ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 16:19
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ރާއްޖެއެމްވީ
ފީޗަރ ރިޕޯޓް
ނައިވާދޫގައި ރައީސް ޞާލިޙު ދޫނުކުރާން އުޅުނު ތުއްތު ކުއްޖާ
 
އެކުއްޖާއާއި ނައިވާދޫގެ ތަފާތު ފޮޓޯ

އެއީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރެއެވެ. އެއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ އެންމެ ފޯރިގަދަ  ދުވަސްވަރެވެ. ކެނޑިޑޭޓުން ކެންޕެއިންގައި ހޭލަމޭލަވެވަޑައިގެން އުޅުއްވި ވަގުތެވެ. ކުއްލިއަކަށް މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓުނީ ތަފާތު ފޮޓޯއަކަށެވެ. މީސް މީޑިއާގައި ވައިރަލްވެގެން ދިޔައީ އެފޮޓޯއެވެ.

އެއީ ތުއްތު ކުއްޖެއްގެ ފޮޓޯއެކެވެ. މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އޭރުގެ އިދިކޮޅު ކެނޑިޑޭޓް, އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) ތުއްތު ކުއްޖަކު އުރުވަޑުވައިގެން ހުންނެވި ފޮޓޯއެކެވެ. ކެމްޕެއިންގައި ހދ. ނައިވާދޫއަށް ވަޑައިގެން، ކެމްޕެއިން ހަރަކާތުގައި އުޅުއްވަނިކޮށް ބައްދަލުވެވަޑައިގަތް ކުއްޖެކެވެ. އާދައިގެ މަތިން އިބޫ އެކުއްޖާ އުރުވަޑުވާލައްވައެވެ. ކުޑައިރުކޮޅަކު އުރުވަޑުވައިގެން ހުންނެވުމަށްފަހު އެކުއްޖާގެ މާމަ އަތަށް ކުއްޖާ ދެއްވުމަށް މަސައްކަތްޕުޅުކުރެއްވިއެވެ. ފޮޓޯގަނޑު ތަފާތުވީ ވަރަށް ޚާއްޞަ ސަބަބަކާ ހުރެއެވެ. އެކުއްޖާ ރައީސް ޞާލިޙު ދޫކޮށް ދާން ބޭނުން ނުވީމައެވެ. ގާތްގަނޑަކަށް އެންމެ ދޮޅު އަހަރުގެ އެކުއްޖާ އިބޫގެ ގަމީސްކޮޅުގައި ހިފައިގެން ރޮމުން ދިޔައެވެ. އެކުއްޖާގެ މާމަ އޭނާ ގެންދާންއުޅޭތީއެވެ. އިބޫއާ ވަކިނުވާން ވެގެންނެވެ. އިބޫ ދޫކޮށްލަން ބޭނުން ނުވެގެންނެވެ. އެކުއްޖާ ދިޔައީ އޭނާއަށް ލެވުނުހާ ބާރެއް ލާފައި އިބޫގެ ގައިކޮޅުގައި ހިފަހައްޓަމުންނެވެ. މާމާއޭ ތިޔަހެން ނުހަދާށޭ ބުނާފަދަ ގޮތަކަށް ބާރަށް ރޮމުންނެވެ.

އިސާހިތަކު އެދުވަސްވަރު މުޅި ސޯޝަލް މިޑީޔާގައި އެފޮޓޯގަނޑު ފެތުރުނެވެ. ތަފާތު ގިނަ ހެޔޮ ކޮމެންޓްތަކާއެކުގައެވެ. ހަމަ ހަގީގަތުގައިވެސް އެފޮޓޯއަށް ގިނަބަޔަކު "ލައިކް" ވިއެވެ. އެފޮޓޯ ހިމަނައިގެން ރާއްޖެއެމްވީގައި ޝާއިއުކުރި ރިޕޯޓް، ގަޑިއެއްހާއިރު ތެރޭގައި އެކަނިވެސް ސާޅީސް ހާހަށްވުރެ ގިނަ މީހުން ކިޔައި ލައިކް ދީފައިވެއެވެ. އެއީ އޭރުގެ ހާލަތަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. އެފޮޓޯއާއެކު ރީޓްވީޓްކުރި މީހުންގެ އަދަދު ގުނާންވެސް ދައްޗެވެ. ފޭސްބުކް ޕްރޮފައިލްތަކަށްވެސް އޮހެމުން ދިޔައީ ހަމަ އެފޮޓޯއެވެ.

