ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ހުޅުމާލެ މެންޓަލް ހެލްތު ސެންޓަރުން ޚިދުމަތް ދެމުންދާނީ ކޮލިޓީ ނުގެއްލޭގޮތަށް ވީހާވެސް ގިނަ މީހުންނަށް ޚިދުމަތް ދީގެންކަމަށް އެސެންޓަރުގައި މަސައްކަތްކުރައްވާ ސައިކިއެޓްރިސްޓު ޑރ. މައުމޫން ޝަރީފް ވިދާޅުވެއްޖެއެވެ.
ހުޅުމާލެ މެންޓަލް ހެލްތު ސެންޓަރުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ މައުމޫން ވިދާޅުވީ އެސެންޓަރަށް އެންމެ ފުރަތަމަ ބަލި މީހާ އަންނައިރު ބަލި މީހާގެ ތަފްސީލީ މައުލޫމާތު ހޯދާނެކަމަށެވެ. އެގޮތުން ގާތްގަނޑަކަށް އެއް ގަޑިއިރު ބަލި މީހާގެ މައުލޫމާތު ހޯދުމުގައި ހޭދަކުރުމަށްފަހު ބަލި މީހާއަށް ދޭންޖެހޭ ފަރުވާއާ މެދު ގޮތެއް ނިންމާނެކަމަށެވެ. އެހެންކަމުން ހުޅުމާލެ ހޮސްޕިޓަލުގެ އެހެން ޑިޕާޓްމަންޓުތަކަށްވުރެ މެންޓަލް ހެލްތު ސެންޓަރުގެ ވެއިޓިން ލިސްޓު ދިގުވާނެކަމަށެވެ. އަދި ބަލި މީހުން ކޮންމެ ދުވަހަކު ވެސް ބަލާނެ ވަކި މިންވަރެއް ކަނޑައަޅާފައިވާނެކަމަށް ޑރ. މައުމޫން ވިދާޅުވިއެވެ.
ނަމަވެސް ސެންޓަރުން އިސްކަން ދެމުންދަނީ ކޮލިޓީ ހިފެހެއްޓުމާ އެކު ވީހާވެސް ގިނަ ބަލި މީހުންނަށް ޚިދުމަތް ދިނުމަށްކަމަށް ޑރ. މައުމޫން ވިދާޅުވިއެވެ. އަދި ވެއިޓިން ލިސްޓު އެކުލަވާލުމުގައި އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ މީހުންނަށް ބަލާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ހުޅުމާލެ މެންޓަލް ހެލްތު ސެންޓަރަށް ދައްކަން ބޭނުންވާ ބަލި މީހުން ޑޮކްޓަރަށް ދެއްކުމަށް ހުޅުމާލެ ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރު 1417ށް ގުޅުމުން އެޕޮއިންޓްމަންޓު ހެއްދޭނެކަމަށް ހުޅުމާލެ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މާރިޔާ ސައީދު ވިދާޅުވިއެވެ. 1417ށް ގުޅާ މެންޓަލް ހެލްތު ސެންޓަރުން ޚިދުމަތް ބޭނުންވާ މީހުންގެ ލިސްޓު ކޮންމެ ދުވަހަކު ވެސް އެ ސެންޓަރަށް ފޯރުކޮށްދޭނެކަމަށް މާރިޔާ ވިދާޅުވިއެވެ.
ދެން އެތަނުން ގުޅާނެ އެބޭފުޅާއަށް އެދުވަހު. ގުޅާފައި ބަލި މީހާގެ ހާލަތު ހުރި ގޮތް ބަލާނެ. އަދި އެންމެ އަވަހަށް އެޕޮއިންޓްމަންޓު ދޭން ޖެހޭ މީހުންނަށް އެޕޮއިންޓްމަންޓު ދެމުންދާނެ. ވެއިޓިން ލިސްޓް ތަރުތީބު ކުރެވެމުންދާނީ އެގޮތަށް. މެންޓަލް ހެލްތު ޑިޕާޓްމަންޓުން އެޕޮއިންޓްމަންޓުތައް ހަމަޖައްސަމުންދާނީ.މާރިޔާ ސައީދު / ހުޅުމާލެ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު
ބަލި މީހާއަށް ޚިދުމަތް ދެމުންދާނެ ގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. މައުމޫން ވިދާޅުވީ ބަލި މީހާ އެންމެ ފުރަތަމަ ބަލާނީ ސައިކިއެޓްރިސްޓެއް ކަމަށެވެ. އެއީ މެޑިކަލް ޑޮކްޓަރަކަށްވުމާ އެކު އެންމެ ފުރަތަމަ ބަލާނީ ބަލި މީހާގެ ހުރީ ނަފްސާނީ ބައްޔެއްތޯ ނުވަތަ ނޫންތޯ ކަމަށް ޑރ. މައުމޫން ވިދާޅުވިއެވެ.
ބަލި މީހާގެ ހިސްޓްރީ ރަނގަޅަށް ބެލުމަށްފަހު އާއި ހުރިހާ އިންވެސްޓިގޭޝަންތައް ހެދުމަށްފަހު އެއީ ކޮންކަމެއްތޯ ބަލާނެކަމަށާއި ބޭސް ފަށާނީ އެއީ ބޭސް ފަށަން ޖެހޭކަމެއްކަމަށް ވާނަމަކަމަށެވެ. ބަލި މީހާއަށް ހުޅުމާލެ މެންޓަލް ހެލްތު ސެންޓަރުން ޚިދުމަތް ދެމުންދާނީ ޓީމެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ދެވޭ ފަރުވާ ވެސް ރަނގަޅުވެގެންދާނެކަމަށް ޑރ. މައުމޫން ވިދާޅުވިއެވެ.
