Advertisement
ކ. މާލެ
|
19 ޖޫން 2017 | ހޯމަ 16:15
ވާދޫ ސިއްހީ މަރުކަޒު
ވާދޫ ސިއްހީ މަރުކަޒު
ގޫގުލް
ޓީބީ ބަލި
ޓީބީޖެހުނު ބިދޭސީ ނަރުސް މަރުވެއްޖެ
ނަރުސް މީހާ މަރުވެފައިވަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި  ފަރުވާދެމުން ދަނިކޮށް ހޯމަދުވަހުގެ ހެނދުނު
ޓީބީ ޖެހުނުކަން އެނގުނީ މިދިޔަ ބުދަދުވަހުގައި
ބިދޭސީ އަންހެން މީހާއާ އެކީ މަސައްކަތް ކުރި މީހުންނަށް ޓީބީ ޖެހުމުގެ ފުރުސަތު އެބައޮތް

ގދ. ވާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ނަރުހަކަށް ޓީބީ ޖެހިގެން މަރުވެއްޖެއެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރ އައިމިނަތު އަބްދުލް ހަކީމް ރާއްޖެއެމްވީއަށް ވިދާޅުވީ ނަރުސް މީހާ މަރުވެފައި ވަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި  ފަރުވާދެމުން ދަނިކޮށް ހޯމަދުވަހުގެ ހެނދުނު ކަމަށެވެ. 

އައިމިނަތު ވިދާޅުވީ ބިދޭސީ އަންހެން މީހާއާ އެކީ މަސައްކަތް ކުރި މީހުންނަށް ޓީބީ ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެހެން ކަމުން ޓީބީއަށް ޓެސްޓު ކުރުމަށް އަންގާފައި ވާނެ ކަމަށެވެ.

ވާދޫ ސިއްހީމަރުކަޒުގައި މަސައްކަތްކުރި ބިދޭސީ މީހާ ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް  ދެއްކީ އަންގާރަދުވަހު، މާގަދައަށް ކެސާތީއެވެ. އަދި ޖެހިގެން އައި ބުދަދުވަހު އޭނާ ޓީބީއަށް ޕޮޒިޓިވްކަން އެނގުމާއެކު ފަރުވާދޭން އެ ހޮސްޕިޓަލުން ވަނީ ފަށާފައެވެ.

މީގެ ކުރިން ވާދޫ ސިއްހީ މަރުކަޒުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެރަށު ސިއްހީ މަރުކަޒުގެ ނަރުހަކަށް ޓިއުބަރކްލޯސިސް ޖެހިފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު ( ޖޫން 15 ވަނަ ދުވަހު) ގައި އެނގިފައިވާ ކަމަށާއި އެކަން އެނގުމާ ގުޅިގެން، ވަގުތުން އޭނާ މަސައްކަތުން ދުރުކުރެވިފައިވާ ކަމަށެވެ.

ޓީބީއަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފަސޭހަ ކަމާއި އެކު ގައިން ގަޔަށް އެރުމުގެ ފުރުސަތު ބޮޑު ބައްޔެއް ކަމަށާއި މި ބަލި އިތުުރު ބަޔަކަށް ފެތުރިފައިވޭތޯ ބެލުމަށް، ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި ޓީބީ ޖެހުނު ނަރުސް މީހާ ދިރިއުޅުނު ގޭގެ މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވާދޫ ސިއްހީ މަރުކަޒުން ބުނެ އެވެ. އަދި އެ ހޮސްޕިޓަލުގައި މިދިޔަ ހަ މަސް ދުވަހު އެޑްމިޓްވެގެން ފަރުވާ ދެވުނު މީހުން ދެނެގަނެވި، އެމީހުންގެ ތެރެއިން ޓީބީގެ އަލާމާތްތައް ފެންނަ މީހުން ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ވާދޫ ސެންޓަރުން ވަނީ އެދިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް