ޖިނާނީ ހާޔަކް އަކީ ލުބްނާންގެ ބޭންކިންގް ސެކްޓަރުގެ ޤަދަރު ހުރި ބްރާންޗެއްގައި 28 އަހަރު ދުވަސް ވަންދެން މަސައްކަތް ކުރި މީހެކެވެ. ނަމަވެސް މިއަދު އޭނާއަކީ މައުންޓް ލެބަނަންގައި އަމިއްލަ ބޭކަރީއެއް ހިންގާ މީހެކެވެ. އަމާޒަކީ ހަމަ އެކަނި މުވައްޒަފުން ބައިވެރިކޮށްގެން ބޭކަރީ ހިންގުމެވެ. އަންހެނުންނަށްވެސް އަބުރުވެރި އަދި ބާރުވެރި ދިރިއުޅުމެއް ހޯދާދިނުމެވެ.
އިޔާދަ ކުރެވެން ނެތް ފަދަ އިޤްތިޞާދީ ހީނަރުކަމުގެ ކަނޑެއްގެ ތެރެއަށް ލުބްނާން ޣަރަޤުވާން ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެ ޤައުމުގެ އާބާދީގެ 80 ޕަސެންޓް މީހުން މިހާރު ތިބީ އިންތިހާ ބިކަ ހާލުގައެވެ. އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު، ލުބްނާން ފައިސާގެ އަގު ވަނީ 95 ޕަސެންޓަށް ވެއްޓިފައެވެ.
ޤައުމަށް ދިމާވެފައި މި އޮތް އިޤްތިޞާދީ ކާރިޘާއާއި، ބޭންކުތަކުން ޚަރަދު ކުޑަކޮށް އެ ސެކްޓަރުގެ ހިންގުން ހަނި ކުރަމުން ދިޔަ ދިއުމުގެ ތެރެއިން، އަހަރެން މަސައްކަތް ކުރި ބޭންކުވެސް ބަންދު ކުރީ. އެމީހުން އެތަން ބޭނުން ކުރަން ނިންމީ އިދާރީ ކަންކަމަށް. ބޭންކުތަކަކަށް ނެތް ހުރިހާ މުވައްޒަފުން ގެންގުޅެވޭކަށް، ބްރާންޗްތައް ބަންދު ކުރަމުން ދިޔަ އިރު. އެހެންވެ، އެމީހުން ހުށަހެޅި ޕެކޭޖެއް. ދެން އަހަރެން ނިންމީ ވަޒީފާ ދޫކޮށްލަން.ޖިނާނީ ހަޔާކް؛ ލުބްނާންގައި ބޭކަރީއެއް ހިންގާ މީހެއް
ލުބްނާންގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ޚިދުމަތުގެ ސިނާއަތްތަކުގެ މައްޗަށް ކަމަށް ވާއިރު، އެ އިޤްތިޞާދަށް އިންތިހާއަށް ބޭނުންވާ ބޭންކިންގް ސެކްޓަރު އޮތީ ވާގި ނެތިފައެވެ. ބޭންކުތަކުގައި ފައިސާ ރައްކާ ކުރަމުން ދިޔަ މީހުންނަށް ޑޮލަރު އެކައުންޓްތަކާ ހިސާބަށް ދެވޭނެ ގޮތެއް ނެތެވެ. އެ ފުރުޞަތު ލިބޭ މީހަކަށްވެސް އަތް ލެވެނީ، އަސްލު އަގުގެ 4 ބައިކުޅަ 1 ހާ ފައިސާގައެވެ.
ޖިނާއީ އަކީ އަބަދުވެސް ވިޔަފާރިއެއްގެ ގޮތުގައި ބޭކަރީއެއް ހިނގުމުގެ ހުވަފެންތައް ދެކެމުން ދިޔަ މީހެކެވެ. މީގެ 4 ވަރަކަށް އަހަރު ކުރިން، އޭނާ ވަނީ ވިޔަފާރި ހިންގުމާ ބެހޭ ކޯސްތަކެއްވެސް ހަދާފައެވެ. އިންތިޒާރު ކުރަމުން ދިޔައީ ވިޔަފާރި ފުޅާކޮށްލާނެ ރަނގަޅު ވަގުތަކަށެވެ.
މީހުން ބުނޭ މަށަކީ ކާރިޘާގެ ތެރެއިން ވަޒީފާ ގެއްލިފަ އިން މީހެކޭ. އެކަމަކު އަހަރެން ނުދެކެން އެއީ ގެއްލުމެއް ކަމަކަށް. އެއާ ޚިލާފަށް، ބޭންކިންގް ސެކްޓަރުގައި ލިބުނު 28 އަހަރުގެ ތަޖުރިބާއިން އަހަރެން ބާރުވެރި ކުރުވައިފި. ޖެހިލުމެއް ނެތި ވިޔަފާރިއެއް ފަށައިގެން ހިންގޭ ހިސާބަށް އަހަރެން ގެންގޮސްދީފި. އަހަރަމެން މިއަދު މި އޮތް ހާލަތުން މީހަކު ނުކުރާނެ ކަމެއް ކުރަން އަހަރެންނަށް ހިތްވަރު ލިބުނު. މަށަކީ ކަމެއް ނުކޮށް، ދެ އަތް އުރާލައިގެން އިންނަ ހިތްވާ މީހެއް ނޫން. އަހަރެން މާ ކުރިންވެސް އޮތީ މިކަން ރާވަފަ. މި ފުރުޞަތު މި ލިބުނީ ހަމަ އެންމެ ރަނގަޅު ވަގުތުގަ.ޖިނާނީ ހަޔާކް؛ ލުބްނާންގައި ބޭކަރީއެއް ހިންގާ މީހެއް
ޖިނާނީ، އޭނާގެ އާއިލާއާއެކު ދިރިއުޅެމުން ދަނީ އެމީހުންގެ އަމިއްލަ އިމާރާތެއްގައެވެ. އޯގަސްޓް 2021ގައި ބޭކަރީ ހުޅުވީވެސް ހަމަ އެ އިމާރާތުގައެވެ. ބޭކަރީގެ ނަންވެސް ހާއްސައެވެ. "ނިސްވިން އަލް ފާން"ގެ ނަމުންވެސް ދޭހަކޮށްދެނީ އެއީ އަންހެނުންގެ ބޭކަރީއެއް ކަމެވެ. ހަމަ އެއާއެކު، ތުންތުން މަތިން ފެތުރޭ ތޯތޯ ވާހަކަ ދެއްކުމުގައި އުޅޭ އަންހެނުންނަށްވެސް އެ ނަން ރިޢާޔަތް ކުރެއެވެ.
ލުބްނާނުގަ ވަރަށް ޗުކުޗުކުތަޅުވާނެ. އެކަމަކު، އަހަރަމެންގެ މި ބޭކަރީގެ ނަމުން އެކަމަށް އެދެވޭ މެސެޖެއް ދެނީ. މި ބޭކަރީގަ މި ކުރަނީ ބިނާ ކުރަނިވި މަސައްކަތްތަކެއް. އަހަރަމެން ކުރަހާދޭން ބޭނުންވާ ތަސްވީރަކީ މީ. ނިސްވިން އަލް ފާންއިން ދައްކާނެ ވާހަކައަކީ އުފާވެރިކަމުގެ ވާހަކަ. އެ އަންހެނުންނަކީ އުފަލުގަ ތިބޭ ބައެއް. ހިތާމައަކު ނޫން. ނިސްވިން އަލް ފާން ގުޅިފައިވަނީ އުފާވެރި ކަމާއި އުފެއްދުންތެރިކަމާ.ޖިނާނީ ހަޔާކް؛ ލުބްނާންގައި ބޭކަރީއެއް ހިންގާ މީހެއް
ޖިނާނީ ބުނާ ގޮތުގައި އޭނާގެ އަމާޒަކީ ހުރިހާ އެންމެންވެސް އުފަލުގައި ބޭތިއްބުމެވެ. އޭނާގެ ގާތުން ޚިދުމަތް ހޯދަން އަންނަ ކްލަޔަންޓުންނަށްވެސް އެކަން އިޙްސާސްކޮށްދިނުމެވެ. އަދި އަންހެނުންނަކީވެސް ކިހާ ބާރުގަދަ އަދި ކިހާ ކެރޭ ބައެއްކަން ސާބިތުކޮށްދިނުމެވެ.
މި ތަނުގަ އުޅެނީ ހުސް އަންހެނުންކަން އެނގުނީމަ ވަރަށް ހައިރާންވި. އެކަމަކު މިއީ ވަރަށް ސަޅި ކަމެއް. މި ހުރިހާ އަންހެނުން، އެމީހުންގެ ކަންކަން އަމިއްލައަށް ކޮށްލާތީ ވަރަށް ފަޚްރުވެރިވޭ.މޭރީ-މައިކަލް ޖުމައްޔިލް؛ ނިސްވިން އަލް ފާންގެ ކްލަޔަންޓެއް
މި ދަނޑިވަޅަކީ ހިތި ދާޚިލީ ހަނގުރާމައެއްވެސް ތަޖުރިބާ ކޮށްފައިވާ ލުބްނާންގެ ތާރީޚް ދެކެފައި ނުވާފަދަ ހީނަރުކަމަކާ އެ ޤައުމަށް ކުރިމަތިލާން ޖެހިފައިވާ ހިތްދަތި ދަނޑިވަޅެކެވެ. މާލީ ގޮތުންވެސް ބޮޑެތި ގެއްލުންތަކަކާ އެ ޤައުމަށް ކުރިމަތިލާން ޖެހިފައިވާއިރު، ލުބްނާންގައި މިވަގުތު ތިބި ކޮންމެ 10 މީހަކުން 8 މީހަކީ ފަޤީރަކަށް ވަނީ ވެފައެވެ.