ކ. މާލެ
|
9 ސެޕްޓެންބަރ 2022 | ހުކުރު 09:35
މެންޑޭޒް ލަނޑަށްފަހު އުފާ ފާޅުކުރަނީ
މެންޑޭޒް ލަނޑަށްފަހު އުފާ ފާޅުކުރަނީ
ޔުއެފާ
ޔުއެފާ ޔޫރޮޕާ ލީގު
ރޮނަލްޑޯއާއި މެގުއާ މުޅި މެޗުގައި ކުޅުނު، ޔޫރޮޕާ ލީގުގެ ފުރަތަމަ މެޗުންވީ ބަލި!
އާސެނަލް ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައި

ކްރިސްޓިއާނީ ރޮނަލްޑޯއާއި, ހެރީ މެގުއާ ފުރަތަމަ އެގާރައިގައި ހިމަނާ މުޅި މެޗުން ފުރުޞަތު ދީގެން ކުޅުނު ޔޫރަޕާ ލީގުގެ ފުރަތަމަ މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

އެ ދެކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ފުރުޞަތު ނުދީ ލީގުގައި ކުޅުނު ފުޓުބޯޅަ މެޗުތަކުން މޮޅުވަމުން އައިސް ޔޫރަޕާ ލީގަށް ކޯޗު ޓެން ހާގް ނުކުތީ އެދެ ކުޅުންތެރިންނާއެކުއެވެ. އަމިއްލަ ދަނޑުގައި ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އަތުން ބަލިވީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު ސޮއިއެޑާޑުން ޖެހީ ޕެނަލްޓީއަކުންނެވެ. ބްރައިސް މެންޑޭޒްއެވެ. މިއީ މެންޗެސްޓަރ ސިޓީގެ ކުރީގެ މިޑްފީލްޑަރ ފޮނުވާލި ބޯޅައެއް އޭރިޔާ ތެރެއިން ލިސަންޑްރޯ މާޓިނޭޒް އަތުގައި ޖެހުމުން ދިން ޕެނަލްޓީއެކެވެ. ސޮސިއެޑާޑުން ލަނޑު ޖެހުމުގެ ކުރިން ފުރަތަމަ ހާފްގައި ރޮނަލްޑޯ ލަނޑެއް ޖެހިނަމަވެސް ވީއޭއާރުން ބެލުމަށްފަހު ނިންމީ އޮފްސައިޑްކަމަށެވެ.

މެޗު ކުޅުނީ ރޭގެ ވަގުތެއްގައި އަވަހާރަވި އިނގިރޭސި ރާނީ ކުއީން އެލިޒަބަތަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކުޅުންތެރިން ކަޅު ބޭންޑު އަޅައިގެންނެވެ. އަދި އެއްވެސް ވަރަކަސް މިޔުޒިކް ބޭނުމެއް ނުކުރެއެވެ.

މިގްރޫޕްގެ އަނެއް ދެޓީމްގެ މެޗުގައި މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް ވަނީ 3-0 އިން ސައިޕްރަސްގެ އޮމޯނިއާ ބަލިކޮށްފަ އެވެ. ގްރޫޕްގެ އެއްވަނާގައި އޮތީވެސް ޝެރިފްއެވެ.

ޔޫރަޕާ ލީގުގައި ވާދަކުރަމުން އަންނަ އާސެނަލް ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. ޒިޔުރިކްއާ ވާދަކޮށް އާސެނަލް މެޗު ކާމިޔާބުކުރީ 2-1 ނެވެ. މެޗުގެ ފުރަތަމަ ހާފް 1-1 ން ދެޓީމް އެއްވަރުވެފައި ވަނިކޮށް, ދެވަނަ ހާފްގައި އާސެނަލް މޮޅުކޮށްދިނީ އެންކެޓިއާއެވެ. އާސެނަލްގެ ފުރަތަމަ ލަނޑު ޖެހީ މިސީޒަންގައި ޓީމާ ގުޅުނު ބްރެޒިލްގެ މާކުއީނޯސްއެވެ. މެޗުން މޮޅުވި ލަނޑު ޖަހަން ފުރުޞަތު ފަހިކޮށްދިނީވެސް އޭނާއެވެ.

- ކޮމެންޓް