ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 11:24
އޮކްޓޯބަރު 6 ވަނަ ދުވަހުގެ ހާދިޘާގައި ޑޭކެއާ ސެންޓަރުގައި މަރާލި 22 ކުދިންގެ ތެރެއިން 11 ކުދިން ތިބީ ނިދާފައި ކަމަށް ތައިލޭންޑުގެ ފުލުހުން ބުނޭ
ތައިލެންޑުގެ ޑޭކެއާ ސެންޓަރަށް ދިން ހަމަލާ
ތައިލޭންޑުގެ ޑޭކެއާ ޤަތުލުއާންމުން ކޫރުމަކާ ވެސް ނުލާ "އައްމީ" ސަލާމަތްވީ ކިހިނެއް؟
ކުލާހުގެ ކަނުން އައްމީ ނަގައިގެން، އެތަނުން އޭނާ ނެރެދިން މީހާ އެކަން ކުރީ އެ މަޢުސޫމު ކުއްޖާގެ ބޮލުގައި ފޮތިގަނޑު އަޅައިގެން މަރުވެފައިވާ އެކުވެރިންނާއި މުދައްރިސުންގެ ހަށިގަނޑުތައް ނުފެންނަ ގޮތަށް
އައްމީ ގައިގައި ލޭގެ ނިޝާނެއް ނެތްކަން ފާހަގަވުމުން، އެހެން ކުދިންގެ ހާލު ބަލަން ދިއަ ގަޑީގަ އައްމީ އަށް ހޭލެވުމުން ވެގެން އުޅޭ ގޮތެއް އައްމީއަށް ނާންގަން ފޮތިގަނޑުން ނިވާކުރުވި
ކުލާހުގެ ކަނެއްގައި، އެ ކުއްޖާ ނިދިފަ އޮތީ ރަޖާގަޑެއްގެ ދަށުގައި، އައްމީގެ މައިންބަފައިން ބުނާ ގޮތުގައި، އެ ދަރިފުޅުގެ ފުރާނަ ސަލާމަތްވި ސަބަބަކީ އެއީ

އޮކްޓޯބަރު 6 ވީ ބުރާސްފަތި ދުވަހު މުޅި ދުނިޔެ ސިއްސުވާލީ ތައިލޭންޑު ފުލުހުންގެ ޚިދުމަތުން ވަކިކޮށްފައިވާ މީހަކު، އެ ޤައުމުގެ ޑޭކެއާ ސެންޓަރަކަށް ވަދެ ޤަތުލްޢާންމު ހިންގާ ގިނަ ޢަދަދެއްގެ ކުޑަކުދިން މަރާލި ޚަބަރުންނެވެ. 23 ކުއްޖެއްގެ ފުރާނަ ގެއްލިދިޔަ ޤަތުލްޢާންމުގައި އެންމެ ގިނަ ޢަދަދަކަށް ކުދިން މަރުވި ޑޭކެއާގައި އެ ވަގުތު ހުރި އުމުރުން އެންމެ 3 އަހަރުގެ ކުއްޖަކު، ގައިގައި ކޫރުމެއް ވެސް އެޅިނުލާ ސަލާމަތްވި ހާދިޘާއިން ވެސް ގިނަ ބަޔަކަށް ވަނީ ސިހުން ގެނުވާފައެވެ. އެ ބިރުވެރި ކަމާއި ނާމާން ކަމުގެ ވަގުތު، އެ ތުއްތު ކުއްޖާ އޮތީ ޑޭކެއާ ކުލާހުގެ ކަނެއްގައެވެ.

ޕަވިނޫތު ސުޕޯލްވޮންގް ނުވަތަ ލޯބިން ކިއާ އުޅޭ ގޮތުން ނަމަ، "އައްމީ" އަކީ އާންމު ގޮތެއްގައި ނިދި މަޑު ކުއްޖެކެވެ. ނަމަވެސް، ބުރާސްފަތި ދުވަހު، އޭނާގެ ޑޭކެއާގެ ތެރެއަށް، އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ވެސް ނެތް ޤާޠިލުވަދެގެން އައި އިރު، އޭނާއަށް އޮތީ ނިދިފައެވެ. އެކުގައި އުޅުނު 22 ކުދިން މަރާލި އިރުވެސް، އައްމީއަށް އޮތީ ނިދިފައެވެ. ކުލާހުގެ ކަނެއްގައި، ރަޖާގަނޑެއްގެ އަޑީގައެވެ. އޭނާގެ މޫނު ވެސް އޮތީ ރާޖަގަނޑުގެ ދަށުގައެވެ. އައްމީގެ މައިންބަފައިން ބުނާ ގޮތުގައި، އެ ދަރިފުޅުގެ ފުރާނަ ސަލާމަތްވި ސަބަބަކީ ވެސް އެއީއެވެ.

ޑްރަގްސްގެ މައްސަލައެއްގައި ފުލުހުންގެ ޚިދުމަތުން ވަކި ކުރި ޕަންޔާ ކަމްރަޕްގެ ޝިކާރައަކަށް އެ ދުވަހުވީ 30 މީހުންގެ ތެރޭގައި ނުހިމެނުމުގެ އިތުރުން، ގައިގައި ކޫރުމެއް ވެސް ނޭޅި ސަލާމަތްވީ ހަމައެކަނި ފުރާނައަކީ ވެސް އައްމީއެވެ. އައްމީގެ މަންމައަށް ކުރެވެމުން ދަނީ ބަޔާންވެސްކޮށްދޭން ދަތި އިޙްސާސްތަކެކެވެ.

