Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 15:18
އެލްޖީއޭގެ ބޯޑަށް އައްޔަން ކުރެއްވި ބޭފުޅުން
އެލްޖީއޭގެ ބޯޑަށް އައްޔަން ކުރެއްވި ބޭފުޅުން
ފޭސްބުކް
އެލްޖީއޭ ބޯޑު
މަޖިލީހުން ރުހުން ދިން ތިން ބޭފުޅުން އެލްޖީއޭގެ ބޯޑަށް އައްޔަން ކުރައްވައިފި
އެ ބޭފުޅުންނަށް މަޖިލީހުން 90 އަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވި

ލޯކަލް ގަވާމެންޓް އޮތޯރިޓީގެ ބޯޑަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ފޮނުއްވައި މަޖިލީހުން ރުހުން ދިން ތިން ބޭފުޅުން އަންގާރަ ދުވަހު އެލްޖީއޭ ބޯޑަށް އައްޔަން ކުރައްވަިފި އެވެ.

ތިން ދާއިރާއެއް ތަމުސީލު ކުރައްވާ މެންބަރުންގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް، ޢައްޔަންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ މެންބަރެއްގެ ގޮތުގައި ބޯޑަށް ޢައްޔަން ކުރެއްވި ގއ. ކަނޑުހުޅުދޫ ހެޕީކޯނަރ، އަލްފާޟިލް ޢާމިރު ޢަލީއާއި، މަދަނީ ޖަމްޢިއްޔާގެ މެންބަރެއްގެ ގޮތުގައި ޢައްޔަން ކުރެއްވި ސ. ހިތަދޫ ފަރުދާބަގީޗާގެ، އަލްފާޟިލް އަޙްމަދު ޙަސަންއާއި، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ މެންބަރެއްގެ ގޮތުގައި ޢައްޔަން ކުރެއްވި ފ. ނިލަންދޫ ހަތިކޮޅު، އަލްފާޟިލާ މިންނާ ރަޝީދުއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު އަލުން އެކުލަވާލާ އެލްޖީއޭގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ޔާމީން މަޖިލީހަށް ހުށަހެޅުއްވި މި ތިން ބޭފުޅުންނަށް ކޮމެޓީން ރުހުން ދިނީ 90 ޕަސެންޓަށް ވުރެ މަތިން މާކްސް ދިނުމަށް ފަހު އެވެ.

ބޯޑަށް އައްޔަން ކުރެއްވި ބޭފުޅުންނަށް މަޖިލީހުން ރުހުން ލިބިވަޑައިގެންނެވި އެވެ. އާމިރު އަލީ އާއި މިންނާ ރަޝީދަށް 49 މެމްބަރުން ވޯޓް ދެއްވިއިރު، އަހުމަދު ހަސަން އަށް ތާއިދު ކުރެއްވީ 48 މެމްބަރުންނެވެ.

މީގެ ކުރިން އެލްޖީއޭ ބޯޑުގައި ނުވަ މެމްބަރުން ތިއްބަވައެވެ. އެލްޖީއޭގެ ބޯޑަށް މި ބަދަލުތައް ގެނެސްފައި މި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށް، އެބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.

އިސްލާހުގައިވާ ގޮތުން ރައީސް ކަނޑައަޅުއްވާ މިނިސްޓަރާއި ސީއީއޯ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އެ ބޯޑުގައި ދެން ތިއްބަވާ ތިން މެމްބަރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އެތިން މެމްބަރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ ފާސްވެއްޖެ ނަމަ އެވެ.

މީގެ އިތުރުން ވެސް އެލްޖީއޭ ބޯޑުގެ މެމްބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައިވާ އިރު، އެ ބޯޑުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް