Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 13:07
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު، އަދި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު، އަދި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް
ޕީޕަލް މެގަޒިން
އަހުމަދު ނާޒިމް
ކުރީގެ މެމްބަރު ނާޒިމް ހޯދައިދިނުމަށް ކަރެކްޝަނުން ފުލުހުންގެ އިދާރާގައި އެދެފި
ނާޒިމް ހައްޔަރު ކޮށްގެން ކަރެކްޝަނަށް ހާޒިރު ކުރަން އަމުރެއް ނެރެފައެއް ނެތް
އެކަމަކު ރައީސް ނަޝީދު ހައްޔަރުކޮށްގެން ހާޒިރު ކުރުމުގެ އަމުރެއް ވަނީ ނެރެފަ
ބައެއް ސިޔާސީ ފަރާތްތަކުން ބުނާގޮތުން ސަރުކާރާއި ނާޒިމާއި ދެމެދު މިހާރު ވަނީ ޑީލެއް ހަދާފަ

އުމުރަށް ޖަލަށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ފުލުހުންގެ އިދާރާގައި އެދިއްޖެ އެވެ.

ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންނެވިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބޭސްފަރުވާއަށް ވަޑައިގެންނެވި ގޮތަށް ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ. ނަމަވެސް ޖަލު ހުކުމަކަށް ފިއްލަވައިގެން އުޅުއްވާ ކަމަށް ބުނެ ހައްޔަރު ކޮށްގެން ވެސް ހާޒިރުކޮށްދޭން ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ބުނެ ފުލުހުން ވަނީ ރައީސް ނަޝީދު ހައްޔަރުކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން އަމުރެއް ހޯދާފަ އެވެ.

ޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާ ކަމަށް ބުނެ ރައީސް ނަޝީދު ހައްޔަރުކުރުމަށް އަމުރު ނެރުނު ނަމަވެސް، ނާޒިމް ހައްޔަރުކުރުމަށް އެފަދަ އަމުރެއް ނެރެފައެއް ނުވެ އެވެ. ހަމައެކަނި ފުލުހުންގެ ކިބައިން އެދިފައި ވަނީ ނާޒިމް ހޯދާދިނުމަށެވެ. މިކަން ވަނީ ކެރެކްޝަންގެ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުުގައި ނާޒިމް އިނގިރޭސީވިލާތަށް "ފިއްލެވީ" ސަރުކާރުން ދިން ހުއްދައެއްގެ ދަށުން ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގަތުމަށް ފަހުގައެވެ. ސިންގަޕޫރުން ބޭސްފަރުވާ ކުރުމަށް 2015 ވަނަ އަހަރުގެ ޑިސެމްބަރުގައި ވަޑައިގެންނެވި ފަހުން ފަރުވާ ފުރިހަމަ ނުވާތީ އޭނާ އަށް ދިން މުއްދަތު ދެ ފަހަރަކު އިތުރު ކޮށްދިނެވެ. ތިން ވަނަ ފަހަރަށް އެ މުއްދަތު އިތުުރުކޮށް ނުދީ، 2016 ވަނަ އަހަރުގެ މާޗު މަހު ސަރުކާރުން ވަނީ ނާޒިމަށް 48 ގަޑިއިރުގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށް އަންގާފަ އެވެ.

އަނބުރާ ރާއްޖެ ވަޑައިގަތުމަށް އެންގުމާ އެކު ނާޒިމް ވަނީ، އިނގިރޭސީވިލާތަށް ވަޑައިގަންނަވާފަ އެވެ. ސަރުކާރުން ބުނީ، ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ނާޒިމަށް ދިން ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން ވަޑައިގެންނެވޭނީ ހަމައެކަނި ސިންގަޕޫރަށް ކަމަށެވެ. ނަމަވެސް، ފަހުން ހާމަވި ގޮތުގައި ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ދިވެހި ސަރުކާރުން ދޫކުރި ކަމަށް ބުނާ ޓްރެވަލް ޑޮކިއުމެންޓް ބޭނުންކުރައްވައިގެންނެވެ.

ނާޒިމަށް ދޫކުރި ޓްރެވަލް ޑޮކިއުމެންޓަކީ ހަމައެކަނި ސިންގަޕޫރަށް ވަޑައިގެންނެވޭ ގޮތަށް ދޫކުރި ލިޔުމެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ޑޮކިއުމެންޓް ދޫކޮށްފައި ވަނީ ސިންގަޕޫރުގެ އިތުރުން އިނގިރޭސިވިލާތަށް ވެސް ވަޑައިގެންނެވޭ ގޮތަށްކަން ފަހުން ހާމަވި އެވެ.

އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ނާޒިމަށް އިނގިރޭސީވިލާތަށް ފުރުނު ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އުމަރު ވަނީ އެކަމާ ގުޅިގެން ތަހުގީގެއް ވެސް ފައްޓަވާފަ އެވެ. ނަަމަވެސް، ފަހުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވާފައެއް ނުވެ އެވެ. 

ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ނާޒިމް، 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ކޮރަޕްޝަނުގެ މައްސަލައެއްގައި 2015 ވަނަ އަހަރުގެ އޭޕްރީލްގަ އެވެ.

ނާޒިމް ޖަލަށްލުމަށް ކުރި ހުކުމުގައި ވަނީ މަކަރާއި ހީލަތް ހަދައިގެން 15000 ދިވެހި ދިދަ ގަތުމަށް އާންމުކޮށް ހުޅުވާލުމުން ބިޑް ކާމިޔާބުކޮށް ހީލަތްތެރި ގޮތެއްގައި ހޯދި 1.4 މިލިއަން ރުފިޔާގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ފައިސާ ޖަމާކުރި ޗެކްތަކުގައި ސޮއިކޮށްފައި ވަނީވެސް ނާޒިމް ކަމަށް ހުކުމްގައި ވެއެވެ. މި މައްސަލައިގަ ހައި ކޯޓުން ނިންމާފައި ވަނީ ނާޒިމް ކުށްވެރި ނުވާ ގޮތަށެވެ. ނަމަވެސް ސުޕްރީން ކޯޓުގައި މައްސަލަ އަލުން ބަލައި ނާޒިމް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ. 

އެ މައްސަލައާ ގުޅިގެން ނާޒިމްގެ މައްޗަށް އިއްވި 25 އަހަރު ދުވަހުގެ ޖަލު ހުކުމާއެކު ނާޒިމް ތަމްސީލުކުރައްވަމުން ގެންދެވި، ދިއްގަރު ދާއިރާގެ ގޮނޑި ހުސްވި އެވެ. އެއާއެކު ބޭއްވި ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކޮށް މިހާރު ދިއްގަރު ދާއިރާ ތަމްސީލުކުރައްވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ޖޫން 2017 | ބުދަ 00:00
ޑަން ހިލްމޭން
އަދީބުގެ ވާހަކަ އޮޅުވާލާ ހިންދާލަން މޮޅު ވާހަކައެއް ބަޔަކު ދައްކައިފި