ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ އެކި ހަރަކާތްތަކުގެ އަހަރަކީ ކަލަންޑަރަށް ބަލާއިރު ކުރިއަށް އޮތް އެންމެ ވަރުގަދަ އެއް އިވެންޓަކީ މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް އދއިން އިސްނަގައިގެން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުން ނުވަތަ ކޮންފަރެންސް އޮފް ޕާޓީޒް (ކޮޕް) ސަމިޓްއެވެ. ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ އެކި ހިސާބުތަކުގައި މިވަގުތު އެންމެ ގަދަވެފައި ވާ އެއް އަޑަކީވެސް މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ ވާހަކަތަކުގެ އަޑެވެ. ޒަމާނީ ޓެކްނޮލޮޖީ އެންމެ ބޮންތީގައި އޮތް ނަމަވެސް ހައްލު ނުހޯދިއޮތް ވާހަކައެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި ނުފޫޒުގަދަ ބާރުތަކުންވެސް މާ ބޮޑު މަސައްކަތެއް ނުކުރާ ވާހަކައެވެ.
މިފަދަ އެތައް ޝަކުވާއަކާގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން ފާހަގަ ކުރެވުނު އެއް ހަރަކާތަކީ ވޯލްޑް ބޭންކާ ދެކޮޅަށް، އޮކްޓޯބަރު 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ބައިސްކަލް މުޒާހަރާއެވެ. މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ އެކްޓިވިސްޓުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ބައިސްކަލް މުޒާހަރާއަކީ ފޮސިލް ފިއުލް ނުވަތަ ނެތެމުންދާ ޤުދުރަތީ ދިރުންތަކުން އުފައްދާ ހަކަތައިގެ މަޝްރޫއުތަކާއި ސިޔާސަތުތަކުގައި ވޯލްޑް ބޭންކުން އިންވެސްޓް ކުރާ ކަމުގެ ވަރުގަދަ އިލްޒާމާއެކު ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ.
އާނ. ފޮސިލް ފިއުލްގެ ދާއިރާއަށް، ވޯލްޑް ބޭންކުން ދާއިމީ ގޮތެއްގައި ދެމުންދާ ފަންޑިންގްއާ އަހަރަމެން ދެކޮޅު. ވަކިން ހާއްސަކޮށް ގްލޯބަލް ސައުތަށް ދެމުންދާ ފަންޑިންގްއާ ދެކޮޅު. އެކަމަކުގެ ސަބަބުން، ދެމެހެއްޓެނިވިކަން ނެތް ކަސްތޮޅެއްގަ އަހަރަމެންގެ ޤައުމުތައް ބައްދާލާނެ. ގެއްލުންވަނީ ހަމައެކަނި އަހަރަމެންގެ މީހުންނަށް. މީގެ ހަފުތާތަކެއް ކުރިން ފިލިޕީންސްއަށް ކުރިމަތިވި ވަރުގަދަ ތޫފާނުގެ ކާރިޘާގެ ތެރެއަށް އަނެއްކާވެސް ދަމައިގަންނާނެ. ދަނޑުވެރި ދިރިއުޅުންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ.ރޮޑޯލްފޯ ލަހޯއީ؛ މުޒާހަރާގެ ބައިވެރިއެއް
ކްލައިމެޓް އެކްޝަން ނެޓްވަރކެއް ކަމަށް ވާ ބިގް ޝިފްޓް ގްލޯބަލް އިން ވަނީ، އޮއިލް ޗޭންޖް އިންޓަރނޭޝަނަލްގެ ޕަބްލިކް ފައިނޭންސް ފޮރ އެނަރޖީ ޑޭޓާ ބޭސް އެނަލައިޒްކޮށްފައެވެ. ހޯދުންތައް ފިސާރި ޝަޢުޤުވެރިއެވެ. ބިގް ޝިފްޓް ގްލޯބަލް އިން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި، ވޯލްޑް ބޭންކު ގުރޫޕުން 2018 އާއި 2021 ވަނަ އަހަރާ ދެމެދު ކުރި އާ އިންވެސްޓްމަންޓްތަކުގެ އަގު، 14.8 ބިލިއަން ޑޮލަރާ ގާތް ކުރެއެވެ.
އެކަމަކު، އަހަރަމެންނަށް މިހާރު މި ފެންނަނީ ފޮސިލް ފިއުލްގެ ދާއިރާއަށް އެމީހުން 15 ބިލިއަން ޑޮލަރަށްވުރެވެސް އިތުރަށް ފަންޑުކުރާތީ. މީ އަދި ފުރިހަމަ ތަސްވީރެއްވެސް ނޫން. ނުސީދާ ގޮތް ގޮތުންވެސް ފަންޑިންގް އެބަދޭ. ފިލިޕީންސްއާއި އިންޑޮނޭޝިއާގެ ބޯޓުދެލި ޕްލާންޓްތަކުން އެ މަންޒަރު އެބަ ފެނޭ. އަހަރަމެން ބޭންކަށް މި ޑިމާންޑް ކުރަނީ މިހާރުން މިހާރަށް އެކަން ހުއްޓާލަން.މަރކް މޮރީނޯ ޕަސްކުއާލް؛ މުޒާހަރާގެ ބައިވެރިއެއް
އެންމެ އަގު ބޮޑު މަޝްރޫއަކަށް ފާހަގަ ކުރެވިފައި ވަނީ ޓްރާންސް-އެނަޓޯލިއަން ޕައިޕްލައިން މަޝްރޫއެވެ. އެއީ މުޅި ތުރުކީވިލާތުގެ އެއްކޮޅުން އަނެއްކޮޅަށް ދަމާލާ ގުދުރަތީ ގޭސް ހޮޅިއެކެވެ. އަންދާޒާ ކުރެވޭ ގޮތުގައި އެ ހޮޅި މެދުވެރިކޮށް، އަހަރެއްގެ މައްޗަށް 16 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް، އަޒަރުބައިޖާނުން ވިލާތަށް ބޭރު ކުރާނެއެވެ. އެއީ އަޒަރުބައިޖާނުން އަހަރެއްގެ މައްޗަށް މިހާރު ބޭރު ކުރަމުންދާ ގޭހުގެ މިންވަރާ އަޅާ ބަލާއިރު، 3 ގުނައަށްވުރެވެސް އިތުރު ޢަދަދެކެވެ.