އޭގެ 4 ވަރަކަށް އަހަރު ފަހެވެ. މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ޞާލިޙު ތިލަދުންމައްޗަށް ކުރެއްވި ދަތުރެވެ. ނައިވާދޫއަށް ވަޑައިގެންނެވިއެވެ. އެރަށުގައި ފައިންޕުޅު ބީއްސެވުމާއެކު ހަނދުމަފުޅަށް އައީ ކޮންމެވެސް ތުއްތު ކުއްޖެއްގެ މަތިންނެވެ. ސީދާ އެއީ ކޮންކުއްޖެއްކަން އެނގިވަޑައިނުގަތް ނަމަވެސް ކޮންމެވެސް ކުއްޖެއްގެ ހަނދުމަފުޅު މާބޮޑަށްވެސް އާވެއްޖެއެވެ. ދަތުރުގެ ރަސްމީ ބައި ނިންމަވާލެއްވިއިރުވެސް ރައީސްގެ ހިތްޕުޅަކަށް ހަމަޖެހުމެއް ލިބިވަޑައެއްނުގެންނެވިއެވެ. މީގެ އެތަކެއް އަހަރު ކުރިން ނުވެ އޮތް އެތައް ކަމެއް އެރަށުގައި ކުރައްވައި، އަދި ބައެއް ކަންކަން ކުރައްވަމުން ގެންދަވާކަން އިއުލާން ކުރެއްވުމުގެ ހިތްޕުޅުހަމަޖެހުމާއެކު ވެސް ނޭނގޭ ނުތަނަވަސް ކަމެއް ހުއްޓެވެ. މި ނުތަނަވަސްކަން ފިއްލަވައިލެއްވުމަށްޓަކައި ހަވާސާއިން ބޭރުން، އަރިހުގައި އުޅުއްވާ ބޭފުޅުން ގާތުގައި ކޮންމެވެސް ވާހަކައެއް ވިދާޅުވިއެވެ. އެބޭފުޅުންނަށްވެސް ލިބިވަޑައިގަތީ ޝޮކެކެވެ. އެހާ ދުރު ހަނދުމަފުޅެއް ރައީސްގެ ހުރީތީ އެކަންޏެއްނޫނެވެ. އަދި އެތުއްތު ކުއްޖާއާމެދު ރައީސް ބެހެއްޓެވި ގާތްކަމަކުން އެކަންޏެއްވެސް ނުމެނޫންމެވެ. އެވިދާޅުވާ ކުއްޖާ ހޯދާނޭ ގޮތަކާމެދުއެވެ.

ކޮންމެއަކަސް ކުރެވުނު މަސައްކަތުން އެކުއްޖާ ހޯދުނެވެ. ރައީސްގެ އުއްމީދުތައް ހާސިލުވިއެވެ. މުޅި ދަތުރު ކާމިޔާބުވެވަޑައިގެންފި ކަމުގެ އިހްސާސް ކުރެއްވުނީ ދެނެވެ. މިލިއަނުން ނައިވާދޫގައި ހިންގެވި ޕްރޮޖެކްޓްގެ އުފާވެރިކަން ލިބިވަޑައިގަތީވެސް އޭގެފަހުންނެވެ. މަޑުކުރެއްވުމެއްނެތި އެކުއްޖާއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގަތީ އުފާފުޅުން ހިނިފުޅުވަޑުވަމުންނެވެ. އެކުއްޖާގެ މަންމައާވެސް ވާހަކަފުޅުދައްކަވާލެއްވިއެވެ. ހަމައެކަނި ފޮޓޯ ނެންގެވީ އެކަންޏެއްނޫނެވެ. ރައީސް ވިދާޅުވެގެން ނެގި އެ ފޮޓޯ ނެގިފައި ހުރީ ރަނގަޅަށްތޯވެސް ބެއްލެވިއެވެ.