ކޮންމެހެން ހުރިހާ ނަފްސާނީ ބައްޔަކަށް ބޭސް ފައްޓާކަށް ނުޖެހޭ. އެންމެ ރަނގަޅު ގޮތަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ގެންދަމުން ކްލިނިކަލް ސައިކޮލޮޖިސްޓެއްގެ އެހީއާއެކު ތެރަޕީއެއް ފެއްޓުން. ތެރަޕީގެ އެކި ވައްތަރުގެ ތެރަޕީ ހުންނާނެ. ކުޑަ މުއްދަތަކަށް ދޭ ތެރަޕީ ކައުންސިލުން، ވާހަކަދައްކައިގެން ކޮންމެސް ވަރަކަށް ސްޓްރެސްތަކާއި ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދޭނެ. އޭގެ އިތުރުން ދިގު މުއްދަތަކަށް ދޭ ފަރުވާތައް ހުންނާނެ. ސިކުނޑިއަށް އަންނަ ހިޔާލުތަކާއި އަންނަ ނޭދެވޭ ޖަޒުބާތުތައް ބަދަލުކުރާނެ ގޮތްތައް ކިޔައިދޭނެ. ދެން ކުއްލި ކުއްލި އަށް ޖަޒުބާތަށް އަންނަ ބަދަލުތައް ކޮންޓްރޯލްކުރާނެ ގޮތްތަކާއި އުކުޅުތާ އެއްޗެހި ދަސްކޮށްދޭނެ. ސައިކޮލޮޖިސްޓުން ދޭ ޓްރީޓްމެންޓް ދިގުވާނެ. އެހެންވީމާ އެމީހުން ބަލާނީ މަދު ޕޭޝަންޓުން. ނަމަވެސް ސައިކިއެޓްރީ މީހާ ބެލުމަށްފަހު ދެން ރިފާކުރާނެ.ޑރ މައުމޫން ޝަރީފް / ސައިކިއެޓްރިސްޓް
މި ސެންޓަރު ކުރިޔަށްދަނީ އިންޑިއާގެ ކެޑަބަމްސްއާ ގުޅިގެން ކަމަށްވުމާ އެކު، އިތުރަށް ކޭސް ރިވިއުކުރުމަށްފަހު ކޭސްތައް ކުރިޔަށްގެންދާނެ ގޮތުގެ އިރުޝާދު ލިބެމުންދާނެކަމަށް ޑރ. މައުމޫން ވިދާޅުވިއެވެ. އަދި ސެންޓަރުގެ މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވެސް ނަފްސާނީ ބަލި މީހުންނަށް މުއާމަލާތްކުރާނެ ގޮތްތަކުގެ ޕްރޮގްރާމްތައް ކުރިޔަށް އޮތްތަނުގައި ގެންދެވޭނެކަމަށް ޑރ. މައުމޫން ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ މިއަހަރުގެ މެއި މަހުން ފެށިގެން ކެޑަބަމްސްއާ ގުޅިގެން މިސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ވަކިން ސެންޓަރެއް ގާއިމުކުރުމުގެ ކުރިން ވެސް ނަފްސާނީ ބަލިތަކަށް ފަރުވާދެމުން ގޮސްފައިވާކަމަށާއި ފާއިތުވި ދެ މަސް ދުވަސް ތެރޭގައި 265 މީހަކަށް އޯޕީޑީ ޚިދުމަތް ދީފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.
މިސެންޓަރު ގާއިމުކުރުމަށް ފަންނީ މީހުން ހޯދުމަކީ ދިމާވި ގޮންޖެހުމެއްކަމަށާއި އެހެންކަމުން ކުރިޔަށް އޮތްތަނުގައި ފަންނީ މީހުން އުފެއްދުމުގައި ސެންޓަރުން މަސައްކަތްތަކެއް ކުރާނެކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގައި ސައިކޮލޮޖީ ކިޔެވުމުގެ ފުރުސަތު އޮންނައިރު ލައިސަންސް ނުލިބެނީ ސްޕަވައިޒަރެއްގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދަންޖެހޭ ޕްރެކްޓިކަލް ބައި ކުރިޔަށް ނުގެންދެވިގެންކަމަށާއި ހުޅުމާލެ މެންޓަލް ހެލްތު ސެންޓަރުން އެކަން ފުރިހަމަކޮށްދޭނެކަމަށް މާރިޔާ ވިދާޅުވިއެވެ.
ހުޅުމާލޭގައި ހުޅުވުނު އެ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރަކީ މި ސަރުކާރުން ނަފްސާނީ ޞިއްޙަތަށް ޚާއްސަ އިސްކަމެއް ދެއްވާ ސަރުކާރުގެ ގައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ކުރެވޭ މަސައްކަތްތަކުގެ ދަށުން ހުޅުވުނު ތަނެކެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކުގެ ފަންނީ މާހިރުން މެދެވެރިކޮށް ހެދޭ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ އެސެސްމަންޓުތައް ހެދުމާއި، ކައުންސިލިން ދިނުމާއި، ކޮގްނިޓިވް ބިހޭވިރަލް ތެރަޕީ އަދި ޑައިލެކްޓަރަލް ބިހޭވިރަލް ތެރެޕީ ފަދަ މުހިންމު ޚިދުމަތްތައް ހިމެނެއެވެ.