Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 12:17
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ރާއްޖެއެމްވީ
އަދީބު
އަދީބުގެ އާއިލާއަށް ޕީޕީއެމުން އަދި ޖަވާބެއް ނުދޭ!
އަދީބުގެ އެތެރެހަށީގައި ސިސްޓެއް
އެ ސިސްޓް ކެންސަރަށް ބަދަލުވެދާނެ ކަމުގެ ނުރައްކާ އެބަ އޮތް
އަދީބުގެ އާއިލާއަށް ލިޔުމުން ޖަވާބު ދޭނެ ކަމަށް ނިހާނު ވިދާޅުވި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލަތު ދަށްވަމުންދާތީ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕް ބައްދަލުކުރުމަށް އާއިލާގެ ފަރާތުން ހުށަހަޅާފައި ވީނަވެސް ޕީޕީއެމް ޕީޖީ ގުރޫޕުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް އަދީބުގެ ގާނޫނީ ވަކީލް ވިދާޅުވެއްޖެއެވެ.

 އަދީބުގެ މަންމަ، ޝަހީމާ މުހައްމަދު، ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އޮކްޓޯބަރު 24، 2015 ގައި އަދީބު ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް އައިއިރު އެމަނިކުފާނަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް ހުރުމާއި ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން، ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއްކަމުގައިވާ ގްލޮކޮމާޖެހިފައިވާ ކަމަށް ލޮލުގެ ހާއްސަ ޑޮކްޓަރުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް އަދީބުގެ މަންމަގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"މިކަމާ ގުޅިގެން އާއިލާއިން މިހާރު ވާނީ އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ބޭސްފަރުވާގައި ޒިންމާ ނަގަންޖެހޭ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް މިހުރިހާ ކަމެއް ގެނެސްފަ އެވެ. އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނޭ ކަމަށް އަންގަވާފައެއް ނުވެ އެވެ،" ސިޓީގައިވެ އެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަކީ ދިވެހިރާއްޖެއިން ފަރުވާ ކުރެވޭ ކަންތައްތަކެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށާއި ވީހާ ވެސް އަވަހަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ލަފާ ދެއްވާފައިވާ ކަމަށް އަދީބުގެ މަންމަ ވިދާޅުވެފައިވެ އެވެ. ޑޮކްޓަރުން މިގޮތަށް ލަފާދެއްވާފައިވާ ކަން އެނގޭނެ ލިޔުންތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ހުރި ނަމަވެސް އެއްވެސް ލިޔުމެއް އާއިލާއަށް ދޫކޮށްފައި ނެތް ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަދީބުގެ ސިއްހީ ހާލަތު ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕާ ހިއްސާ ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި އެ ބައްދަލުވުމުގައި އާއިލާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އަދީބުގެ މަންމަ އާއި ބައްޕަ އަދި އަނބިކަނބަލުން މަރިޔަމް ނަސްވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ވީމާ އަޅުގަނޑުގެ ދަރިފުޅާ، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންނާ އޮތް ނުހަނު ގާތް ގުޅުމަށް ބައްލަވައި މި ބައްދަލުވުން ހަމަޖައްދަވައި އަޅުގަނޑުމެންގެ ކަންބޮޑޫވުންތައް ހިއްސާކޮށްލެވުމަށް ފުރުސަތު ދެއްވުން އެދެމެވެ،" ސިޓީގައިވެ އެވެ.

މި ސިޓީއާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނު ވިދާޅުވީ "އަދީބުގެ އާއިލާއަށް ޖަވާބު ދޭނީ ލިޔުމުން" ކަމަށެވެ. 

އަދީބު 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދަވާއިރު، އެ މަނިކުފާނަށް މިހާރު މެދުވެރިވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވާނެ ކަމަށް، އޭނާގެ ވަކީލް މޫސާ ސިރާޖު ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް