ކ. މާލެ
|
27 ސެޕްޓެންބަރ 2022 | އަންގާރަ 12:38
އެމެރިކާގައި މިހާރު ކުރިއަށްދާ 77 ވަނަ އދގެ އާންމު މަޖިލީހުގެ ބައްދަލުވުންތަކުގެ ހަވާސާގައި ޗައިނާ ސެންޓްރަލް ޓެލެވިޜަން އަށް ޒަރުދާރީ އިންޓަރވިއު ދެއްވަނީ
ޗައިނާއާއި ޕާކިސްތާނުގެ ގުޅުން
"ހިމާލަޔާސް ފަރުބަދަތަކަށްވުރެ އުހުގައި" އޮތް، "މާމުޔަށް ވުރެ ފޮނި" އެކުވެރި ކަމެއް؟
ޗައިނާއިން އަނެއްކާވެސް ވަނީ ޕާކިސްތާނުގެ އެމަރޖެންސީ ރިލީފަށް ބޭނުންވާ ސާމާނު ހޯދުމަށް، ގާތްގަނޑަކަށް 43.5 މިލިއަން އެމެރިކާ ޑޮލަރު ދޭނެކަން ހާމަކޮށްފައި
ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއަށް ފާޑުކިއާ ފަރާތްތަކަކީ، އެ މަޝްރޫއުގެ ކާމިޔާބިއާ މެދު ހަސަދަވެރި ވާ ބައެއް ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައި
ޗައިނާއިން ތަންފީޒު ކުރަމުންދާ "ވަން-ޗައިނާ"ގެ އަސާސަށް، ޕާކިސްތާނުން ތާއީދު ކުރޭ

ޗައިނާއާއި ޕާކިސްތާނާ ދެމެދު އޮންނަނީ ވިޔަފާރީގެ އުސޫލުން ވަގުތީ މަންފާ ލިއްބައިދެނިވި ގުޅުމެއް ނަމަވެސް، ނަމަވެސް އެ ގުޅުމަކީ "ހިމާލަޔާސް ފަރުބަދަތަކަށްވުރެ އުސް، މާމުޔަށް ވުރެ ފޮނި"، އެކުވެރި ކަމުގެ ގުޅުމެއް ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު، ބިލަވާލް ބުއްޓޫ ޒަރުދާރީ ވިދާޅުވެއްޖެއެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ 77 ވަނަ އދގެ އާންމު މަޖިލީހުގެ ބައްދަލުވުންތަކުގެ ހަވާސާގައި ޗައިނާ ސެންޓްރަލް ޓެލެވިޜަން (ސީސީޓީވީ)އަށް ދެއްވި ބަސްދީގަތުމެއްގައި ޒަރުދާރީ ވަނީ، ޗައިނާއާއި ޕާކިސްތާނުގެ ދޭދޭ ސަރުކާރާއި ފަރުދީ ރައްޔިތުންގެ ފެންވަރުގައި އޮތް ބަދަހި ގުޅުމަށް ތަޢުރީފު ކުރައްވާފައެވެ.

ހީވާ ގޮތުގަ މީ އިޚްލާޞްތެރި ގުޅުމެއް. މީ ވިޔަފާރީގެ ވަގުތީ މަންފާ ލިއްބައިދޭ ކަހަލަ ގުޅުމެއް ނޫން. މީ ގޭނި ގޭނި ހުސްވާ ކަހަލަ ޒާތުގެ ގުޅުމެއްވެސް ނޫން. މީ އެއަށްވުރެ ޘާބިތު ގުޅުމެއް. މަތިން ފެށިގެން ތިރިއަށް. ތިރިން ފެށިގެން މައްޗަށް. ޕާކިސްތާނުގެ ސަރުކާރާއި ޗައިނާ ސަރުކާރު. ޕާކިސްތާނުގެ ރައްޔިތުންނާއި ޗައިނާގެ ރައްޔިތުން. އަހަރަމެން މަސައްކަތް ކުރާނީ އެކުއެކީގަ. އެހެންވެ، ޕާކިސްތާނުގައި އާންމުކޮށް މި ގުޅުމަށް ކިއާ އުޅެނީ، މީ ހިމާލަޔާސް ފަރުބަދަތަކަށްވުރެ އުސް، މާމުޔަށް ވުރެ ފޮނި، އެކުވެރިކަމުގެ ގުޅުމެކޭ.
ބިލަވާލް ބުއްޓޫ ޒަރުދާރީ؛ ޕާކިސްތާނުގެ ފޮރިން މިނިސްޓަރު

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޒަރުދާރީ ވަނީ، ޗައިނާއިން ތަންފީޒު ކުރަމުންދާ "ވަން-ޗައިނާ"ގެ އަސާސަށް، ޕާކިސްތާނުން ތާއީދު ކުރާ ކަމުގެ ޔަޤީންކަން ތަކުރާރު ކޮށްދެއްވާފައެވެ. އަދި އެ އުސޫލު ކަށަވަރު ކޮށްދިނުމުގައި ބަހަށްވުރެ އަމަލު މުހިންމު ކަމަށްވެސް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ބަސްދީގަތުން ކުރިއަށް ގެންދަވަމުން ޒަރުދާރީ ވަނީ، ޗައިނާއިން ތަޢާރަފު ކޮށްފައިވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި)އަށް ފާޑުކިއުންތައް އަމާޒު ކުރާ ފަރާތްތަކަށްވެސް ރައްދު ދެއްވާފައެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއަށް ފާޑުކިއާ ފަރާތްތަކަކީ، އެ މަޝްރޫއުގެ ކާމިޔާބިއާ މެދު ހަސަދަވެރި ވާ ބައެއް ކަމަށްވެސް ޒަރުދާރީ ވަނީ ސިފަ ކުރައްވާފައެވެ.

ފާޑުކިއާ ފަރާތްތަކަށް ބުނެލަން އޮތީ، އެ ހަސަދަވެރިކަން އެމީހުންނަކާ ނުގުޅެއޭ. އެހެން ބަޔަކު އެކަމަށް ސަމާލުކަން ނުދީ އޮއްވާ، ވަން ބެލްޓް ވަން ރޯޑް ކުރިއަރާ ދާން ފެށީމަ، އެމީހުން ހީކުރި ވަރަށްވުރެ ފުރިހަމައަށް ކުރިއަރަން ފެށީމަ، އެމީހުން މަސައްކަތް ފެށީ މި މަޝްރޫއުގެ އަގު ވައްޓާލަން. އެކަމަކު، އެކަން ކާމިޔާބު ވާނެއެކޭ ހިތެއް ނުބުނޭ.
ބިލަވާލް ބުއްޓޫ ޒަރުދާރީ؛ ޕާކިސްތާނުގެ ފޮރިން މިނިސްޓަރު

ޗައިނާއަކީ އަބަދުވެސް ޕާކިސްތާނުގެ ޘާބިތު އެކުވެރިއެއް ކަން ފާހަގަ ކުރައްވަމުން ޒަރުދާރީ ވަނީ، ދާޑި ފަހުން ޕާކިސްތާނަށް ކުރިމަތިލާން ޖެހުނު ފެންބޮޑުވުމުގެ ކާރިޘާގައި، ޗައިނާގެ ފަރާތުން ޕާކިސްތާނަށް ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ޗައިނާއިން އަނެއްކާވެސް ވަނީ ޕާކިސްތާނުގެ އެމަރޖެންސީ ރިލީފަށް ބޭނުންވާ ސާމާނު ހޯދުމަށް، 300 މިލިއަން ޔުއާން ނުވަތަ، ގާތްގަނޑަކަށް 43.5 މިލިއަން އެމެރިކާ ޑޮލަރު ދޭނެކަން ހާމަކޮށްފައެވެ. މީގެ ކުރިންވެސް ޗައިނާއިން ވަނީ އެހީގެ ގޮތުގައި 14.5 މިލިއަން ޑޮލަރު ހަދިޔާ ކޮށްފައެވެ. އޭގެ އިތުރުން، ޕާކިސްތާނުގައި ހިންގާ ޗައިނާގެ ކުންފުނިތަކުންވެސް ވަނީ ފެންބޮޑުވުމުގެ ހާދިޘާގައި ސުންނާފަތިވެފައިވާ ޤައުމު އާރާސްތު ކުރުމަށް އެހީ ވެދޭނެ ކަން ހާމަކޮށްފައެވެ.

ޕާކިސްތާނުން މިހާރު އިންތިޒާރު ކުރަމުން ދަނީ ޗައިނާގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ)ގެ 20 ވަނަ ޤައުމީ ކޮންގްރެސްއަށް ކަމަށް ޒަރުދާރީ ވަނީ ވިދާޅުވެފައެވެ. އެ ބައްދަލުވުން ތާވަލު ކޮށްފައި ވަނީ އޮކްޓޯބަރު 16 ވަނަ ދުވަހަށެވެ.

- ކޮމެންޓް