ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 19:44
ވައިރަލް އިންފެކްޝަން - އެމެރިކާގެ ހޮސްޕިޓަލެއްގެ އެކަހެރި ކޮޓަރިއެއް
ވައިރަލް އިންފެކްޝަން - އެމެރިކާގެ ހޮސްޕިޓަލެއްގެ އެކަހެރި ކޮޓަރިއެއް
-
އެމެރިކާގެ ސިއްހީ މައްސަލަތައް
ކުޑަކުދިންގެ ގައިން ވާގިނެތޭ ބައްޔެއް ފެތުރެން ފަށާފާނެތީ ސަމާލުވުމަށް އަންގައިފި
ކަންބޮޑުވުން އުފެދިފައިވަނީ، ޕޯލިއޯ ޖެހުމުން ވާގިނެތޭގޮތަށް ކުދިންގެ ހަށިގަޑުން ވާގިނެތެން ފަށާފާނެތީ

އެމެރިކާގައި ފެތުރެމުން އައި، ކުޑަކުދިންގެ ގައިން ވާގިނެތޭ ބައްޔެއް އަނެއްކާވެސް އިތުރުވެދާނެތީ މިކަމަށް ސަމާލުވުމަށް، ޑިޒީޒް ކޮންޓްރޯލް ސެންޓަރުތަކުން އަންގަން ފަށައިފިއެވެ. އެންޓަރޯ ވައިރަހުގެ ދެ ވޭރިއަންޓަކުން ޖައްސާ މިބަލި ޖެހުމުން ކުޑަކުދިންގެ ހަށިގަޑުން ވާގިނެތެއެވެ. ނަމަވެސް ސީރިއަސް ނުވާއިރު ފެންނަނީ އާދައިގެ ރޯގާއިން ފެންނަފަދަ އަލާމާތްތަކެކެވެ.

އެންޓަރޯ ވައިރަހަކީ ވައިހުގެ ވައްތަރެކެވެ. މިއީ އާންމު ވައިރަހެއްކަމަށާއި، ވައިރަހުގެ ސަބަބުން ގިނަ އަދަދެއްގެ ކުޑަކުދިން އެމެރިކާގައި ބަލިވާކަމަށްވެއެވެ. ނަމަވެސް އާންމުގޮތެއްގައި ފެންނަނީ ނޭފަތުން ފެން އައުމާއި ކެއްސުންފަދަ އާދައިގެ އަލާމަތްތަކެކެވެ. އަދި އެންޓަރޯވައިރަހުގެ އަސަރު ހަށިގަނޑަށް ކުރުމުން، ބަލިވުމުގެ އަލާމާތެއް ނުފެނިވެސް ހުންނަކަމަށްވެއެވެ. 2012 އަދި 2013ގައި މިސޫރީގައި ހެދުނު ދިރާސާއަކުން ފެނުނުގޮތުގައި، ޓެސްޓްކުރެވުނު ކޮންމެ ކުޑަކުއްޖެއްގެ ގައިންވެސް އެންޓި ބޮޑީޒް ފެނިފައިވެއެވެ. އޭގެ މާނައަކީ އެންޓަރޯ ވައިރަހުގެ ސަބަބުން ކުރިން އެކުދިން ބައްޔެއްވެފައިވާކަން ހާމަވެފައިވުމެވެ.

އެހެންވެސް ވައިރަލް އިންފެކްޝަނެކޭ އެއްގޮތަށް އެންޓަރޯ ވައިރަސް ޑީ 68ގެ ސަބަބުންވެސް ހާލަތު ގޯސްވަނީ ނޭވާއަށް އުނދަގޫކުރުންފަދަ ސިއްހީ މައްސަލަތައް ކުރިންވެސް ހުންނަ ކުދިންގެއެވެ.  

އެންޓަރޯ ވައިރަލް އިންފެކްޝަން ފެތުރުން އޮތީ ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް އެޅުނު ފިޔަވަޅުތަކަށްފަހު މުޅިންހެން ހުއްޓިފައިކަމަށްވެއެވެ. ނަމަވެސް ސީޑީސީން ބުނެފައިވާގޮތުގައި މިދިޔަ ޖުލައި އަދި އޮގަސްޓް މަހު އެންޓަރޯ ވައިރަސް ޑީ68، މިވައްތަރުން ބަލި ޖެހުނު ކުދިންގެ އަދަދުވަނީ އިތުރުވެފައެވެ. އަދި މިއީ 2018 ވަނަ އަހަރަށްފަހު މި ބަލި އެންމެ ގިނައިން ފެނުނު ފަހަރު ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މިބަލިޖެހޭ މަދު އަދަދެއްގެ ކުދިންގެ ހަށިގަނޑު "އެކިއުޓް ފްލެސިޑް މައެލައިޓިސް" ކިޔާ ހާލަތަކަށް ދެއެވެ. މިހެން ވުމުން ޕޯލިއޯ ޖެހުމުން ވާގިނެތޭގޮތަށް ހަށިގަނޑުން ވާގިނެތެއެވެ.

2018 ވަނަ އަހަރު "އެކިއުޓް ފްލެސިޑް މައެލައިޓިސް"ގެ 238 ރިޕޯޓް ލިބިފައިވާކަމަށްވެއެވެ. މާނައަކީ އެއަހަރު 238 ކުދިން އެންޓަރޯ ވައިރަސް ޑީ 68ގެ ސަބަބުން ހަށިގަނޑުން ވާގިނެތިފައިވެއެވެ. މިއަހަރު މިހާތަނަށް އަދި ހަށިގަނޑުން ވާގި ނެތުނު ކުއްޖެއް ފެނިފައި ނެތްނަމަވެސް، އެންޓަރޯ ވައިރަސް ޑީ 68ގެ ސަބަބުން ބަލިވާ ކުދިންގެ އަދަދު 2018 ވަނަ އަހަރަށްވުރެ މިހާރު އިތުރުވެފައިވާކަން ސީޑީސީތަކުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އަނެއްކާވެސް ވާގިނެތުން ފެންނަންފެށުން ވަރަށް ގާތްކަމަށް ގަބޫލުކުރެވޭކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ކުދިންގެ ހަށިގަނޑުން ވާގިނެތޭބަލި ކަމަށްވާ ޕޯލިއޯއަކީވެސް އެންޓަރޯ ވައިރަހުގެ ވައްތަރަކުން ޖެހޭ ބައްޔެކެވެ.

އެމެރިކާގެ ނިއުޔޯކް ސްޓޭޓްގައި ޕޯލިއޯ ފެތުރޭކަމަށް ބުނެ ވަރަށް ފަހުން ވަނީ ކުއްލި ހާލަތުވެސް އިއުލާނުކޮށްފައެވެ. ޕޯލިއޯ ބަލި ފެންނަ ކޮންމެ އެކަކަށް، ބަލިޖެހި އެކަން ނޭނގޭ އެތައް ސަތޭކަ މީހުން ތިބޭނެކަމަށްވެއެވެ. ކުއްލި ހާލަތާއެކު ނިއުޔޯކްގައި މިހާރު ވަނީ ޕޯލިއޯ ވެކްސިން ދިނުން މެކުހަށް ޖަހާފައެވެ.

- ކޮމެންޓް