅިގެން ތުރުކީގެ ހެލްތު މިނިސްޓަރ ވިދާޅުވީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަގުތުން ފަށާފައިވާކަމަށާއި، މިހާތަނަށް 11 މީހުން ސަލާމަތް ކުރެވި ފަރުވާދެމުން ދާކަމުގައެވެ. އިމަރޖެންސީ އެހީ ދޭ ފަރާތްތަކުން ރޭގަނޑު އެއްކޮށް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. އެހީތެރިންގެ މަދަދާއެކު މައިން ތެރެއިން މީހުން ނެރެމުން ދިޔައިރު، އެމީހުންގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިން އެހިސާބަށް އެއްވެފައިވެއެވެ.

ގޮވުން ހިނގާފައިވަނީ މައިންގެ ތެރޭގައި، ބިމުގެ 300އެއްހާ މީޓަރު އަޑީގެ ހިސާބެއްގައެވެ. އެވަގުތު އެހިސާބުގައި 50ހަކަށް މީހުން ހަރަކާތްތެރިވަމުން ދިޔަކަމަށް އިންޓީރިއަރ މިނިސްޓަރ ސުލޭމާން ސުވައިލޫ މައުލޫމާތު ދެއްވާފައިވެއެވެ. އަދި އެހާ އަޑިން ބައެއް ހަށިތައް ބޭރަށް ނުނެރެވިދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ތުރުކީގެ މައިންގައި އެއްޗެއް ގޮވަން ދިމާވި ސަބަބު އަދި ސާފުނުވާކަމަށާއި، ނަމަވެސް ޕްރޮސެކިއުޓަރުގެ އޮފީހުން ތަހުގީގު ފަށާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ތުރުކީގެ އެނަރޖީ މިނިސްޓަރ ވިދާޅުވީ، ގޮވުން ހިނގުމުގެކުރިން މައިން ތެރޭގެ ބައެއް ތަންތަން ވެއްޓިފައިވާކަމަށާއި، ނަމަވެސް ވެންޓިލޭޝަން ނިޒާމް ރަނގަޅަށް މަސައްކަތްކުރާ ކަމަށެވެ. އަދި މައިންގެ ތެރޭގައި އަލިފާން ރޯވެފައި ނުވާކަމަށް ވިދާޅުވެފައިވެއެވެ.  

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ހޮނިހިރު ދުވަހުގެ ވަގުތެއްގައި މައިން ހުރި ހިސާބަށް ވަޑައިގެން، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ތުރުކީގެ ބޯޓުދެލި ނަގާ މައިނެއްގައި އެންމެ ހިތާމަވެރި ހާދިސާއެއް ހިނގާފައިވަނީ 2014 ވަނަ އަހަރުއެވެ. އެފަހަރުގެ ހާދިސާގައި 301 މީހުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް