ގެއްލުންދެނިވި ހަތިޔާރު އިތުރުވާ މިންވަރު ހުއްޓުވުމަށްޓަކާ ބައިނަލްއަގުވާމީ މުޖުތަމަޢުން ސިޔާސީ ޢަޒުމު ވަރުގަދަކޮށް، ވީހާވެސް ގާތްކަމާއެކު، އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާ، އދގެ ފަޔަރއާމްސް ޕްރޮޓޮކޯލް ތަސްދީޤުކޮށް ޗައިނާއިން އެ މަސައްކަތް މިހާރުވެސް ފަށާފައި ވާ ކަމަށް، ޗައިނާގެ އާމްސް ކޮންޓްރޯލް އޮފިޝަލު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގައި ވާހަކަދައްކަވަމުން ޑިޕަރޓްމަންޓް އޮފް އާމްސް ކޮންޓްރޯލްގެ ޑައިރެކްޓަރ ޖެނެރަލް ފޫ ކޮންގް ވިދާޅުވީ، ގެއްލުންދެނިވި ހަތިޔާރުގެ ވިޔަފާރި ހުއްޓުމަކަށް ގެނައުމަށް، ބައިނަލްއަޤުވާމީ ބައިވެރިންނާއެކު މަސައްކަތް ކުރުމަށް ޗައިނާ މިހާރުވެސް ތައްޔާރަށް އޮތް ކަމަށެވެ. އދގެ ފަޔަރއާމްސް ޕްރޮޓޮކޯލް ތަސްދީޤުކޮށްގެން، ބަޑި ގެންގުޅުމުގެ ކަންކަން، ހަރުކަށި ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތަށް ޗައިނާއިން އެއްބާރުލުން ދޭނެ ކަމަށްވެސް ފޫ ވަނީ ވިދާޅުވެފައެވެ.
އެފްރިކާއާއި ލެޓިން އެމެރިކާގެ ޤައުމުތަކަށް މިކަމުގެ ސަބަބުން ވަނީ ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފަ. ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކިބައިން އެދެމުން އެދަނީ ބަޑި ގެންގުޅުމުގެ އުސޫލުތައް ހަރުކަށިކޮށްދިނުމަށް. ހުރިހާ އެންމެނަށްވެސް އަމާން، ރީތި ދުނިޔެއެއް ޤާއިމުކޮށްދިނުމަށް. އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ ހައިސިއްޔަތުން، ފަޔަރއާމްސް ޕްރޮޓޮކޯލް އާ ހަރުފަތަކަށް ގެންގޮސް، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތް ކުރަން ޗައިނާ ތައްޔާރު. ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސުލްހައާއި ހަމަޖެހުން ޤާއިމުކޮށް ދެމެހެއްޓުމަށް ޗައިނާއިން އެއްބާރުލުން ދޭނެ.ފޫ ކޮންގް؛ ޑިޕަރޓްމަންޓް އޮފް އާމްސް ކޮންޓްރޯލްގެ ޑައިރެކްޓަރ ޖެނެރަލް
އދގެ ފަޔަރއާމްސް ޕްރޮޓޮކޯލް އަކީ، ޤަވައިދާ ޚިލާފަށް ހަތިޔާރު އުފެއްދުމާ، އޭގެ ވަގު ވިޔަފާރި ކުރުމާ، އެ ހަތިޔާރުގެ ބައިތަކުގެ ވިޔަފާރި ބައިނަލްއަޤުވާމީ ފެންވަރުގައި ކޮންޓްރޯލްކޮށް ހުއްޓުވުމަށް، ދުނިޔޭގެ ފެންވަރުގައި އެކުލަވާފައިވާ، ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ އެފަދަ ހަމައެކަނި އެއްބަސްވުން ކަމަށް އދގެ ޑްރަގްސް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ)އިން ބުނެއެވެ.
އދގެ ފަޔަރއާމްސް ޕްރޮޓޮކޯލްއަކީ 2005 ވަނަ އަހަރު ތަންފީޒު ކުރަން ފެށި ޕްރޮޓޮކޯލްއެއް ކަމުގައި ވީ ނަމަވެސް، އެ ޕްރޮޓޮކޯލްގައި އަދި މިހާތަނަށް ސޮއިކޮށްފައި ވަނީ އެންމެ 122 ޤައުމަކުންނެވެ. 122 ޤައުމަކުން ސޮއި ކުރި ކަމުގައި ވީ ނަމަވެސް، ގެއްލުންދެނިވި ހަތިޔާރުތަކުގެ ވަގު ވިޔަފާރި އިތުރު ވަމުން ދަނީ ކަންބޮޑުވާން ޖެހޭ ރޭޓެއްގައެވެ. ޤައުމުތަކުގެ ހަމަޖެހުން ނަގާލަމުން ގޮސް، އާންމު ދިރިއުޅުމަށްވެސް އެ ކަމުގެ ނޭދެވޭ އަސަރު ވަނީ ފޯރާފައެވެ.
ބަޑި ފަދަ، ގެއްލުންދެނިވި ހަތިޔާރު ގެންގުޅެވޭ އުސޫލުތައް ހަރުކަށި ކުރުމަށް އެންމެ ފާޅުގައި ދެކޮޅު ހަދަމުން ދާ އެއް ޤައުމަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީ ކަމަށް ވަކާލާތު ކުރާ އެމެރިކާއެވެ. އެމެރިކާއަކީ އދގެ ފަޔަރއާމްސް ޕްރޮޓޮކޯލްގައި ސޮއިވެސް ނުކުރާ ޤައުމެކެވެ. ނަމަވެސް، ބަޑީގެ ހަމަލާތަކުގައި އާންމުން މަރުވުމުގެ ހާދިޘާތައް، ވަބާއެއްގެ ދަރަޖައަށް އޮތް ޤައުމެކެވެ.
އަހަރަމެން އުއްމީދު ކުރަން، ވަކިން ހާއްސަކޮށް ވަރުގަދަ ޤައުމުތަކުން މިކަމުގައި ސިޔާސީ ޢަޒުމު ވަރުގަދަކޮށް، ބިނާކުރަނިވި ފިޔަވަޅުތަކެއް އަޅާ، ކެންސަރެއް ފަދަ، ގެއްލުންދެނިވި ބަޑި ފަދަ ހަތިޔާރުތައް ގެންގުޅުން ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް.ފޫ ކޮންގް؛ ޑިޕަރޓްމަންޓް އޮފް އާމްސް ކޮންޓްރޯލްގެ ޑައިރެކްޓަރ ޖެނެރަލް
އެމެރިކާގައި ބަޑި ފަދަ ހަތިޔާރުތައް ގަތުމަކީ ނުހަނު ފަސޭހަ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ޣައިރު ޤާނޫނީ ހަތިޔާރުތަކުގެ އެންމެ ބޮޑު މަސްދަރަކަށް ވެފައި ވަނީވެސް އެމެރިކާއެވެ.