Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 14:06
ރައީސް އޮފީހުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ތެރެއިން 30 ފަރާތަކުން ފައިސާ ނުދައްކާ އެބަ ހުރި
ރައީސް އޮފީހުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ތެރެއިން 30 ފަރާތަކުން ފައިސާ ނުދައްކާ އެބަ ހުރި
ރާއްޖެއެމްވީ
ގެއްލިފައިވާ ފައިސާ ހޯދުން
ދައުލަތަށް ލިބެންޖެހޭ 4.5 ބިލިއަން ރުފިޔާ ހޯދަން ވަނީ ދައުވާކޮށްފައި: ސަރުކާރު
ޓޫރިޒަމާ ގުޅޭ ގޮތުން 17 މައްސަލައެއްގައި ދައުވާކޮށްފައިވޭ
ރައީސް އޮފީހުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ތެރެއިން 30 ފަރާތަކުން ފައިސާ ނުދައްކާ އެބަ ހުރި
ދައުވާ ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ސެޓްލްމެންޓް އެގްރީމެންޓާ ހިލާފުވި ފަރާތްތަކުގެ މައްސަލަ އާއި ޓެކްސް ނުދައްކާ ފަރާތްތައް ހިމެނޭ

ދައުލަތަށް ލިބެންޖެހޭ 4.5 ބިލިއަން ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ދައުވާކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދައުލަތަށް ލިބެން ހުރި 4.5 ބިލިއަން ރުފިޔާ ލިބުމަކީ ބަޖެޓްގެ ދަތިކަމަށް ލުއި ލިބި، އެހެން ފަސޭހަތައް ވެސް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ޒަމީރު ވިދާޅުވީ ޓޫރިޒަމާ ގުޅޭ ގޮތުން 17 މައްސަލައެއްގައި ދައުވާކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ސެޓްލްމެންޓް އެގްރީމެންޓާ ހިލާފުވި ފަރާތްތަކުގެ މައްސަލަ އާއި ޓެކްސް ނުދައްކާ ފަރާތްތައް ހިމެނޭ ކަމަށެވެ.

ދައުލަތަށް މިވަރުގެ ގިނަ ފައިސާތަކެއް ލިބެން ހުރިއިރު، އެ ފައިސާތައް އަވަހަށް ލިބޭނެ ގޮތަށް ދައުލަތުގެ މުއައްސަސާތަކުން މަސައްކަތް ކުރުން މުހިންމު ކަމަށް ޒަމީރުގެ އިތުރުން، ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވެސް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ރަނގަޅަށް ހިސާބުތައް ބެލެހެއްޓިފައި ނެތުމުން، ދައުލަތަށް ގެއްލިގެން ގޮސްފައިވާ ފައިސާގެ ފުރިހަމަ އަދަދެއް އަދި އަނބުރާ ދައްކާފައި ހުރި ފައިސާގެ އަދަދެއް ވެސް ނޭނގޭ ކަމަށެވެ. އެހެންވެ ލިޔެކިޔުންތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރައްވާފައިވާ ތާއިދު އަނބުރާ ގެންދަވާފައިވާއިރު، މައުމޫނުގެ ސަރުކާރުގައި ރައީސް އޮފީހުން ދޫކޮށްފައިވާ ލޯނުތަކުގެ މައްސަލަ ވެސް މި ސަރުކާރުން ވަނީ ނަގައިފަ އެވެ.

މީގެ ކުރިން އެ ފައިސާ ހޯދަން މަސައްކަތް ނުކޮށް އޮތުމަށް ފަހު، ފައިސާ ހޯދަން މަސައްކަތް ފަށާފައިވާ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވިއިރު، ރައީސް މައުމޫނާއި އެ މަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

މި ސަރުކާރުގެ "އަނިޔާވެރިކަން" ނިމުމަކަށް ގެނެސް ޑިމޮކްރަސީ ގާއިމުކުރަން ޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އަނިލް ވިދާޅުވި ގޮތުގައި ރައީސް މައުމޫންގެ ވެރިކަމުގައި ރައީސް އޮފީހުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ ތެރެއިން 30 ފަރާތަކުން ފައިސާ ނުދައްކާ އެބަ ހުރި ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އޭރު ރައީސް އޮފީހުން ލޯނު ދޫކުރި ގިނަ ފަރާތްތަކަކީ ރައީސް މައުމޫނު ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި އެ ސަރުކާރުގެ ނުފޫޒު ގަދަ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެ ބޭފުޅުންގެ ގާތް ބޭފުޅުންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް