ގޮދަނުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އަލް މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލު)ގައި ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ މުހައްމަދު އަހުސަން ރާއްޖެއެމްވީއަށް ވިދާޅުވީ އަރަބިއްޔާ ސްކޫލުގައި ޒަކާތް ނަގާނީ ގޮދަނުގެ ގޮތުގައި ހިމެނޭ ހަނޑުލުން، 2.4 ކިލޯކަމަށެވެ. ޒަކާތް ބަލައިގަންނަނީ އެބަޔަކު އޭރަކު ކައި އުޅޭ ހަނޑުލުގެ ބާވަތްތަކުންނެވެ.
ގޮދަނުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ބަލައިގަތުމަށް ނިންމާފައިވަނީ ހަމައެކަނި ހަނޑުލެވެ.
އަރަބިއްޔާ ސްކޫލުގައި ހަނޑުލުން ޒަކާތް ނެގުމަށް ހަމަޖެހިފައިވަނީ މިހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 09:00 އިން 10:00 އަށެވެ.
އަރަބިއްޔާ ސްކޫލުގައި ހަމަ އެކަނި ބަލައިގަންނަނީ ގޮދަނުން ދައްކާ ޒަކާތެވެ. އަދި ކުރި އެކޭވެސް އެއްގޮތަށް ފައިސާއިން ޒަކާތް ބަލައިގަތުން މާލޭގައި ކުރިއަށްދަނީ އިސްލާމީ މަރުކަޒު ހޯލުގައެވެ. ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕްރޭޝަންއާއި، ވިލިމާލެއާއި، އައްޑޫސިޓީ ކައުންސިލްއާއި، ރަށްރަށުގެ ރަށުކައުންސިލުން ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިހާތަނަށް ރަމަޟާން މަހުގެ ފުރަތަމަ ފަނަރަ ދުވަސް ނިމުނު އިރު 28128 މީހުން އިސްލާމިކް މިނިސްޓްރީއަށް ޒަކާތް ދައްކާފައިވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ.