ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުން އިދިކޮޅު ފަރާތްތަކާއި މެދު އަޅާ ފިޔަވަޅުތައް ދުނިޔޭގެ ތަހުޒީބުވެފައިވާ ޤައުމުތަކުން ޤަބޫލު ނުކުރާކަމަށް ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާގެ ފިރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު ދަތުރުކުރައްވަނިކޮށް، އެބޭފުޅާގެ ޕާސްޕޯޓް ދިވެހި ސަރުކާރުން ކެންސަލް ކުރި ކުރުމާއި ގުޅިގެން ރައްޖެޓީވީގެ ފަސްދޮޅަސް މިނިޓު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދިޔާނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ކަންކަން ކުރަމުންދާގޮތް ދުނިޔޭގެ ތަހުޒީބުވެފައިވާ ޤައުމުތަކަށް ވަރަށް ސާފުކަމަށެވެ. އެގޮތުން ރައީސް ޔާމީނުގެ ސަރުކާރަށް ފާޑުކިޔައި، އިދިކޮޅު ފަރާތްތަކާއިއެކު މަސައްކަތް ކުރާ ފަރާތްތަކަށް ގޯނާ އާއި ދުއްތުރާތައް ކުރަމުންދާކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ އެފަރާތްތަކާއި މެދު މި ސަރުކާރުން ފިޔަވަޅުތައް އަޅަނީ ޖިނާއީ ބިންގަލެއް ނެތި ކަމަށެވެ.
އެއްވެސް ކަހަލަ ޖިނާއީ ބިންގަލެއް ނެތި މިބާވަތުގެ ފިޔަވަޅު އަޅުއްވަމުން، ސިޔާސީ ގޮތުން އެކަހަލަ ފިޔަވަޅު އަޅުއްވަމުން ގެންދަވާކަން އެންމެންނަށްވެސް ސާފު، ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ސާފު، ތަހުޒީބު ޤައުމުތަކަށް ސާފު އިނގެތޯ. އެހެންވީމަ އަދި އެބާވަތުގެ ފިޔަވަޅެއް އެޅުއްވިޔަސް އެއީ އެހެން ގައުމުތަކުން، އެ ބަލައިގަންނާނެ ކަމަކަށް އަޅުގަނޑު ނުދެކެން
ދިޔާނާ ވިދާޅުވީ މީހުން ދަތުރުމަތީގައި ތިއްބައި ޕާސްޕޯޓް ކެންސަލްކުރުން ފަދަ ކަންކަން ކުރުމަކީ ދިވެހި ސަރުކާރުން ފަހަކަށްއައިސް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ޕާސްޕޯޓް ކެންސަލް ކުރާ ހިސާބަށް، އޭގެ އަސްލު ބިންގަލެއް އޮވެގެން ދާނަމަ، އެކަމަށް އޮންނަ އުސޫލާއި އިޖުރާޢަތްތައް ފުރިހަމައަށް ގިރާ ކުރަން ޖެހޭނެކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ މިފަދައިން ހިނގާ ކަންކަން ބަދަލުކޮށް، އިސްލާހުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.