އެކުއްޖާއަށް މިއަދު 5 އަހަރެވެ. ރައީސް މީގެ 4 ވަރަކަށް އަހަރު ކުރީގައި އެކުއްޖާއާއެކު ނެންގެވި ފޮޓޯއާ ހާސް ތަފާތެވެ. އަދި އެކުއްޖާއާ އެކުއްޖާގެ މުޅި އާއިލާގެ އިހްސާސްތައްވެސް ތަފާތެވެ. އަދި އެއަށްވުރެ ބޮޑަށް ތަފާތީ މުޅި ނައިވާދޫއެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެރަށަށް ރައީސް އޭރު ވަޑައިގެންނެވިއިރު ރަށުގެ ހާލަތު އޮތް ގޮތެވެ. އެތުއްތު ކުއްޖާއާއި އެއާއިލާ ގައިން ތާހިރުވުމަށް ރަށުގެ ބިމުން (ޚާއްޞަކޮށް ރަށުގެ ކަނޑޫފަލާއި ކައިރީގައި ހުންނަ އެގޭގެ ވަޅުން) ނަގަން ޖެހޭ ފެނުގެ ކުލައާއި ފާވަހެވެ. ވާރޭ ނުވެހި ގިނަ ދުވަސްވެއްޖެނަމަ ބޯނޭ ފެން ރަށުން ބޭރުން ގެންނަންޖެހޭ ތަކުލީފެވެ. މިއަދު ރައީސް ޞާލިޙުގެ ވެރިކަމުގައި އެވަނީ އެކަންކަން ހައްލުކޮށްދެއްވާފައެވެ.

އޭރު ސިއްހީ ހާލަތު ރަށުގައި އޮތް މިންވަރު ބުނެދޭން ޖެހޭނެ ހެނެއް ހިއެއްނުވެއެވެ. އެންމެ އާދައިގެ ކަންކަމުގައިވެސް ދާންޖެހެނީ ކުޅުދުއްފުއްޓަށެވެ. ލިބެން ނެތް ފަރުވާ ހޯދަން އެރަށަށް ދިއުން އެއީ އަދި މާބޮޑު ބައްޔެކެވެ. އެރަށަށް ދެވޭނެ އަގުގެ ގޮތުންނެވެ. 1500 ރުފިޔާއިން ފެށިގެން 2000 ރުފިޔާއާ ދެމެދުގެ އަގަކައަށް ނޫނީ އެކަން ނުވާއިރު، އެއީ އާދައިގެ ރައްޔިތަކަށް ކުޅަދާނަ މިންވަރަކަށް ނުވުމެވެ. މިއަދު އެކަން މުޅިން ބަދަލުވެއްޖެއެވެ. އެފޮޓޯގަނޑުވެސް މުޅިން ތަފާތެވެ. މިއަދު އެންމެ ތިރީހަކަށް ރުފިޔާއަށް، އަރާމު، އޭސީކުރި ފެރީގައި، މަޑު ގޮނޑީގައި އިނދެގެން އެކަން ނިންމާލެވެއެވެ.

އެގެއާ ކައިރީގައި ހުންނަ ރަށުގެ އިންޖީނުގެއާއި އިންޖީނުތައްވެސް އެވަނީ ތަރައްގީކުރެވިފައެވެ. އަދި، ހުރިހާ އިންޖީނުތައް ނިއްވާލެވޭވަރުގެ ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް އެދަނީ ކުރިއަށެވެ. ނަރުދަމާގެ މަސައްކަތް ކުރިއަށްދާގޮތުގެ ފޮޓޯގަނޑުވެސް މިއަދު ނެގިދާނެއެވެ. ކުއްޖާގެ އާއިލާއާއި ކުއްޖާއަށް ހެޔޮއެދޭނެ ކިތަންމެ ބޭބެއަކާއި ދައްތައަކަށް ރަށުން ވަޒީފާ ލިބިއްޖެއެވެ. ރިސޯޓްތަކުގައި އުޅޭ އެފަދަ ގިނަ ބޭބެތަކަށް ކުރިން ނުލިބޭހާ ބޮޑު މުސާރައެއް (ސަރވިސް ޗާޖަށް ގެނައި ބަދަލާއެކު) ލިބެންފަށައިފިއެވެ. ކުއްޖާގެ ބޮޑުބޭބެވެސް ހިމެނޭގޮތުން، ރަށުގެ ޓީޗަރުންގެ މުސާރަތައް އިންތިހާއަށް ބޮޑުވެއްޖެއެވެ. އެކުއްޖާގެ ގޭގެ ކުރިމަތީގައި އެހެރަ އެކުއްޖާވެސް ކިޔަވަންދާ ސްކޫލަށް ގެނެވޭ ބަދަލުތައް އެކުއްޖާއަށްވެސް އެބަ ފެނެއެވެ. ސްކޫލުން ދޭ ހެނދުނުގެ ނާސްތާވެސް އެކުއްޖާއަށް ވަނީ ހަމަ އާދަޔާޚިލާފު ތަފާތު ކަމަކަށެވެ. ނަގަން ރަނގަޅު ފޮޓޯއެއްގެ ގޮތުގައެވެ. ކުޅޭނެ ރަނގަޅު ދަނޑެއް ނެތިގެން އެކުއްޖާގެ ބޭބެމެން ކުރަމުން އަންނަ ޝަކުވާ އޭނާއަށްވެސް އިވެނީ އެގޭތެރެއިންނެވެ. އެކަންވެސް ހައްލުވަމުން މިހާރު އަންނަ ވާހަކަ އެބޭބެމެން ދައްކާތީ އެކުއްޖާއަށް އެކަންވެސް އެނގެއެވެ. ނަރުދަމާ އަޅަން ވަޅުލަމުންދާ ހޮޅީގެ ވާހަކަ، އެ ފޮޓޯއާއެކު މަންމަވެސް އޮތީ ކިޔައިދީފައެވެ.

ކޮންމެއަކަސް ރައީސް ޞާލިޙު ކެމްޕެއިނަށް ކުރެއްވި ދަތުރުފުޅުގައި ތުއްތު ތުއްތު އެކުއްޖާއާއެކު ނެންގެވި ފޮޓޯ ވީ ތަފާތު ފޮޓޯއަކަށެވެ. އޭގެ 4 ވަރަކަށް އަހަރު ފަހުން މިއަދު 5 އަހަރުގެ އެކުޑަކުޑަ މަންޖެއާއެކު ނެންގެވި ފޮޓޯވެސް ތަފާތެވެ. އެކަމަކު އެމަންޖެގެ އާއިލާއަށާއި ނައިވާދޫގެ ރައްޔިތުންނަށާއި އަދި ނައިވާދޫ ދަންނަ ކޮންމެ މީހަކަށް، އެ 2 ގަނޑު ފޮޓޯގެ އިތުރުން ހާސްބައި ތަފާތުވީ ނައިވާދޫގެ މިހާރުގެ ފޮޓޯގަނޑެވެ. ރަށަށް ލިބުނު ކުރިއެރުމުގެ ފޮޓޯގަނޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
11%
31%
10%
14%
1%
32%
ކޮމެންޓް
2 އޮކްޓޯބަރ 2022 | އާދީއްތަ 17:06
ހަނާ
مَا شَاءَ ٱللَّٰهُ ވަރަށް ހިތް ތިރި ހިތް ހެޔޮ ރައީސެއް.
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް