ދިވެހިރާއްޖޭގައި ސުޕްރީމް ކޯޓު އުފެދުނުތާ 14 އަހަރު - ރާއްޖޭގެ ޝަރުޢީ ނިޒާމަކީ ހާސް އަހަރުވީ ނިޒާމެއް

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު، އެންމެ ކުރީއްސުރެވެސް ހަމަޖެހިފައި އޮތީ، ވެރިރަށް ފުރަމާލޭގައި އުއްތަމަ ފަނޑިޔާރު ބޭކަލެއް ހުންނަވައިގެން، ރަށްރަށުގައި ނައިބުން ތިއްބަވައިގެން، ޝަރީޢަތް ކުރުމާއި ޝަރީޢަތް ހިންގުމުގެ ނިޒާމެއްގެ ގޮތުގައެވެ. ރާއްޖޭގެ އެނގެން އޮތް 900 އަހަރުގެ ތާރީޚުން މިކަން ސާބިތުވެއެވެ. ފުރަމާލޭގައި ފަނޑިޔާރުގެ އެވެ. ރަށްރަށުގައި ނައިބުގެ އެވެ.

22 ޑިސެމްބަރ 1932ގައި (ލިޔެވި ބަޔާންވެގެންވާ) ޤާނޫނުއަސާސީއެއްގެ ދަށުން ރާއްޖޭގެ ވެރިކަން ހިންގުން ނުވަތަ ދުސްތޫރީ ޙުކޫމަތެއް ޤާއިމުވުމުން އެހާތަނާހަމަޔަށް ހުންނެވި އުއްތަމަ ފަނޑިޔާރު މަނިކުފާނު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން، ވަޒީރުލްޙައްޤާނިއްޔާ (މިނިސްޓަރ އޮފް ޖަސްޓިސް)ގެ މަޤާމަށް އިސްކުރެވުނެވެ. އެއީ ޝަރީޢަތްތައް ހިންގުމުގެ ވަޒީރު ކަމެވެ. ދެން ފަނޑިޔާރު މަނިކުފާނު ކަމަށް އިސްކުރެވުނީ ފަޟީލަތުއްޝައިޚް މުޙައްމަދު ސަޢީދު ދީދީއެވެ. 1932އިން ފެށިގެން ރާއްޖޭގެ ޤާނޫނުއަސާސީތަކުގަައި ޢަދުލުއިންސާފު ޤާއިމުކުރުމުގެ ވާހަކަ ބަޔާންވެގެންވިއެވެ. މިގޮތުން 1953ގައި ގާއިމުކުރެވުނު ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގައި ފަނޑިޔާރުގޭގެ ވާހަކަ އޭރުގެ ޤާނޫނުއަސާސީގައި ބަޔާންވެގެންވިއެވެ. ދިވެހިރާއްޖޭގައި ފަނޑިޔާރު ގެއެއް ހުންނަންވާނެ ކަމަށާއި އެ ފަނޑިޔާރުގެ އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރު ބޭކަލަކާއި ނައިބު ބޭކަލުންގެ މައްޗަށް ކަމުގައި ބަޔާންވެގެންވިއެވެ.

11 ނޮވެންބަރު 1968ގައި ޤާއިމުކުރެވުނު މި ޖުމްހޫރިއްޔާއާއެކު ފަނޑިޔާރުގެ އުވި މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިވިޝަންތަކެއް އުފެދި އެ ޑިވިޝަންތަކުގައި ޤާޟީން ތިއްބަވައިގެން ޝަރީޢަތްތައް ކުރަން ފެށުނެވެ. ވީމާ، މި ޑިވިޝަންތަކަކީ ކޯޓުގެ ނަން ދެވިފައި ނެތަސް “ޝަރުޢީ ކޯޓު”ތަކެކެވެ. އަދި އަތޮޅުތަކުގައި "އަތޮޅު ކޯޓު" ނަމުގައި 20 ޑިސެމްބަރ 1969ގައި ކޯޓުތަކެއް (ކޮންމެ އަތޮޅެއްގައި ކޯޓެއް) އުފެދުނެވެ. އެހެންނަމަވެސް ހައިކޯޓެއް ނުއުފެދެއެވެ.

11 ނޮވެމްބަރ 1978ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ)ގެ ވެރިކަން ފެށުމާއެކު، އޭރުއޮތް ޝަރުޢީ ނިޒާމު އިޞްލާޙު ކުރެއްވުމުގެ މަސައްކަތްޕުޅު ފެށްޓެވިއެވެ. މިގޮތުން މިނިސްޓްރީ އޮފް ޖަސްޓިސްގެ "ޝަރުޢީ" ޑިވިޝަންތައް އުވާލައްވައި އެތަންތަނަށް ކޯޓުތަކުގެ ނަން 1979ގައި ދެއްވިއެވެ. އަދި 17 ޖުލައި 1979ގައި ކޮންމެ ރަށެއްގައި ރަށު ކޯޓެއް އުފެއްދެވިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު އުފެދުނީ 5 އޮކްޓޯބަރ 1980ގައެވެ. ހައިކޯޓުގެ އެންމެމަތީ ފަނޑިޔާރަކީ އުއްތަމަ ފަނޑިޔާރު ކަމުގައި ހަމަޖެއްސެވިއެވެ. (1967އިން 1980އަށް) ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެއް ނެތެވެ.

6 ނޮވެމްބަރ 1980ގައި (ދިވެހިރާއްޖޭގެ ހައިކޯޓުގެ) ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށް އިސްކުރެއްވީ އޭރު ހުންނެވި ދީނީ ޝަރުޢީ ޤާނޫނީ އެންމެ ބޮޑު ޢިލްމުވެރިޔާ އަދި ތަޖުރިބާކާރު ފަޟީލަތުއްޝައިޚުލްއުސްތާޛު މޫސާ ފަޠުހީއެވެ. އެމަނިކުފާނަކީ 11 ނޮވެމްބަރ 1968އިން 5 އޮކްޓޯބަރ 1980އަށް 12 އަހަރު މިނިސްޓަރ އޮފް ޖަސްޓިސްއެވެ. އަދި 1967ގައި ވަޒީރުލްއައުޒަމްގެ އޮފީހުގެ ޝަރުޢީ ބައި ނުވަތަ ޖުޑީޝަލް އެފެއާޒުގެ ޚާއްޞަ ވަކީލު ކަމާއި 1968ގައި ވަޒީރުލްއައުޒަމްގެ ނައިބު (ޝަރުޢީ ބައި ނުވަތަ ޖުޑީޝަލް އެފެއާޒް)ގެ މަޤާމު އަދާކުރެއްވިއެވެ. ވީމާ، 13 އަހަރަށްވުރެ ގިނަ ދުވަހު އެމަނިކުފާނު ވަނީ (އުއްތަމަ ފަނޑިޔާރުކަމުގެ ކުރިންވެސް) ރާއްޖޭގެ ޝަރުޢީ އިސްވެރިކަން ކުރައްވާފައެވެ. (އުއްތަމަ ފަނޑިޔާރުކަން 6 އޮކްޓޯބަރ 1980އިން 6 ނޮވެމްބަރ 1996އަށް 16 އަހަރުކުރެއްވިއެވެ. ވީމާ އެމަނިކުފާނަކީ 30 އަހަރު ރާއްޖޭގެ ޝަރުޢީ އިސްވެރިޔާއެވެ)

ޝައިޚް ފަޠުޙީ ވަނީ 1960ގެ އަހަރުތަކުގައި މިސުރުގެ އަޒުހަރު ޔުނިވަރސިޓީއިން، ޝަރުޢީ އަދި ޤާނޫނީ ރޮނގުން މަތީ ތަޢުލީމުގެ ޑިގްރީ ޙާޞިލް ކުރައްވާފައެވެ. މިއީވެސް އެދުވަސްވަރަށް ބަލާއިރު މުޅިރާއްޖެއިން ޢިލްމީގޮތުން ފާހަގަކޮށްލެވުނު ކަމެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ 42 އަހަރުގެ ތާރީޚަށް ބަލާއިރު، 5 އޮކްޓޯބަރ 1980ގައި ހައިކޯޓު އުފެދުނީއްސުރެ، މިހާރުގެ ޤާނޫނުއަސާސީ (7 އޮގަސްޓް 2008)ގެ ދަށުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ގާއިމުވަންދެން 28 އަހަރު ދިވެހިރާއްޖޭގެ މަތީ ކޯޓަކީ ހައިކޯޓެވެ. މިހާރުވެސް މަތީކޯޓަކީ ހައިކޯޓެވެ. ސުޕްރީމް ކޯޓަކީ އެންމެމަތީ ކޯޓެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެދުނީ 18 ސެޕްޓެމްބަރ 2008ގައެވެ. ވީމާ، 14 އަހަރުވީއެވެ.

0%
0%
0%
0%
0%
100%