އަފްޣާނިސްތާނުގެ ވެރިކަމުގައި ތިބި ތާލިބާން ޖަމާއަތުން އެ ޤައުމުގެ އަންހެން ކުދިންގެ މަތީ ތައުލީމަށް އަލުން ފުރުސަތު ހުޅުވާލުމަށް އދން ގޮވާލައިފިއެވެ. އަފްޣާނިސްތާނުގައި ހުންނަ އދ ގެ މިޝަންގެ އެކްޓިން ހެޑް މާކަސް ޕޯޒަލް އާދީއްތަ ދުވަހު ވިދާޅުވީ އަންހެން ކުދިން ގްރޭޑް ހަތަކުން ބާރަޔަށް ކިޔެވުން ބަންދުކުރި ތާރީޚަށް އަހަރެއް ފުރުން ފާހަގަކުރާއިރު މިކަމަކީ ލަދުވެތި ކަމެއްކަމުގައެވެ. އަފްޣާނިސްތާނު ސަރުކާރުގެ މި ޕޮލިސީ އާއި އަސާސީ މިނިވަންކަން ބަންދުކޮށްފައި އޮތް އޮތުމުގެ ސަބަބުން ގައުމު އިތުރަށް ފަގީރުކަމުގެ ހާލަތަށް ގޮސް، އިގްތިސާދީ ކާރިސާގެ ހާލަތު އިތުރަށް ގޯސްވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާން ޖަމާއަތުން އަލުން ހަވާލުވިތާ އަހަރެއް ފަހަނަ އަޅާ ގޮސްފައިވާއިރު ފުރާވަރުގެ އަންހެން ކުދިން ކިޔަވަން ދިޔުން އޮތީ އަދިވެސް މަނާކޮށްފައެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތު ހުޅުވާލުމަށް ގޮވާލައްވާ ޓްވީޓް ކުރައްވާފައެވެ. ގުޓަރެސް ވިދާޅުވީ ގެއްލުނު އެއްއަހަރުގެ މައުލޫމާތަކީ އަނބުރާ ލިބޭނެ ފުރުސަތެއް ނޫންކަމަށާއި ފުރާވަރުގެ އަންހެން ކުދިންނަކީ ސްކޫލަށް ނިސްބަތްވާ ބައެއް ކަމުގައެވެ. އަދި އަންހެން ކުދިން ހައިސްކޫލަށް ދިއުމުގެ ފުރުސަތު އަލުން ތާލިބާނުން ދޭން ޖެހޭނެ ކަމުގައި ގުޓަރެސް ވިދާޅުވިއެވެ.
އަންހެން ކުދިންނަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެތައް ފަހަރަކު ތާލިބާން ޖަމާއަތުން ބުނެފައިވީ ނަމަވެސް އެކަން ކޮށްފައެއް ނުވެއެވެ. އުމުރުން 12 އަހަރާ 18 އަހަރާ ދެމެދުގެ ފިރިހެން ކުދިންނަށް ހައި ސްކޫލްތައް ހުޅުވާލިނަމަވެސް އަންހެން ކުދިން ގޭގައި ތިބުމަށް ވަނީ އަންގާފައެވެ.
އދން އަންދާޒާ ކުރާ ގޮތުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މިލިއަނަކަށް ވުރެގިނަ ފުރާވަރުގެ އަންހެން ކުދިންނަށް ވަނީ ކިޔެވުމުގެ ފުރުސަތު ބަންދުކޮށްފައެވެ.
ހައި ސްކޫލަށްދާ ފުރައިގެ އަންހެން ކުދިން ސްކޫލަށް ދިޔުން ބަންދުކޮށްފައި އޮތުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކޮށްފައިވާ ކަމެއް ނޫން ކަމަށާއި މިކަމުން އަންހެނުންގެ ޖީލެއް ހަލާކުވެގެން ގޮސް ގައުމުގެ މުސްތަގްބަލަށް ވެސް ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް އަފްޣާނިސްތާނުގައި ހުންނަ އދ ގެ މިޝަންގެ އެކްޓިން ހެޑް މާކަސް ޕޯޒަލް ވެސް ވިދާޅުވެފައިވެއެވެ.
އަފްޣާނިސްތާނުގެ އަންހެން ކުދިންނަށް މަތީ ތައުލީމު ހާސިލުކުރުން ހުއްޓުވާލިތާ އެއްއަހަރު ފުރުން އާދީއްތަ ދުވަހު ފާހަގަކުރެވުނުއިރު، އެ ޤައުމުގެ 50 އެއްހާ އަންހެން ކުދިން ވަނީ މުސްލިމު ގައުމުތަކުގެ ވެރިންނަށާއި އެހެން ވެސް ގައުމުތަކުގެ ވެރިންނަށް ޚާއްސަ ސިޓީއެއް ފޮނުވާފައެވެ. މިސިޓީގެ ސުރުހީއަކަށް އެކުދިން ލިޔެފައިވަނީ "އަނދިރި ކަމުގެ އެއްއަހަރު" މިހެންނެވެ. މިސިޓީގައި އެކުދިން ބުނެފައިވަނީ ފާއިތުވި އެއްއަހަރު އެކުދިންގެ އަސާސީ އިންސާނީ ހައްގެއް ކަމަށްވާ ތައުލީމު އުނގެނުމުގެ ފުރުސަތާއި ވަޒީފާ އަދާކުރުމުގެ ފުރުސަތުގެ އިތުރުން ޝަރަފުވެރިކަމާއި މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.