Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 16:29
ހއ. އިހަވަންދޫ - އެ ރަށު ކައުންސިލުން ކުރި އިޢުލާނެއް އެލްޖީއޭއިން ވަނީ ބާޠިލްކޮށްފަ
ހއ. އިހަވަންދޫ - އެ ރަށު ކައުންސިލުން ކުރި އިޢުލާނެއް އެލްޖީއޭއިން ވަނީ ބާޠިލްކޮށްފަ
ފޭސްބުކް
އިހަވަންދޫ ކައުންސިލް
އިހަވަންދޫ ކައުންސިލްގެ ނިންމުން ބާޠިލް: އެލްޖީއޭ
ފުލުހުންނާއި ގުޅިގެން އާންމު ރައްކަތެރިކަމަށް މަސައްކަތް ކުރުމަށް ކައުންސިލަށް ވަނީ އަންގާފަ
ބައެއް ބިދޭސީންގެ މައްޗަށް 6 ކަމެއް ވަނި މަނާކޮށްފަ
ހަފްތާ ނިމުމުގެ ކުރިން ކައުންސިލްގައި ހުރިހާ ބިދޭސީން ރަޖިސްޓްރީ ވުމަށްވެސް ވަނީ އަންގާފަ

ހއ އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި ދިވެއްސަކު މަރާލި ކަމަށް ބިދޭސީއަކު އިއުތިރާފު ވުމާއި ވިދިގެން، އިހަވަންދޫ ކައުންސިލުން ބިދޭސީންގެ ތެރެއިން ވަކިބައެއްގެ ބައެއް ހައްޤުތައް ހިފެހެއްޓުމަށް ނިންމި ނިންމުމަކީ ޤާނޫނާއި ޚިލާފު ނިންމުމެއް ކަމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމަންޓް އޮތޯރިޓީން ނިންމައިފިއެވެ.

އެ އޮތޯރިޓީގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ، އިހަވަންދޫ ކައުންސިލްގެ ނިންމުމަކީ ޤާނޫނީ ގޮތުން ބާޠިލް ނިންމުމެއް ކަމަށާ، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ގުޅިގެން އާންމު ރައްކަތެރިކަމަށް މަސައްކަތް ކުރުމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

އެލްޖީއޭއިން މިގޮތަށް ހާމަކޮށްފައިވާއިރު، އިހަވަންދޫ ކައުންސިލުން ބިދޭސީންގެ ޙައްޤުތައް ހިފަހައްޓައި، އާދީއްތަ ދުވަހު އިޢުލާނެއް ނެރުމާއި ގުޅިގެން، އާދީއްތަ ދުވަހު ހެނދުނު އެލްޖީއޭއިން ވަނީ އެ ނިންމުމުގެ ޤާނޫނީ ބުރަދަން ހުރި މިންވަރެއް ބަލަމުންދާ ކަމަށް ބުނެފައެވެ.

އާދީއްތަ ދުވަހު އިހަވަންދޫ ކައުންސިލްގެ ރައީސް ސޮއިކުރައްވާ ނެރުއްވާފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އާދީއްތަ ދުވަހުން ފެށިގެން އިހަވަންދޫގައި ދިރިއުޅޭ ބިދޭސީންނަށް 6 ކަމެއް މަނާކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މަނާކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ތަނުގައި ޑިއުޓީ އަދާކުރުމަށް ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި އެއްވެސް ބިދޭސީއަކު ރޭގަނޑު 10:00 ގެ ފަހުން ބޭރުގައި އުޅުން.
  • ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 2:00 ން ފެށިގެން، ހަވީރު 5:30 އާއި ދެމެދު ފިޔަވާ ގްރޫޕް ހަދައިގެން ރަށުގެ އެއްވެސް ސަރަޙައްދެއްގައި މަޑުކޮށްގެން ތިބުން.
  • ކައުންސިލްގެ އިހުތިޞާސްގައިވާ އެއްވެސް ތަނަކުން މަސްވެރިކަން ކުރުން.
  • ރަށުގެ ވަލުތެރެއަށް ވަދެ ކާށި، ދަރު، ފަން، މިބާވަތުގެ އެއްވެސް އެއްޗެއް ހޮވުން.
  • ރަށުގެ ކުނިގޮނޑަށް، ކުނިއުކާލުމަށް ފިޔަވާ އިތުރު އެއްވެސް ބޭނުމަކަށް އެ ސަރަޙައްދަށް ދިއުން.
  • ރަށުގައި ބޭއްވޭ ހަފްލާތަކަށް ދައުވަތު ނުދޭހާ ހިނދަކު ގޮސްނޫޅުން

އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ އިއުލާނާއި އެކު އާންމުކޮށްފައިވާ އިތުރު ލިއުމެއްގައި ބުނެފައިވަނީ ސަރުކާރު މުއައްސަސާތަކުގެ ބެލުމުގެދަށުން ގެނެސްފައިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓީޗަރުން މި ކަންކަމުން އިސްތިސްނާ ކުރަންވެސް ނިންމާފައިވާ ކަމަށެވެ.

މި ކަންކަމުގެ އިތުރުން، އިހަވަންދޫ ކައުންސިލުން އާދީއްތަ ދުވަހު ކުރި އިތުރު އިޢުލާނެއްގައި ބުނެފައިވަނީ، އިހަވަންދޫގައި އުޅޭ ހުރިހާ ބިދޭސީންނާއި، ބިދޭސީން ގެންގުޅޭ ފަރާތްތައް، އާދީއްތަ ދުވަހުން ފެށިގެން 5 ދުވަހުގެ ތެރޭގައި ކައުންސިލަށް ހާޒިރުވެ، ކައުންސިލްގައި ރަޖިސްޓްރީ ވުމަށް އަންގާ ކަމަށެވެ.

ނިމިގެންދިޔަ ހަފްތާގައި އިހަވަންދޫގައި ހިނގި ހާދިސާ އާއި 2002 ވަނަ އަހަރު އެ ރަށުގައި ހިނގި ހާދިސާއެއްގައި ބިދޭސީން ބައިވެރިވެފައިވާއިރު، އިހަވަންދޫ ކައުންސިލުން ބުނީ، މި ކަންކަމުގެ ސަބަބުން އިހަވަންދޫގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށާއި، ރަށް ބަދުނާމުވަމުންދާ ކަމަށެވެ. އަދި އިހަވަންދޫ އަކީ މެހުމާންދާރީ އަދާކުރުމުގައި ލާމަސީލު ރަށަކަށްވާއިރު، ރަށުގެ ރައްޔިތެއްގެ އެއްވެސް ބައިވެރިވުމެއް ނެތި ބިދޭސީންގެ އަތުން ރަށުގައި ހުރި މެހެމާނެއް މަރުވެގެން ދިއުމުގެ ސަބަބުން، ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން އިތުރަށް ބުނެފައިވަނީ ބިދޭސީއެއްގެ ފަރާތުން ރަށަށް "ހަޑި ނަމެއް އަންނާކަށް އެއްވެސް ރައްޔިތަކު ނޭދޭ" ކަމަށެވެ.

އިހަވަންދޫ ކައުންސިލުގެ ނިންމުމަށް ޤާނޫނީ ފަރާތްތަކާއި، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް