ޔޫރަޕްގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފަށާފައިވާއިރު އެސަރަހައްދަށް ކޮވިޑްގެ އައު ރާޅެއް އެރުން ކައިރިކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ޔޫރަޕިއަން ސެންޓަރ ފޮރ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ)ން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯ އިން ޔޫރަޕަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރު ހާން ކްލޫގް އަދި އީސީޑީސީގެ ޑިރެކްޓަރު އެންޑްރޫ އައްމުން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވީ މީގެ އަހަރެއްހާ ދުވަސްކުރިން ކޮވިޑް-19ގެ ހާލަތު އޮތް މިންވަރަށްވުރެ ރަނގަޅު ހިސާބެއްގައި އޮތް ނަމަވެސް ކޮވިޑް-19 ޕެންޑަމިކް ނިމުމަކަށް ނާންނަކަން އެއީ ސާފުކޮށް އެނގޭކަމެއްކަމަށެވެ. އަދި މިހާރު ޔޫރަޕްގައި ކޭސްތައް އިތުރުވަމުން އަންނަކަމަށާއި މިއީ އައު ރާޅެއްގެ ފެށުންކަމަށް ބެލެވޭކަމަށެވެ.
ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޔޫރަޕްގައި ފާއިތުވި ހަފުތާގައި ކޮވިޑްގެ ކޭސްތައް ފެނިފައިވާ މިންވަރު ވަނީ އޭގެކުރީ ހަފުތާ އާ އަޅާބަލާއިރު 8 އިންސައްތަ އިތުރުވެފައެވެ.
ސިއްހީ މާހިރުން ވަނީ ލިބެން ހުރި ވެކްސިންތަކާއި ވެކްސިން އާ ގުޅޭގޮތުން ލިބޭ މައުލޫމާތުތަކާއި ގުޅިގެން މީހުން ބޫސްޓަރ ޑޯޒް ޖަހާ މިންވަރު ވަކި މިންވަރެއްގައި ހިފެހެއްޓި ވެކްސިން ނުޖަހާ މީހުން އެގޮތުގައި ތިބޭނެކަމުގެ އިންޒާރު ދީފައެވެ.
ޑަބްލިޔުއެޗްއޯ އާއި އީސީޑީސީން ވަނީ ވެކްސިން ނުޖަހާ ތިބި މީހުން ކޮވިޑް-19ގެ އިތުރުން އިންފްލުއެންޒާއަށް ވެސް ވެކްސިން ޖެހުމަށް އިރުޝާދު ދީފައެވެ.