Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 04:01
ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް ރަޝީދު
ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް ރަޝީދު
ރާއްޖެ އެމްވީ
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކޮމްއަށް ޖޫރިމަނާ ދައްކަން އަނެއްކާވެސް އާލާއަށް އަންގައިފި
އަބުރުގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާ އަކީ އާލާ ދައްކަން ޖެހޭ އެއްޗެއް: ބްރޯޑްކޮމް
އެ ނިންމުމަށް ބަދަލެއް ގެންނާނެ ޖާގައެއް އޮތްކަމަށް ނުފެނޭ: ބްރޯޑްކޮމް
18 ޖޫން 2017  އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ވަނީ އަންގާފައި

ރޭޕްގެ މައްސަލައަކާ ގުޅޭ ގޮތުން ލިޔުނު ހަބަރެއްގެ މައްސަލައިގައި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަަމުގެ ގާނޫނުގެ ދަށުން ކުރި 50،000 ރުފިޔާގެ ޖޫރިމަނާ ދައްކަން ޖެހޭކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހީމަށް އަންގައިފިއެވެ.

އާލާއަށް ބްރޯޑްކޮމްއިން ހޯމަދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނުގެ ދަށުން މާޗް 7، 2017 ގައި ދެއްކުމަށް އާލާގެ މައްޗަށް އަމުރުކުރި ފައިސާ ދެއްކުމަށް އަމުރުކުރި ކުރުން އެ ކޮމިޝަނުން މުރާޖައާކުރުމަށްފަހު ވެސް އެ ނިންމުމަށް ބަދަލެއް ގެންނާނެ ޖާގައެއް އޮތްކަމަށް ނުފެންނަކަމަށެވެ.

އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ނިންމި ނިންމުމުގައި ބުނެފައިވަނީ، އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާ ކުރުމާއި ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިޢާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ށ) ގެ އެކެއްގެ ދަށުން ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ، އާލާ އިބްރާހިމްގެ މައްޗަށް ދެއްކުމަށް އަމުރުކުރި 50،000ރ 18 ޖޫން 2017  އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށް އާލާގެ މައްޗަށް އަމުރުކުރާކަމަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ވަނީ، ނޮވެމަބަރ 19، 2016 ގައި ރާއްޖެޓީވީގެ ތިން ހަބަރުގަޑިއެއްގައި ގެނެސްދީފައިވާ ރޭޕްގެ މައްސަލައަކާ ގުޅޭ ޚަބަރެއްގައި، މައްސަލައިގައި ހިމެނޭ ކުއްޖާގެ އާއިލާއާ ހަވާލާދީ މީހެއްގެ ނަން ހާމަކޮށްފައިވާ ކަމަށެވެ. އަދި މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާއާ ޚިލާފަށް ލިޔެފައިވާ ޚަބަރެއް ކަމަށާއި، ޚަބަރުގެ ސަބަބުން ނަން ހާމަވި މީހާގެ އަބުރުގެ ކަރާމާތަށް އުނިކަން ލިބިފައިވާ ކަމަށެވެ.

ޚަބަރު ލިޔުނު ނޫސްވރިޔާ އާލާގެ އިތުރުން އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާ ކުރުމާއި ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިޢާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ އެކެއްގެ ދަށުން ރާއްޖެޓީވީން އެހަބަރު ގެނެސްދީފައިވާކަމަށް ބުނެ ރާއްޖެ ޓީވީވެސް ވަނީ 200،000ރ. އިން ޖޫރިމަނާކޮށްފައެވެ. ކޮމިޝަނުން ދިން މުއްދަތުގެ ތެރޭގައި ރާއްޖެޓީވީން ވަނީ އެ ފައިސާ ދައްކާފައެވެ.

މި މައްސަލަ އާއި ގުޅިގެން ޖަވާބު ދާރީވުމަށް ފުރުސަތު ދީފައި ނުވާކަމަށް ބުނެ އާލާގެ ފަރާތުން ކޮމިޝަނަށް ހުށައެޅުމުން މައްސަލަ އަލުން މުރާޖައާކުރުމަށް ނިންމިއެވެ. އަދި އާލާއަށް ވަނީ ޖަވާބު ދާރީވުމުގެ ފުރުސަތު ދީފައެވެ.

މިކަމާއި ގުޅިގެން ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމް ބުނީ، ޖަވާބު ދާރީވުމަށް ފުރުސަތު ދިންނަމަވެސް މި ޖޫރިމަނާއަކީ ދައްކަން ޖެހޭ ޖޫރިމަނާއެއް ކަމަށް ނުދެކޭކަމަށެވެ. އަދި ޚަބަރު ޖެހުމުގެ ކުރިން މައްސަލަ ރައްދުވާ ފަރާތުގެ ކޮމެންޓެއް ހޯދުމަަށް އެތަށް ގޮތަކުން މަސައްކަތް ކުރިކަމަށެވެ.

އާލާ ބުނީ، ދަށްކަން ޖެހޭ ފައިސާއެއް ކަމަށް ނުދެކުނަސް، ފައިސާ ދައްކަން އަންގާފައިވާ މުއްދަތުގައި ނުދެއްކިއްޖެނަމަ އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވި ޖަލުހުކުމެއް އަންނާނެތީ، އެ ފައިސާ ދެއްކޭތޯ މަސައްކަތް ކުރާނެކަމަށެވެ.

އަބުރުގެ މައްސަލައަކާ ގުޅިގެން ރާއްޖެ ޓީވީއާއި ކުރީގެ ނޫސްވެރިއަކު ޖޫރިމަނާ ކުރިއިރު، ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ، މިދިޔަ އޭޕްރީލް މަހު ރާއްޖެޓީވީ ވަނީ އެއްމިލިއަން ރުފިޔާއިންވެސް ޖޫރިމަނާކޮށްފައެވެ. އެފައިސާވެސް ރާއްޖެޓީވީން ވަނީ އެ ކޮމިޝަނަށް ދައްކާފައެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން، ރާއްޖެ ޓީވީއާ ގުޅޭ ގިނަ މައްސަލަތަކެއް ބްރޯޑްކާސްޓިން ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ. ނަމަވެސް އެހެން ޓީވީ ޗެނެލްތަކާ ގުޅިގެން ބަލާ މިފަދަ މައްސަލަ މަދުވެފައި އަދި ބަލާ މައްސަލަތަކުގައި ފިޔަވަޅު ނާޅާކަން ފާހަގަކޮށްލެވެއެވެ. އަދި ބައެއް މައްސަލަތައް ނުބަލާ ގޮތައް ކޮމިޝަނުން ނިންމާފައިވާ ކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
20 ޖޫން 2017 | އަންގާރަ 16:50
ހަސީން
އަބުރު ގެއްލެނީ އާއްމުފަރުދަކު ލާރިގަނޑު ސަރުކާރަށް