ކ. މާލެ
|
1 އޮކްޓޯބަރ 2022 | ހޮނިހިރު 07:27
އަފްޣާނިސްތާނުގައި ހުކުރު ދުވަހު ދެވުނު ހަމަލާގައި ޒަޚަމްވި ޒުވާނެއް
އަފްޣާނިސްތާނުގައި ހުކުރު ދުވަހު ދެވުނު ހަމަލާގައި ޒަޚަމްވި ޒުވާނެއް
ގެޓީ އިމޭޖަސް
އަފްޣާނިސްތާނުގައި ދިން ހަމަލާ
އަފްޣާނިސްތާނުގައި އަންހެންކުދިންގެ ތައުލީމަށް އަމާޒުކޮށް އަނެއްކާވެސް ލޮޓިއެއް
މިހަމަލާގައި މަދުވެގެން 27 މީހުން މަރުވެފައިވޭ

އަފްޣާނިސްތާނުގައި އަންހެން ކުދިން ގިނައިން ދާ ޓިއުޝަން ސެންޓަރަކަށް ހުކުރު ދުވަހު ދިން ބޮމުގެ ހަމަލާގައި 27 ޒުވާނުން މަރުވެގެންދިޔަ ހާދިސާއަކީ، އަންހެންކުދިންގެ ތައުލީމަށް އަމާޒުކޮށް ދެވުނު އިތުރު ލޮޓިއެއްކަމަށް އެކި ފަރާތްތަކުން ސިފަކުރަމުން އެބަ ގެންދެއެވެ. މަރުވި 27 މީހުންގެ އިތުރުން ތިރީހަކަށް މީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައިވުމާއެކު، މި ހަމަލާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެކަމަށް ދަނީ ބެލެވެމުންނެވެ.

600އެއްހާ ކިޔަވާކުދިން އިމްތިހާނެއް ހަދަމުން ދިޔަ ވަގުތު، އަމިއްލަ ގައިގައި ބޮން ހަރުކޮށްގެން އިމްތިހާނު ހޯލަށް ވަދެ ބޮންގޮއްވާލައިގެން ދިން މި ހަމަލާ، އެމެރިކާއާއި އދ.ގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ މިޝަންގެ އިސްވެރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިމްތިހާނު ހަދަން ހޯލަކަށް ވަދެތިބި ޒުވާނުންތަކަކަށް މިގޮތަށް ހަމަލާދިނުމަކީ ލަދުވެތި ކަމެއްކަމަށާއި، ހުރިހާ ކުދިންނަށްވެސް ބިރެއްނެތި ކިޔެވުމުގެ ފުރުސަތު ދޭންޖެހޭނެކަމަށެވެ.

ހަމަލާ ދެވުނު ޓިއުޝަން ސެންޓަރަކީ ޕްރައިވެޓް ކޮލެޖެއްކަމަށް ޚަބަރު ލިބެއެވެ. އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން މިދިޔަ އަހަރުގެ އޮގަސްޓް މަހު އަލުން އައުމާއެކު، އެގައުމުގައި ހުރި އަންހެންކުދިންގެ ގިނަ ސްކޫލްތަކާއި ކޮލެޖްތައް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ހަމަލާދެވުނު ތަން ފަދަ، ބައެއް އަމިއްލަ ސްކޫލްތަކާއި ކޮލެޖްތައް މަދުމަދުން ހިންގަމުންދެއެވެ.

މަންޒަރު ދުށް މީހުން ކިޔައިދިންގޮތުގައި، ހަމަލާ ދިން މީހާ ފުރަތަމަ ދޮރުމަތީ ހުރި ސެކިއުރިޓީ ގާޑަށް ހަމަލާދީ އޭނާ މަރައިލީއެވެ. އެއަށްފަހު އެތެރެއަށް ވަދެ، ގައިގައި ހަރުކޮށްފައިވާ ބޮން ގޮއްވާލީއެވެ. އެވަގުތު ހޯލުގެ ކުރީ ބަރިތަކުގައި އިމްތިހާނު ހަދަން ތިބި ކުދިންގެ ތެރޭގައި ގިނައީ އަންހެންކުދިންނެވެ. އެހެންކަމުން، މަރުވި މީހުންގެ ތެރޭގައި ގިނައީވެސް އަންހެންކުދިންނެވެ.

އަފްޣާނިސްތާނުގައި އަންހެންކުދިންގެ (ޚާއްސަކޮށް ހައިސްކޫލް އުމުރުގެ އަންހެންކުދިންގެ) ކިޔެވުން ބަންދުކޮށްލާފައިވާތީ، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްވެސް ވަނީ ދާދި ފަހުން އެކަން ކުށްވެރިކުރައްވައި، އަންހެންކުދިންނަށް ތައުލީމާއި ވަޒީފާގެ ފުރުސަތު ހުޅުވާލުމަށް ގޮވާލައްވާފައެވެ. އަދި އެގައުމުގެ އެތެރޭގައިވެސް މިކަމަށް ގޮވާލައި، އަންހެނުން މުޒާހަރާކުރާތަންވެސް ފަހަކަށް އައިސް ވަނީ ފެންނަންފަށާފައެވެ.   

- ކޮމެންޓް