ބުނާނެ އެއްޗެއް ވެސް އަސްލު މަށަކަށް ނޭނގޭ. ޝޮކެއްގަ މި އިންނަނީ. އެހެން ޢާއިލާތަކަށް ޒިޔާރަތްކޮށްލީމަ، އެމީހުންގެ ހިތުގައި އަޅަމުންދާ ވޭން އިޙްސާސް ކޮށްލެވޭ. ދެން ދަރިފުޅުގެ މޫނަށް ބަލާލާފަ، އެ ދަރިފުޅު ސަލާމަތްވީތީ އުފާކޮށްލެވޭ. މަސްހުނި އިޙްސާސްތަކެއް ކުރެވެނީ. ހިތާމަ ވެސް ކުރެވޭ. ޝުކުރުވެރި ވެސް ވެވޭ.
ޕަނޮމްޕައި ސިތޯންގް؛ އައްމީގެ މަންމަ

ގޭގެ ގޯތިތެރޭގައި ހައްދާފައިވާ މާބަގީޗާތަކުގެ ތެރޭގައި ކުޅެން ހުރި އައްމީއާ ބެހޭ ގޮތުން ވާހަކަދައްކަމުން އޭނާގެ މައިންބަފައިން ބުނީ، އޮކްޓޯބަރު 6 ވަނަ ދުވަހުގެ ހާދިޘާގެ އެއްވެސް ހަނދާނެއް އެ ދަރިފުޅުގެ ނެތް ކަމަށެވެ. ކުލާހުގެ ކަނުން އައްމީ ނަގައިގެން، އެތަނުން އޭނާ ނެރެދިން މީހަކު އެކަން ކުރީ ވަރަށް ރަނގަޅަށެވެ. އެ މަޢުސޫމު ކުއްޖާގެ ބޮލުގައި ފޮތިގަނޑު އަޅައިގެންނެވެ. ލާއިންސާނީ ޤާޠިލެއްގެ ރަޙުމެއް ނެތް ހަމަލާތަކުން ޒަޚަމްވެ، މަރުވެފައިވާ އެކުވެރިންނާއި މުދައްރިސުންގެ ހަށިގަނޑުތައް ނުފެންނަ ގޮތަށެވެ.

އައްމީގެ ހާލު ބެލި މީހާއަށް ފާހަގަ ކުރެވުނު އައްމީ ގައިގައި ލޭގެ ނިޝާނެއް ނެތްކަން. ދެން އޭމީހާ ދިޔައީ އެހެން ކުދިންގެ ހާލު ބަލަން. އެ ގަޑީގަ އައްމީ ހޭލެވުނީ. އައްމީއަށް ހޭލެވުނީ ފާރަށް ކުރިމަތިލައިގެން ހުރި ކަހަލަ ގޮތަކަށް. އައްމި ނިދާފަ އޮތީ އޭނާގެ އެންމެ ގާތް އެކުވެރިޔާ، ޓެޗިން ނިދާފަ އޮތް ކަނާ ދިމާ އިދިކޮޅަށް. ސަލާމަތް ކުރަން ވަތް މީހާއަށް ފެނުނު އައްމީ ހޭލާތަން. އެމީހުން ހިސާބުން ފޮތިގަނޑަކުން އައްމީ ނިވާކޮށްލި. ވެގެން އުޅޭ ގޮތެއް އައްމީއަށް ނާންގާންވެގެން. ވީ އެއްވެސް ގޮތެއް އެ ދަރިއަކަށް ނޭނގޭނެ.
ޕަނޮމްޕައި ސިތޯންގް؛ އައްމީގެ މަންމަ

އޮކްޓޯބަރު 6 ވަނަ ދުވަހުގެ ހާދިޘާގައި ޑޭކެއާ ސެންޓަރުގައި މަރާލި 22 ކުދިންގެ ތެރެއިން 11 ކުދިން ތިބީ ނިދާފައި ކަމަށް ތައިލޭންޑުގެ ފުލުހުން ބުނެއެވެ. އެ ދުވަހުގެ ހާދިޘާގައި މަރުވި 23 ވަނަ ކުއްޖަކީ، ޤާޠިލުގެ އަމިއްލަ ދަރިފުޅެވެ.

އެ ނާމާން ހާދިޘާއިން އައްމީ ސަލާމަތް ވުމަކީ، ހިތްދަތިކަމުގެ ތެރޭގައި ޣަރަޤު ވަމުން ދިޔަ އެ އަވަށަށް ލިބުނު އުފަލަކަށް ވަނީ ވެފައެވެ. ނަމަވެސް އައްމީއަށް ޙަޤީޤަތް ކިޔާދިނުމަށް ވަނީ މަޖުބޫރުވެފައެވެ. އައްމީގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ، އުމުރުން 2 އަހަރުގެ ޓެޗިންއާއި، އޭނާގެ މުދައްރިސް ވަނީ އެ ބިރުވެރި ހާދިޘާގައި މި ދުނިޔެ ދޫކޮށްފައެވެ. އެ 2 މީހުން މަރުވި ކަން އައްމީއަށް އެނގެއެވެ. ނަމަވެސް، ހާދިޘާގެ މާ ބޮޑު ވާހަކަތަކެއް އައްމީއަކަށް އަދި ރެއަކާ ނުލައެވެ. ހުރިހާ އެކުވެރިން މި ދުނިޔޭގައި ނެތްކަމެއްވެސް ނޭނގެއެވެ.

- ކޮމެންޓް