ކ. މާލެ
|
4 ސެޕްޓެންބަރ 2022 | އާދީއްތަ 09:59
އޮސްޓްރޭލިޔާ ހޮސްޕިޓަލްތަކުގައި މުވައްޒަފުން މަދުކަމުން ބައެއް މުވައްޒަފުން މުޒާހަރާ ކުރަނީ
އޮސްޓްރޭލިޔާ ހޮސްޕިޓަލްތަކުގައި މުވައްޒަފުން މަދުކަމުން ބައެއް މުވައްޒަފުން މުޒާހަރާ ކުރަނީ
ގެޓީ އިމޭޖަސް
އޮސްޓްރޭލިޔާއަށް ހިޖުރަކުރުން
އޮސްޓްރޭލިޔާއަށް ހިޖުރަކުރެވޭ މީހުންގެ އަދަދު އިތުރުކޮށްފި
 
ގެނެވުނު ބަދަލުގެ ދަށުން މިހިނގާ ފައިނޭންޝަލް އަހަރު 195 ހާސް މީހުން ހިޖުރަ ކުރުމަށް ފުރުސަތު ދެވޭނެ

އޮސްޓްރޭލިޔާއަށް ދާއިމީކޮށް އަހަރަކު ހިޖުރަ ކުރެވޭ މީހުންގެ އަދަދު ދިހަ އަހަރުތެރޭ ފުރަތަމަ ފަހަރަށް އިތުރު ކުރާކަން އިއުލާންކޮށްފި އެވެ. މި ގެންނަ ބަދަލާ އެކު މިހިނގާ ފައިނޭންޝަލް އަހަރު 195 ހާސް މީހުން ހިޖުރަ ކުރުމަށް ފުރުސަތު ދެވޭނެއެވެ. މިއީ ކުރިޔަށް ވުރެ 35 ހާސް އިތުރު އަދަދެކެވެ.

ޕެންޑަމިކް ކުރިމަތިވުމާއި އަދި އޮސްޓްރޭލިޔާގެ ހަރުކަށި ބޯޑަރު ޕޮލިސީތަކުގެ ސަބަބުން އެތައް ސެކްޓަރުތަކަކަށް ވަނީ މުވައްޒަފުން ލިބުމުގެ ދަތިކަން ކުރިމަތިވެފައެވެ.

ވަޒީފާ ހޯދުމަށް އޮސްޓްރޭލިޔާއަށް މީހުން އެންމެ ގިނައިން ހިޖުރަ ކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ އިންޑިޔާ އަދި އިނގިރޭސި ވިލާތް ހިމެނޭ އިރު، އޮސްޓްރޭލިޔާ ސަރުކާރުން ބުނާ ގޮތުގައި މުވައްޒަފުން ނުލިބުމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެފަދަ ފަރާތްތައް އެގައުމަށް އިތުރަށް ބޭނުން ވެއެވެ. އެގައުމުގައި މިވަގުތު 480 ހާހެއްހާ ހުސް ވަޒީފާ އޮތް ނަމަވެސް ވަޒީފާނެތް މީހުންގެ މައްސަލަ ވެސް އެހާ ބޮޑުކަމަށް ޚަބަރުތައް ބުނެއެވެ.

މުވައްޒަފުން ނުލިބުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ދާއިރާތަކުގެ ތެރޭގައި ހޮސްޕިޓަލިޓީ، ހެލްތު ކެއާ، އެގްރިކަލްޗަރ އަދި ސްކިލްޑް ޓްރޭޑް އިންޑަސްޓްރީސް ހިމެނެއެވެ.

އާދައިގެ މަސައްކަތްތައް ކުރާނެ މީހުން ނެތުމުގެ ސަބަބުން އެއާޕޯޓްތައް ފަދަ ތަންތަނުގެ އިންތިޒާމް ގެއްލިފައިވާ ކަމަށާއި ގަސްތަކުގައި ހުރި މޭވާތައް ބިންނާނެ މީހުން ނެތި ބިން މައްޗަށް ފައިބަމުން ދާ ކަމަށާއި ހޮސްޕިޓަލުތަކުގެ މަސައްކަތްތަކަށް ވެސް ބާރު ބޮޑުވެފައިވާ ކަމަށް، ނިމުނު ހަފްތާގައި ކެންބަރާގައި އޮތް ޖޮބް ސަމިޓެއްގައި ވާހަކަދެއްކެވި އެޤައުމުގެ ހޯމް އެފެއާޒް މިނިސްޓަރު ވިދާޅުވިއެވެ.

އޮސްޓްރޭލިޔާއަށް ދާއިމީކޮށް ހިޖުރަ ކުރަން އަހަރަކު ހުއްދަ ދެވޭއަދަދު 2010ގެ އަހަރުތަކުން ފެށިގެން އޮތީ 190،000 ކަމަށް ކަނޑައަޅާފައެވެ. އެއަށް ފަހު އެމައުލޫއަކީ ސިޔާސީ ބަހުސުތަކުގައި ބޭނުންކުރެވޭ އުކުޅަކަށް ވުމުން 2017 ވަނަ އަހަރު އަދަދު މަދު ކުރެވުނެވެ.

އަލަށް ގެނެވުނު ބަދަލުގެ ދަށުން ސިއްހީ ދާއިރާގައި މަސައްކަތް ކުރުމަށް އިތުރު 4،700 ޖާގަ އާއި އަދި ދުރު ސަރަހައްދުތަކަށް ހިޖުރަ ކުރަން ބޭނުން ފަރާތްތަކަށް 9000 ޖާގަ ހުޅުވާލެވޭނެއެވެ.

މީގެ އިތުރުން ވިސާއަށް އެދި ޕްރޯސެސް ނުކުރެވި ހުރި މައްސަލަތައް ބަލާ ނިންމުމަށް އިތުރު މުވައްޒަފުން ހޯދުމަށް 24.4 މިލިއަން ޑޮލަރު ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

އޮސްޓްރޭލިޔާއަށް ދާއިމީކޮށް ހިޖުރަ ކުރެވޭ މިންވަރު ޕެންޑަމިކްއާ ގުޅިގެން ވެސް މަދުކޮށްފައި ވީނަމަވެސް 2016 ވަނަ އަހަރުން ފެށިގެން އެގައުމަށް މިލިއަނަކަށް ވުރެ ގިނަ މީހުން އެތެރެވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮސްޓްރޭލިޔާގައި އެންމެ ފަހުން ބޭއްވި ބޯހިމެނުން ދައްކާ ގޮތުގައި އާބާދީގެ ދެބައިކުޅަ އެއްބައި މީހުން އުފަންވެފައިވަނީ ގައުމުން ބޭރުގައެވެ. ނުވަތަ މަންމަ ނޫނީ ބައްޕައަކީ ގައުމުން ބޭރު މީހެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް