Advertisement
ކ. މާލެ
|
20 ޖޫން 2017 | އަންގާރަ 00:04
ޔާމިން ރަޝީދު މަރާލި މީހުން ކަމަށް ފުލުހުން ހާމަކުރި ތިން މީހުން
ޔާމިން ރަޝީދު މަރާލި މީހުން ކަމަށް ފުލުހުން ހާމަކުރި ތިން މީހުން
ޕޮލިސް
ޔާމިން ރަޝީދު މަރާލުން
ޔާމިން މަރާލިކަމަށް ފުލުހުން ބުނާ އިސްމާއީލް ރަޝީދުގެ އާއިލާގެ ތުހުމަތު ފުލުހުން ދޮގުކޮށްފި
ފުލުހުން ބުނީ ތަހުގީގަށް ހުރަސްއެޅޭ ގޮތައް މައުލޫމާތު ފެތުރުމަށް ފުރުސަތު ނުދިނުމަށް
އިސްމާއީލް ރަޝީދުގެ އާއިލާއިން ބުނެފައިވަނީ އޭނާލައްވާ ފުލުހުން ވަކި ގޮތަކަށް ބުނުވަން އުޅޭ ކަމަށް
ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ އާއިލާގެ ވާހަކަތަކަށް ބަލާއިރު އިސްމާއީލް ރަޝީދު ފްރޭމް ކޮށްފައިވާކަމަށް

ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ މަޝްހޫރު ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މ. ތޯއިފް އިސްމާއީލް ރަޝީދުގެ އާއިލާއިން ނެރުނު ބަޔާނުގައިވާ ތުހުމަތުތައް ފުލުހުން ދޮގުކޮށްފިއެވެ.


ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވެފައިވަނީ  އިސްމާއިލް ރަޝީދުގެ އާއިލާއިން ނެރުނު ބަޔާނުގައި ފުލުހުންގެ މައްޗަށް ކޮށްފައިވާ އެންމެހާ ތުހުމަތުތަކަކީ ދޮގު ތުހުމަތު ތަކެއް ކަމުގައެވެ.

އެކަން ދޮގު ކުރުމުގެ އިތުރުން ޝިފާން ވިދާޅުވެފައިވަނީ ތަހުގީގްތަކަށް ހުރަސްއެޅޭ ގޮތައް މައުލޫމާތު ފެތުރުމަށް ފުރުސަތު ނުދިނުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާ ކަމަށާއި ތަހުގީގަށް ހުރަސް އެޅޭ ކަމަށްވާ ނަމަ ގާނޫނީ ގޮތުން އެ ހުރަސްތައް ނައްތާލަން ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

އިސްމާއީލު ރަޝީދުގެ އާއިލާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީން މަރާލި ކަމަށް އިސްމާއިލް ރަޝީދު އިންކާރު ކުރާ ކަމަށާއި، އަދި މިހާތަނަށް ފުލުހުން އަމަލު ކުރަމުންދާ ގޮތުން ޝައްކު އުފެދޭ ކަމަށެވެ.

އެގޮތުން އެ މައްސަލާގައި އިސްމާއީލު ރަޝީދު ބައިވެރިވެފައިވަނީ ދައުވާ ނުކޮށް ދޫކޮށްލެވޭ މިންވަރަށް ކަމަށާއި، ފުލުހުން ބޭނުންވާ ގޮތަކަށް ބަޔާންދީ އިސްމާއީލުގެ ގާނޫނީ ވަކީލުން ބަދަލުކޮށް ދައުލަތުގެ ހެއްކަކަށް ވެއްޖެ ނަމަ ދައުވާ ނުކޮށް ދޫކޮށްލާނެ ކަމަށް 15 މެއި 2017 ގައި ބުނެފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ. ނަމަވެސް ވަކީލުން ބަދަލު ނުކުރާނެ ކަމަށް އެންގުމާ ގުޅިގެން 17 މެއި ގައި "ތިހެން ވެއްޖެއްޔާ ސަރކަލްގެ އެންމެ އެތެރޭގައި ހުރި މީހާ ނުކުމެފައި ސާކަލްގެ ތެރެއަށް އިސްމާއީލް ރަޝީދު ވަދެދާނެ" ކަމަށް ބުނެ ފުލުހުން ބިރު ދައްކާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެއިތުރުން އާއިލާއިން ޑެޕިއުޓި ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލު ކުރުމަށް ވެސް ފުލުހުން ހުށަހަޅާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އާއިލާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ފުލުހުންވަނީ އިސްމާއީލު ރަޝީދާ މެދު އަނިޔާ ކުރުމުގެ އަމަލުތަކެއް ވެސް ހިންގާފައެވެ. އެގޮތުން މީހުން ބަންދު ކުރުން ހުއްދަ ނުކުރާ ތަނެއްކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި ތިން ދުވަސް ވަންދެން އިސްމާއީލު ރަޝީދު ބަހައްޓަފައި ހުރި ކަމަށާއި، ދެ ދުވަސްވަންދެން ހުސް ފާރަކަށް ކުރިމަތިވާ ގޮތަށް ބައިންދާފައި އިން ކަމަށް ބުނެފައިވެއެވެ. އަދި  ކ.ކާށިދޫގައި އޭނާ ބަހައްޓާފައި ހުރި ގޮޅިއަށް ނަޖިސް ވަސް ދުވާ ގޮތަށް ހުރުމުން އޭނާ ހާސްވެ އެހީއަށް ގޮވުމުން އަޅާ ނުލި ކަމަށާއި ފަހުން ފުލުހުން ގޮސް އިސްމާއީލަށް މަލާމާތް ކުރި ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.

އަދި ކާށިދޫގައި އިސްމާއީލަށް ބޯންދިން ފެނަށް އެއްޗެއް އަޅާފައި ހުރުމުން އޭނާގެ ބޮލަށް ގޮތެއްވި ކަމަށާއި، ދަންވަރު ނިދިޔަ ނުދީ ހޭލައްވައިގެން އެ މައްސަލައާ ބެހޭ ގޮތުން ސުވާލުކޮށްފައިވާ ކަމަށް އާއިލާގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެއިތުރުން އިސްމާއީލު މިނިވަން ވުމުގެ އަގަކީ ޝަރީއަތުގައި ﷲ ގަންދީ ދޮގު ހުވާ ކުރުން ކަމަށާއި އެކަން އޭނާ ނުކުރާނެ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އެބަޔާނާ ގުޅިގެން މަޝްހޫރު ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެފައިވަނީ އެބަޔާނަށް ބަލާއިރު އިސްމާއީލް ރަޝީދު ފްރޭމް ކޮށްފައިވާކަމަށް ބެލެވޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް