މި ސީޒަންގައި ދަށް ނަތީޖާތަކެއް ހޯދަމުން އަންނަ ލިވަޕޫލް އަލުން ފޯމަށް ގެނައުމަށް އެނބުރި ބޭސިކް ޓްރޭނިންގ ހަދަން ޖެހޭ ކަމަށް ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
މި ސީޒަންގެ ޕްރިމިއަރ ލީގުގައި ލިވަޕޫލް އޮތީ ތާވަލުގެ ނުވަ ވަނަ މަގާމުގައެވެ. ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެމެޗުންނެވެ. މި ސީޒަންގެ ހުރިހާ މުބާރާތެއް އެއްކޮށް ލިވަޕޫލް ވަނީ މިހާތަނަށް ނުވަ މެޗު ކުޅެފައެވެ. މި މެޗުތަކުގައި ލިވަޕޫލް ކޮޅަށް 14 ލަނޑު ވަދެފައިވެއެވެ. ބައިކޮޅަށް ލަނޑެއް ނުވަދެ ނިންމާލެވުނީ އެންމެ ދެމެޗެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ކްލޮޕް ބުނީ ވަކިން ޚާއްސަކޮށް ޓީމުގެ ޑީފެންސްލައިން ރަނގަޅު ކުރުމަށް ބޭސިކް ޓްރޭނިންގ ބޭނުންވާ ކަމަށެވެ. އަދި މިއީ ގިނަ ދުވަސް ނަގާނެ މަސައްކަތެއްކަން ފާހަގަކޮށް ކްލޮޕް ބުނީ މި މަސައްކަތުގެ ނަތީޖާ ވަގުތުން ނުފެންނާނެ ކަމަށެވެ.
މީގެ އިތުރުން, ލިވަޕޫލްގެ ޑިފެންސް ލައިނުން މި ސީޒަންގައި އެއްކަހަލަ މިސްޓޭކުތަކެއް ގިނަ އަދަދަކަށް ރިޕީޓް ކޮށްފައިވާކަން ކްލޮޕް ފާހަގަކުރިއެވެ. އޭނާ ބުނީ ބޭސިކް ޓްރޭނިންގ ހަދަން ޖެހޭ މައިގަނޑު ސަބަބަކީ މިސްޓޭކުތައް ތަކުރާރުވެ, ރަނގަޅު ނުކުރެވުން ކަމަށެވެ.