ކ. މާލެ
|
5 ސެޕްޓެންބަރ 2022 | ހޯމަ 10:39
ކެނެޑާ ފުލުހުން ފޮރެންސިކް މަސައްކަތުުގައި
ކެނެޑާ ފުލުހުން ފޮރެންސިކް މަސައްކަތުުގައި
ބީބީސީ
ކެނެޑާގައި ދިން ވަޅީގެ ހަމަލާ
ކެނެޑާގައި ތޫނު އެއްޗަކުން ހަމަލާދީ 10 މީހުން މަރާލައި 15 މީހުން ޒަޚަމްކޮށްލައިފި
މިއީ ކެނެޑާގައި މިހާތަނަށް ހިނގާ ފައިވާ މިފަދަ އެންމެ ހިތާމަވެރި ހާދިސާ

ކެނެޑާގެ ސެންޓްރަލް ސަސްކާޗުވަން ޕްރޮވިންސްގައި ހިންގި ވަޅި ހެރުމުގެ ހާދިސާތަކެއްގައި މަދުވެގެން 10 މީހުން މަރާލައި އިތުރު 15 މީހުން ޒަޚަމްކޮށްލައިފި އެވެ. މަރާލާފައިވާ މީހުންނާއި ޒަޚަމްކޮށްލާފައިވާ މީހުން ފެނިފައިވަނީ ޖޭމްސް ސްމިތު ކްރީ ނޭޝަން ކިޔާ ސަރަހައްދުންނާއި ވެލްޑަން ކިޔާ ސަރަހައްދުގެ 13 ތަނަކުންނެވެ.

މިހަމަލާތަކާ ގުޅިގެން ފުލުހުން މިހާރު ދަނީ މިކަން ކުރިކަމަށް ޝައްކު ކުރެވޭ ދެމީހަކު ހޯދަމުންނެވެ. މީހުން ހޯދުން ކުރިޔަށް ދާއިރު މިހާދިސާތައް ހިނގި ދެއަވަށުގެ ރައްޔިތުންނަށް ވަނީ ގެއިން ނުނިކުމެ ތިބުމަށް އަންގާފައެވެ. އަދި ނޭނގޭ މީހުން ގެޔަށް ނުވެއްދުމަށާއި އަދި މަގުމަތިން މީހުންނަށް ލިފްޓް ނުދިނުމަށް ވެސް ވަނީ އަންގާފައެވެ.

މިހަމަލާތަކާއި ގުޅިގެން ޖޭމްސް ސްމިތު ކްރީ ކިޔާ އަވަށުގައި މިހާރުވަނީ ސްޓޭޓް އޮފް އިމަރޖެންސީ ހިންގާފައެވެ. އެ ސަރަހައްދަކީ ކެނެޑާގެ އަސްލު ރަށްވެހިން ގިނަ ހިސާބަކަށް ވާއިރު އެތަނުގައި އުޅެނީ އެންމެ ދެހާހެއްހައި މީހުންކަމަށް ވެއެވެ. ފުލުހުން ބުނީ މަރާލެވުނު ބައެއް މީހުންނަކީ ޓާގެޓް ކޮށްގެން ވަރާލި ބަޔަކަށް ވެދާނެ ކަމަށާ ނަމަވެސް އެއްބަޔަކު މަރާލާފައިވަނީ ވަކި މަގުސަދެއްނެތި "ހަމަހުރެފަ" ކަމަށް ގަބޫލު ކުރެވޭ ކަމުގައެވެ.  

ކެނެޑާ ގައި ވަޅިން ހަމަލާދީ މީހުން މެރިކަމަށް ޝައްކު ކުރެވިގެން ހޯދާ ދެމީހުން

ހަމަލާތަކަށް ފަހު ފުރަތަމަ އިމަރޖެންސީ ކޯލް ލިބިފައިވަނީ އާދީއްތަ ދުވަހު އެތާގަޑިން ފަތިހު ފަސްގަޑި ސާޅީސް އެހާއިރު އެވެ. އެއަށް ފަހު އަވަސް އަވަހަސް އެހެން ކޯލްތައް ލިބެމުން ދިޔަ ކަމަށް ވެއެވެ. މިއަމަލު ހިންގި ކަމަށް ޝައްކުކުރެވޭ ދެމީހުން ކަމަށްވާ ޑޭމިއަން ސެންޑަރސަން އަދި މައިލްސް ސެންޑަރސަން އެންމެ ފަހުން އާންމުންނަށް ފެނިފައިވަނީ އާދީއްތަ ދުވަހު މެންދުރެއްހާއިރު ކަމަށްވެއެވެ. މިދެމީހުންނަކީ ދެބެން ކަމެއް ނުވަތަ އެދެމީހުން ގުޅެނީ ކޮންގޮތަކުން ކަމެއްވެސް އަދި ނޭނގޭ ކަމަށް ފުލުހުން ބުނެއެވެ.

މިހަމަލާތަކާއި ގުޅިގެން ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ މިއީ ބިރުވެރި، އަދި ހިތް ފަޅައިގެން ދާވަރުގެ ހިތާމަވެރި ހަމަލާތަކެއް ކަމަށް ސިފަކުރައްވާފައެވެ. އަދި މިކަން ކުރި މީހުން ކޮންމެ ގޮތަކުން ނަމަވެސް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ.

މިއީ ކެނެޑާގެ ތާރީޚުގައިވެސް ހިނގި މިފަދަ އެންމެ އަނިޔާވެރި ހަމަލާތައް ކަމަށް ވެއެވެ.   

- ކޮމެންޓް