ކ. މާލެ
|
22 ސެޕްޓެންބަރ 2022 | ބުރާސްފަތި 13:06
ގިނަ ޤައުމުތަކަށް، އެކި މަޝްރޫއުތަކަށް ލޯނު ދޫކުރަމުންދާ އޭޑީބީއިން ވަނީ، އޭޝިއާގެ ތަރައްޤީ ވަމުން އަންނަ ސަރަހައްދުގެ އިންފްލޭޝަން ރޭޓްވެސް އުފުލޭނެ ކަމަށް އަންދާޒާ ކޮށްފައި
އޭޝިއާގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި
އޭޝިއާގެ އިޤްތިޞާދީ ކުރިމަގު ބަނަވެފައިވާކަމުގެ އިންޒާރު އޭޑީބީއިން ދީފި
އިންޑިއާއާއި ޗައިނާވެސް ހިމެނޭ އޭޝިއާގެ ތަރައްޤީ ވަމުން އަންނަ ސަރަހައްދުގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި މި އަހަރު އުޅޭނީ 4.3 ޕަސެންޓްގައި ކަމަށް އޭޑީބީއިން ބުނޭ
ދިވެހި ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި އުޅޭނެ ކަމަށް އޭޑީބީއިން އަންދާޒާ ކުރަނީ 6.5 ޕަސެންޓްގައި
ކާބޯތަކެތީގެ ސަޕްލައި ހީނަރުވުމާއި ހަކަތައިގެ އަގުތައް އުފުލުމުގެ ސަބަބުން އިންފްލޭޝަން ރޭޓްވެސް އުފުލޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައި

ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާއި، ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ އިތުރުން، ކޮރޯނާ ވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން ޗައިނާގައި ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ ހަރުކަށި އަމުރުތަކުގެ ސަބަބުން، ތަރައްޤީ ވަމުން އަންނަ އޭޝިއާ ސަރަޙައްދުގެ އިޤްތިޞާދު، މި ހިނގާ 2022 ވަނަ އަހަރާއި، ކުރިއަށް އޮތް 2023 ވަނަ އަހަރު ކުރިއަރާ ދާނެ ކަމަށް ލަފާ ކުރާ މިންވަރު، އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ)އިން ދަށް ކޮށްފިއެވެ.

އިންޑިއާއާއި ޗައިނާވެސް ހިމެނޭ އޭޝިއާގެ ތަރައްޤީ ވަމުން އަންނަ ސަރަހައްދުގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި މި އަހަރު އުޅޭނީ 4.3 ޕަސެންޓްގައި ކަމަށް އޭޑީބީއިން ބުނެއެވެ. މީގެ ކުރިން މި އަދަދު އުޅޭނެ ކަމަށް ޖުލައި މަހު އަންދާޒާ ކުރީ 4.6 ޕަސެންޓްގައެވެ. އޭޕްރިލް މަހު އަންދާޒާ ކުރީ 5.2 ޕަސެންޓްގައެވެ. އޭޝިއާގެ ތަރައްޤީ ވަމުން އަންނަ ސަރަހައްދުގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި، 2023 ވަނަ އަހަރު އުޅޭނެ ކަމަށް އޭޑީބީއިން މިހާރު އަންދާޒާ ކުރަނީ 4.9 ޕަސެންޓްގައެވެ. ޖުލައި މަހުގެ އަންދާޒާތަކުގައި އެ ޢަދަދު އޮތީ 5.2 ޕަސެންޓްގައެވެ. އޭޕްރިލް މަހުގެ އަންދާޒާގައި އޮތީ 5.3 ޕަސެންޓްގައި ކަމަށް އޭޝިއަން ޑިވަލޮޕްމަންޓް އައުޓްލުކް ރިޕޯޓްގައި ބަޔާން ކޮށްފައި ވެއެވެ.

އޭޑީބީގެ ޗީފް އިކޮނޮމިސްޓް އެލްބަރޓް ޕާކް ވަނީ، ދުނިޔޭގެ ފެންވަރުގައި އިޤްތިޞާދީ ދުވެލި މަޑުޖެހެމުން ދިއުމުގެ ނޭދެވޭ އަސަރު، އޭޝިއާގެ ތަރައްޤީ ވަމުން އަންނަ ސަރަހައްދަށް އިންތިހާއަށް ފޯރާނެ ކަމަށް އިންޒާރު ކުރައްވާފައެވެ.

އޭޝިއާ ސަރަޙައްދުގެ އެންމެ ވަރުގަދަ އިޤްތިޞާދުގެ ގޮތުގައި ސިފަ ކުރާ ޗައިނާގެ އިޤްތިޞާދު މި އަހަރު ކުރިއަރާ ދާނީ 3.3 ޕަސެންޓަށް ކަމަށް އޭޑީބީއިން އަންދާޒާ ކުރެއެވެ. އެއީ މީގެ ކުރިން 5.0 ޕަސެންޓުން 4.0 ޕަސެންޓަށް ކުޑަކުރި މިންވަރަށްވުރެވެސް ދަށް ޢަދަދެކެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު 2 ވަނައަށް އެންމެ ވަރުގަދަ އިޤްތިޞާދުގެ މަޤާމުވެސް އޮތް ޗައިނާގެ އިޤްތިޞާދު، 2023 ވަނަ އަހަރު ކުރި އަރާ ދާނެ ކަމަށް އަންދާޒާ ކުރާ މިންވަރު ވަނީ، 4.8 ޕަސެންޓްއިން 4.5 ޕަސެންޓަށް ދަށްކޮށްފައެވެ.

ޗައިނާގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި މަޑުޖެހޭނެ ކަމަށް އަންދާޒާ ކުރާއިރު، އެކަމުގެ އަސަރު، ސަރަޙައްދީ ކުރިއެރުމުގެ ދުވެލީގެ އަންދާޒާތަކަށްވެސް ވަރަށް ބޮޑަށް ފޯރާނެ. ޗައިނާ އިސްތިސްނާކޮށް، ތަރައްޤީ ވަމުން އަންނަ ސަރަހައްދުގެ ކުރިއެރުމުގެ ދުވެލީ 2022 އާއި 2023 ގައި އުޅޭނެ ކަމަށް ބެލެވެނީ 5.3 ޕަސެންޓްގައެވެ. މިއީ މިދިޔަ 30 އަހަރަށް ބަލާއިރުވެސް، ޗައިނާއަށް ވުރެ، ތަރައްޤީ ވަމުން އަންނަ ސަރަހައްދުގެ އެހެން ޤައުމުތަކުގެ ކުރިއެރުން މައްޗަށް އަރާ ފުރަތަމަ ފަހަރު.
އެލްބަރޓް ޕާކް؛ އޭޑީބީ ޗީފް އިކޮނޮމިސްޓް

އޭޝިއާގެ ތަރައްޤީ ވަމުން އަންނަ ސަރަހައްދުގެ ވަކިވަކި ސަރަހައްދުތަކަށް ބަލާއިރު، ދިވެހި ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި އުޅޭނެ ކަމަށް އޭޑީބީއިން އަންދާޒާ ކުރަނީ 6.5 ޕަސެންޓްގައެވެ. ކަން މިހެން އޮތް ނަމަވެސް އިންޑިއާގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި މަޑުޖެހޭނެ ކަމަށާ، ސްރީލަންކާއަށް އިޤްތިޞާދީ ކާރިޘާއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭޑީބީއިން ވަނީ ލަފާ ކޮށްފައެވެ.

ގިނަ ޤައުމުތަކަށް، އެކި މަޝްރޫއުތަކަށް ލޯނު ދޫކުރަމުންދާ އޭޑީބީއިން ވަނީ، އޭޝިއާގެ ތަރައްޤީ ވަމުން އަންނަ ސަރަހައްދުގެ އިންފްލޭޝަން ރޭޓްވެސް އުފުލޭނެ ކަމަށް އަންދާޒާ ކޮށްފައެވެ. ސަބަބެއް ކަމުގައި ވަނީ ކާބޯތަކެތީގެ ސަޕްލައި ހީނަރުވުމާއި ހަކަތައިގެ އަގުތައް އުފުލުމެވެ.

- ކޮމެންޓް