އިނގިރޭސިވިލާތުގެ ކުރީ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަނގައޮޅިވަޑައިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ބަދަލުގައި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އަށް ޝުކުރު އަދާކުރައްވައިފިއެވެ.
އުންމީދީ ލީޑަރޝެޕެއް ޒެލެންސްކީ އަދާކުރައްވާކަމަށް ވިދާޅުވެ ބޮރިސް އަށް ޕުޓިންގެ ނަން ގެނުވުމާއެކު އެކަމަށް މަޢާފަށް އެދިވަޑައިގެން ބޮރިސް ވަނީ ޒެލެންސްކީ އަށް ޝުކުރު އަދާކުރައްވާފައެވެ. ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވުމަށްފަހު ގާނޫނު ހަދާ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި ވާހަކަދައްކަވަމުން ބޮރިސް ވާހަކަ ދައްކަވާފައިވަނީ ހިނގަމުންދާ ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުންނެވެ.
ބޮރިސް ވިދާޅުވީ ޕުޓިން ހަނގުރާމަ ވަރުގަދަކުރައްވާނަމަ ޔޫކްރެއިން އަށް ދޭ އެހީތެރިކަން ދެ ގުނަ ކުރަންޖެހޭކަމަށެވެ. އަދި މިހާރު ޔޫކްރެއިން އިން ރަޝިޔާއަށް ދެމުންދާ ހަމަލާތަކުގައި ކާމިޔާބުހޯދަމުން އަންނަކަމަށާއި އެކަމަށްޓަކައި ޒެލެންސްކީ އަށް ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވުމަށް އަނގައޮޅިގެން ވިދާޅުވެވުނީ ޕުޓިންގެ ނަމެވެ.
އެއާއެކު ބޮރިސް ވަނީ އެތަން ރަނގަޅުކުރައްވާފައެވެ.
ބޮރިސް އިތުރަށް ވިދާޅުވީ ޔޫކްރެއިން އަށް އަސްކަރީ އެހީތެރިކަން ދިނުމަށާއި އިގްތިޞާދީ ގޮތުން އެހީތެރިވެދިނުމަށް އިނގިރޭސިވިލާތުން ތައްޔާރަށް އޮންނަންޖެހޭކަމަށެވެ.
ބޮރިސް ވަނީ ހަނގުރާމަ ހިނގަމުންދަނިކޮށް ތިން ފަހަރެއްގެ މަތިން ޔޫކްރެއިން އަށް ވަޑައިގަންނަވާފައެވެ.