Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 16:22
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ރާއްޖެ އެމްވީ
އަދީބުގެ ސިއްހީ ހާލަތު
އެޗްއާރްސީއެމް އިން އަދީބާ ބައްދަލުކޮށްފި
އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ނެތް
އަދީބުގެ ކިޑްނީގައި ހިލަ އުފެދި، އެތެރެހަށީގައި ސިސްޓް އުފެދި، ލޮލަށް ވަނީ ގްލުކޯމާ ޖެހިފަ
ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ގެއްލުންވެދާނެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އެކޮމިޝަނުން ދޫނިދޫއަށް ގޮސް އެމަނިކުފާނާއި ބައްދަލުކޮށްފިއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މެއި 31 ވަނަ ދުވަހު އެޗްއާރްސީއެމް އަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެ ހަށީގައި ސިސްޓް ހުރުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލުކޯމާ ޖެހިފައިވުން ހިމެނޭ ކަމަށެވެ.

ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އެޗްއާރްސީއެމްގެ މެމްބަރުން އަދީބާއި ބައްދަލުކޮށްފައިވާކަން ރާއްޖެއެމްވީއަށްވެސް ވަނީ ކަށަވަރުވެފައެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖުވެސް ވަނީ އަދީބުގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ އެޗްއާރްސީއެމްއަށް އެކަން އަންގަވާފައެވެ. 

މިކަމާ ގުޅޭގޮތުން އެޗްއާރްސީއެމްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ހައްވާ ވަޖުދާ ވިދާޅުވީ އިންވެސްޓިގޭޝަންގެ ކަންތައްތައް ކުރަމުންދާއިރު އެފަދަ މައުލޫމާތުތައް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ސިރާޖު ވިދާޅުވީ އަދީބުގެ ކިޑްނީގައި ހިލަ އުފެދިފައިވާއިރު، ލޮލުގެ ފެނުން ގެއްލިގެން ގޮސްދާނެ ފަދަ ބައްޔެއް ކަމުގައިވާ ގްލުކޯމާ އަދީބަށް ޖެހިފައިވާއެވެ. މިކަން އައިކެއާ އޮޕްޓިކަލުން ހެދި ޓެސްޓްތަކުން ހާމަވާ ކަމަށާއި އެ ޑޮކިއުމެންޓްތައް ވެސް އެބަހުރި ކަމަށް ސިރާޖް ވިދާޅުވިއެވެ.

އަދީބު ގެއަށް ބަދަލުކުރުމަށް އާއިލާއިން އެދިފައި ވާއިރު، ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ގެއަށް ބަދަލުކޮށްދެވެން ނެތް ކަމަށެވެ. ރާއްޖެއިން ބޭރަށް އަދީބު ބޭސްފަރުވާއަށް ދިއުމަށްވެސް ހުއްދަ ދީފައެއް ނުވެފައެވެ.

މިކަމާއި ގުޅިގެން ސިރާޖް ވިދާޅުވީ ފަރުވާ ނުދެވި ލަސްވެއްޖެނަމަ، ޖަލުގެ ގޮޅިތެރޭގައި މަރުވެދާނެ ކަމަށެވެ. އެހެންކަމުން އާއިލާގެ އާދޭހަކީ އަދީބް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ހަމަޖައްސައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެރަރިޒަމާއި ކޮރަޕްޝަންގެ ތިން މައްސަލައެއްގައި އަދީބަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދީބަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އިތުރު މައްސަލަތައް ތަހްގީގުކުރާއިރު، ބައެއް މައްސަލަތައް ކްރިމިނަލް ކޯޓްގައި ކުރިއަށް އެބަ ގެންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް