Advertisement
ކ. މާލެ
|
21 ޖޫން 2017 | ބުދަ 00:57
ހަނދު ރަމްޒުކޮށްދޭ ކުރެހުމެއް
ހަނދު ރަމްޒުކޮށްދޭ ކުރެހުމެއް
ޝަޓާ ސްޓޮކް
ފިތުރު އީދު
އީދު ވާނީ ޖޫން 25 ތަ؟ ނުވަތަ 26 ތަ؟
ފަލަކީ ހިސާބު ބުރަވަނީ ކޮން ގޮތަކަށް؟
ހޮނިހިރު ދުވަހުގެ ރޭ ހަނދު ފެނުމުގެ ފުރުސަތު އެބައޮތްތަ؟
ދިވެހި ކަލަންޑަރު ބުނަނީ މި ރޯދަ މަހަކީ 29 ދުވަހުގެ މަހެއް ކަމަށް

މި ހިނގާ ޖޫން މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ރޭ ދުނިޔޭގެ ކަންކޮޅު ތަކުގެ ގިނަ އަދަދެއްގެ މުސްލިމުން އީދު ހަނދުގެ އިންތިޒާރުގައި ތިބޭނެއެވެ.

ސުވާލަކީ އީދު ވާނީ ޖޫން 25 ހެއްޔެވެ؟ ނުވަތަ 26 ހެއްޔެވެ؟

މެއި މަހުގެ 27 ވަނަ ދުވަހު ރޯދަ ހިފަން ފެށި ސައުދީ އަރަބިއްޔާ އާއި ދިވެހި ރާއްޖެފަދަ ގައުމު ތަކަށް ހޮނިހިރު ދުވަސް ވާނީ 1438 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހަށެވެ. މި ގައުމުތަކަށް ހޮނިހިރު ދުވަހުގެ ރޭ ހަނދު ފެނިއްޖެ ނަމަ ޖެހިގެން އަންނަ ޖޫން 25 ވާ އާދިއްތަ ދުވަސް ވާނީ ފިތުރު އީދު ދުވަހަށެވެ. ހަނދު ނުފެނިއްޖެ ނަމަ އީދު ވާނީ ޖޫން މަހުގެ 26 ވާ ހޯމަ އަށެވެ.

ފަލަކީ މާހިރުންގެ ހިސާބުތަކުން ހޮނިހިރު ދުވަހު އައު ހަނދު ފާޅުވާނެއެވެ. ހަނދުފާޅުވި ނަމަވެސް ގޮތް ނިންމަނީ ހަނދުފެނުމާ ނުފެނުމުގެ މައްޗަށް ކަމަށް ވުމާއެކު އާދިއްތަ ވިލޭރޭ ހަނދުފާޅު ވިޔަސް ހަނދު ފެނުމާ ނުފެނުން ބިނާވާނީ ހޮނިހިރު ދުވަހުގެ މޫސުން އޮންނަ ގޮތެއްގެ މަތިންނެވެ.

ޖޫން 24 ވަނަ ދުވަހު (ހޮނިހިރު ދުވަހުގެ ރޭ) ހަމަ ލޮލަށް ހަނދު ފެންނާނެ ކަމަށް ބެލޭ ގައުމުތަކުގެ ތެރޭގައި ޕެރޫ، އިކުއެޑޯރ، އަދި ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމުތައް ހިމެނެއެވެ.

ދުރު ބަލާ ވަސީލަތްތައް ބޭނުން ކޮށްގެން ލެޓިން އެމެރިކާގެ ގައުމުތަކުގެ އިތުރުން އެމެރިކާގެ ބައެއް ހިސާބުތަކަށާއި، އެފްރިކާގެ ބައެއް ހިސާބުތަކަށް ޖޫން މަހުގެ 24 ވަނަ ދުވަހު (ހޮނިހިރު ދުވަހުގެ ރޭ) ހަނދު ފެންނާނެ ކަމަށް ފަލަކީ އިލްމްވެރިން ވިދާޅުވެއެވެ. އޭގެ އިތުރުން މި ފަދަ ވަސީލަތެއްގެ އެހީގައި ސައުދީ އަރަބިއްޔާގެ ބައެއް ހިސާބުތަކަށާއި ޔަމަނަށް ހަނދު ފެންނާނެ ކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

އަރަބް ޔުނިއަން ފޯ އެސްޓްރޮނޮމީ އެންޑް ސްޕޭސް ސައިންސަސްގެ ޚާލިދު އަލް ޒާގް، އަލް އަރަބިއްޔާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އާދިއްތަ ދުވަސް ވާނީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައެވެ.

ދިވެހި ރާއްޖޭގެ ރަސްމީ ކަލަންޑަރުގައިވާ ގޮތުން، މިއަހަރުގެ ރަމަޟާން މަހަކީ 29 ދުވަހުގެ މަހެކެވެ. އެގޮތުން 25 ޖޫން ވާ އާދިއްތަ ދުވަހަކީ އީދު ދުވަހެވެ.

ފަލަކީ ހިސާބުން މި އަހަރުގެ ރޯދަ މަސް ނިމޭނީ ޖޫން 24 ވާ ހޮނިހިރު ދުވަސް ކަމަށް ފެންނާތީއާއި ރާއްޖޭގެ ރަސްމީ ކަލަންޑަރުގައި އާދިއްތަ ދުވަހަކީ އީދު ދުވަސް ކަމަށް ކަނޑައަޅާފައި އޮތުމާއެކު، ހޮނިހިރު ދުވަހެއްގައި ފެށުނު މި އަހަރުގެ ރޯދަމަސް ހޮނިހިރު ދުވަހެއްގައި ނިމޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެއެވެ.

އެފްރިކާގެ ގައުމުތަކަށާއި ތުރުކީ، އޮސްޓްރޭލިއާ، ޔޫރަޕް، އުތުރު އެމެރިކާގެ މުސްލިމުންނަށްވެސް އާދިއްތަ ދުވަސް އީދަށް ވުމުގެ ފުރުސަތު ބޮޑެވެ.

އަނެއް ކޮޅުން ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާންގެ މުސްލިމުން ރޯދަ މަސް ފެށީ މެއި 28 ގައި ކަމުން އެމީހުން އީދަށް ހަނދުބަލާނީ ޖޫން މަހުގެ 25 ވާ އާދިއްތަ ދުވަހެވެ. ފަލަކީ ހިސާބުން ފެންނަ ގޮތުގައި ޖޫން 25 ވާ އާދިއްތަ ދުވަހުގެ ރޭ ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް ހަމަ ލޮލަށް ހަނދު ފެންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް