Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 15:44
ފާރިސް އާއި ނާދިރާ
ފާރިސް އާއި ނާދިރާ
އަވަސް
ފާރިސް އަދި ނާދިރާ
ފާރިސް އާއި ނާދިރާ ޕީޕީއެމް އިން ވަކިކުރި މައްސަލައިގެ ހެކިބަސް ނަގާ ނިންމާލައިފި
ޕީޕީއެމް ފަރާތުން ދިފާއުގައި ހުށަހެޅީ ތިން ހެއްކެއް
ފާރިސްއާއި ނާދިރާގެ ފަރާތުން ހުށަހެޅީ ޕީޕީއެމް ސުލޫކް ކޮމެޓީން ދީފައިވާ ލިޔެކިޔުންތައް
ދެން މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމަށް ހުކުމް އިއްވުން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން އާއި ޕީޕީއެމްގެ އިންތިޚާބީ ރައީސް މައުމޫންގެ ފެކްޝަންގެ ނައިބު އައިމިނަތު ނާދިރާ ޕިޕީއެމްއިން ވަކިކުރުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހެކިންގެ ހެކިބަސް ނަގާ ނިންމާލައިފިއެވެ.

ސިވިލް ކޯޓުގައި އަންގާރަ ދުވަހު މެންދުރު ފަހު ކުރިއަށް ދިޔަ ޝަރީޢަތުގެ އަޑުއެހުމާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފާރިސް އާއި ނާދިރާގެ ގާނޫނީ ވަކީލް ވިދާޅުވީ  ޕީޕީއެމްގެ ފަރާތުން ކޯޓަށް ހާޒިރުވެ ދިފާއުގައި ހެކި ހުށަހަޅާފައިވާ ކަމަށެވެ.

ވަކީލް ވިދާޅުވީ މީގެ ކުރިން ޕީޕީއެމް މައްސަލާގައި ޖަވާބްދާރީވުމަށް ކޯޓަށް ހާޒިރުވެފައި ނުވަނީ ޕީޕީއެމް ތަމްސީލް ކުރައްވާ ގާނޫނީ ވަކީލް އިބްރާހިމް ރިޒާގެ ސިއްޙީ ހާލަތު ހުރި ގޮތުން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ރިޒާގެ މެޑިކަލް ރިޕޯޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ކޯޓުން ބުނެފައިވާ ކަމަށް ފާރިސް އާއި ނާދިރާގެ ވަކީލް ވިދާޅުވިއެވެ.

ވަކީލް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ ހެކިންނަކީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ ތިން މެމްބަރުން ކަމަށެވެ. އެއީ ސުލޫކް ކޮމެޓީގެ މެމްބަރު އަލީ ވަހީދާއި، ޔޫސުފް އަބްދުލް ޢަފޫރުގެ އިތުރުން މުހައްމަދު ރަފީރު ކަމަށެވެ. އަދި ފާރިސް އާއި ނާދިރާގެ ފަރާތުން ދިފާއުގައި ހުށަހެޅީ އެ ދެ ބޭފުޅުން ވަކިކުރި ގޮތާ ގުޅޭ ގޮތުން ޕީޕީއެމް ސުލޫކް ކޮމެޓީން ނިންމާފައިވާ މައްސަލައާ ގުޅޭ ގޮތުން ފާރިސް އާއި ނާދިރާ އަށް ލިބިފައިވާ ލިޔެކިޔުންތައް ކަމަށެވެ.

ފާރިސް އާއި ނާދިރާގެ ވަކީލް ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަނޭޅޭނެ ކަމަށް ބުނެ  ޕީޕީއެމްގެ ފަރާތުން އިޖުރާއީ މައްސަލައެއް ނެގި ކަމަށެވެ. އެގޮތުން ސުލޫކް ކޮމެޓީން ނިންމި މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ފާރިސް އާއި ނާދިރާ އަށް ލިބިދީފައިވާއިރު ފާރިސް އާއި ނާދިރާގެ ފަރާތުން އެ މައްސލަ ޕީޕީއެމް އިސްތިއުނާފް ކޮމެޓީ އަށް ހުށަހަޅާފައި ނުވާ ކަމަށް ޕީޕީއެމްގެ ވަކީލް ވިދާޅުވި ކަމަށް ފާރިސް އާއި ނާދިރާގެ ވަކީލް ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމްގެ އެ އިޖުރާއި މައްސަލަ ޝަރީޢަތުން ބަލައިގެންފައި ނުވާ ކަމަށް ވަކީލް ވިދާޅުވިއެވެ.

ޝަރީޢަތުގެ މަޖިލިސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުން ކަމަށާއި އަދި އެއަށް ފަހު ހުކުމް އިއްވުމަށް ޝަރީޢަތުގެ މަޖިލިސް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. ނަމަވެސް ވަކި ތާރީހެއް ގާޒީ ވިދާޅެއް ނުވެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަކިކުރީ އިއުލާން ކުރުމެއް ނެތި ޓޫރިޒަމްގެ މަސައްކަތްތަކަށް ރާއްޖޭގެ ރަށްތައް ކުއްޔަށް ދޫކުރާ އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕެއް އެޕާޓީން ނެރެފައި ވަނިކޮށް، އެ ނިންމުމާ ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ ބިލް ފާސްކުރަން ނުފެންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް