ސްރީލަންކާގެ މަސައްކަތްތެރިން ވަކިން ޚާއްސަކޮށް ސައިފަތް ދަނޑުތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތާމެދު އދ.ގެ ސްޕެޝަލް ރެޕެޓުއަރ އޮން ކޮންޓެމްޕްރޮރީ ފޯރމްސް އޮފް ސްލޭވެރީ ޓޮމޯޔާ އޮބޯކަޓާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސްޕެޝަލް ރެޕެޓުއަރގެ ރިޕޯޓް އދ.ގެ ހިޔުމަން ރައިޓްސް ކައުންސިލުގެ 51 ވަނަ ބައްދަލުވުމަށް ހުށަހަޅުއްވަމުން ވިދާޅުވީ އެންމެބޮޑު ކަންބޮޑުވުމަކީ ލަންކާގެ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތުކަމަށެވެ.
ޓޮމޯޔާ ވިދާޅުވީ ސައިފަތް ދަނޑުތަކުގައި މަސައްކަތްކުރާ އަންހެނުން އެތަނުގައި މަސައްކަތްކުރާ ފިރިހެނުން މަސައްކަތްކުރާ ވަގުތަށްވުރެ ދެގުނަ އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އެހެންނަމަވެސް އަންހެނުންނަށް ލިބެނީ ފިރިހެނުންނާ އެއް މުސާރައެއްކަމަށް ޓޮމާޔޯ ވިދާޅުވިއެވެ. އަންހެނުންނަށް ގިނަ ވަގުތު މަސައްކަތްކުރަންޖެހެނީ ސައިފަތް ބިނދެވޭ މިންވަރު ފިރިހެނުންނަށްވުރެ މަދުވުމުންނެވެ.
މީގެއިތުރުން ލަންކާގެ ބައެއް ހިސާބުތަކުގައި ނިސްބަތްވާ ނަސްލުގެ ސަބަބުން މަސައްކަތްތެރިންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށާއި ހެދުން އުފައްދާ ކާރުޚާނާތަކާއި ގޭގޭގައި މަސައްކަތްކުރުމަށް މަޖުބޫރުކުރުވާކަމަށެވެ.
ލަންކާގެ މަސައްކަތްތެރިންގެ ހާލަތާމެދު ވާހަކަދައްކަވަމުން ޓޮމޯޔާ އިތުރަށް ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ އަނިޔާގެ މައްސަލަތައްކަމަށެވެ. އެފަދަ މައްސަލަތައް ބެލުމަށް އޮންނަ ނިޒާމުގެ އިތުބާރު ގެއްލިފައިވާތީ އެފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު މަދުކަމަށް ޓޮމޯޔާ ވިދާޅުވިއެވެ. މީގެއިތުރުން މަސައްކަތްތެރިންނަށް އެންމެ މަދުން ލިބޭނެކަމަށް ކަނޑައަޅާފައިވާ އާމްދަނީ ލަންކާގެ އުފުލެމުން އަންނަ އަގުތަކާ ނުބައްދަލުކަމަށް ޓޮމޯޔާ ވިދާޅުވިއެވެ.
މީގެއިތުރުން ބޭރު ގައުމުތަކަށް މަސައްކަތްކުރުމަށްދާ ލަންކާ ރައްޔިތުންނަށް ރައްކާތެރިކަން ލިބެންޖެހޭކަމަށް އދ.ގެ ސްޕެޝަލް ރެޕެޓުއަރ ފާހަގަކުރެއްވިއެވެ. ލަންކާގެ ގިނަ ޑިޕްލޮމެޓިކް ކޮމިޝަންތައް ހުންނަނީ ލަންކާގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރެވޭ މިންވަރަށް ކަންކަން އިންތިޒާމުކޮށްފައި ނޫންކަމަށް ޓޮމޯޔާ ވިދާޅުވިއެވެ.
ސްޕެޝަލް ރެޕެޓުއަރގެ ރިޕޯޓާ ގުޅޭގޮތުން ލަންކާގެ އޮފިޝަލު ވިދާޅުވީ ލަންކާގެ ސައިފަތް ދަނޑުތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ދިމާވާ ގޮންޖެހުންތައް އެނގޭކަމަށެވެ. ހުރިހާ ނަސްލެއްގެ މަސައްކަތްތެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކަމާގުޅޭ މިނިސްޓްރީތައް ގުޅިގެން ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.
އަންހެނުންގެ މާލީ ހާތަކާއި ގުޅޭގޮތުން ރެޕެޓުއަރ ފާހަގަކުރެއްވި ކަންތައްތަކާއި ގުޅޭގޮތުން އޮފިޝަލު ވިދާޅުވީ އަންހެނުންގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި ލަންކާއިން ބޭރު ގައުމުތަކަށް ދާ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށްވެސް އިސްކަމެއްދޭކަމަށް ވިދާޅުވިއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ތިބެގެންވެސް އެ މަސައްކަތްތެރިންނަށް އޮންލައިންގެ ޒަރީއާއިން ޝަކުވާ ހުށަހެޅޭނެކަމަށް އޮފިޝަލު ވިދާޅުވިއެވެ.