Advertisement
ކ. މާލެ
|
18 ޖޫން 2017 | އާދީއްތަ 23:01
ފުލުހުން އާންމުކޯށްފައިވާ ފޮޓޯތައް
ފުލުހުން އާންމުކޯށްފައިވާ ފޮޓޯތައް
ޕޮލިސް
ޔާމީން ރަޝީދުގެ މަރު
ޔާމީން މަރާލަން ހަމަލާދިން މީހުންގެ ފޮޓޯ އާންމުކޮށްފި
3 މީހެއްގެ ފޮޓޯ އާންމުކޮށްފައިވޭ
މި 3 މީހުންނަކީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން
3 މީހުންނަކީވެސް ކުށުގެ ރިކޯޑް އޮތް މީހުން

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ، ޔާމީން ރަޝީދު (ޗަނބޭލީގެ، ސ. ފޭދޫ) ގެ މަރާލުމަށް، އޭނާއަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި 3 މީހުންގެ ފޮޓޯ ހާމަކޮށްފިއެވެ.

އާދިއްތަ ދުވަހުގެރޭ ފުލުހުން ނެރެފައިވާ ބަޔާނެއްގައި އާންމުކޮށްފައިވަނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 7 މީހުންގެ ތެރެއިން، އިސްމާއިލް ރަޝީދު (25 އަހަރު، ކ. މާލެ / މ. ޠާއިފް) އާއި، އިސްމާއިލް ހައިޝަމް ރަޝީދު (21 އަހަރު، ކ. މާލެ / ހ. އަންނާރުމާގެ)، ގެ އިތުރުން، އަޙުމަދު ޒިހާން އިސްމާއިލް (22 އަހަރު، ކ. މާލެ / މ. އިރާސްމިކުގެ) ގެ ފޮޓޯއެވެ.

ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ކުށުގެ ރިކޯޑް އޮތް މީހުން ކަމަށާ، އެގޮތުން، އިސްމާއިލް ހައިޝަމް ރަޝީދަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ރިކޯޑް އޮންނަ މީހެއް ކަމަށާ، ފޭރުމުގެ މައްސަލައެއްގައި އޭނާ ޙުކުމްވެސް ތަންފީޒުކޮށްފައިވާ ކަމަށެވެ. އަދި އިސްމާއިލް ރަޝީދަކީ، ގްރޫޕް ހަދައިގެން، ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ރިކޯޑް އޮތް މީހެއް ކަމަށެވެ.

 

އެގޮތުން ކުރެވުނު މަސައްކަތުގައި މާލޭގެ އެކި ތަންތަނުން ނެގުނު ސީސީޓީވީ ފުޓޭޖާއި، މާލޭގައި ހަރުކޮށްފައިވާ ފުލުހުންގެ ސީސީޓީވީ ހުރިހާ ކެމެރާތަކުގެ ފުޓޭޖްތައް ހިމެނޭގޮތަށް، ޖުމްލަ 1850 ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ސީސީޓީވީ ފުޓޭޖް އެނަލައިޒްކޮށް، ބަލާފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ހަމައެއާއިއެކު 20 އަހަރާއި 40 އަހަރާއި ދެމެދުގެ 40،000 އަށްވުރެ ގިނަ މީހުންގެ ފޮޓޯތައް ބަލައި އެނަލައިޒް ކޮށްފައިވާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ތަހުގީގުގައި ކަމާއިގުޅޭ މާހިރުންގެ ލަފާ ހޯދައި، ސަރުކާރުގެ އެކި އިދާރާތަކުގެ އެހީތެރިކަމާއިއެކު އެފަރާތްތަކުގެ ޑޭޓާބޭސްތަކުގައިވާ މަޢުލޫމާތު މި މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން، މިކަމުގައި އިސްކޮށް ތިބި މީހުން ދެނެގަނެވި، މިކަމުގެ ތަހުގީގު މިހާރު ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު ގިނަ ހުރަސްތަކަކާއިވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން، ތަހުގީގާއި ގުޅުން ނެތް ފަރާތްތަކުން މައްސަލައާއި ގުޅޭ މައުލޫމާތާއި އަމިއްލަ ރައުޔު ރައްޔިތުންނާއި ހިއްސާ ކުރުމާއި، ބައެއް ޤާނޫނީ ވަކީލުންނާއި އެހެން ފަރާތްތަކުގެ ފުށުން މައްސަލައިގެ ތަހުގީގަށް ހުރަސްތަކެއް ކުރިމަތިވި ކަމަށާ އޭގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ ޔާމީން މަރާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތައް މިހާރު ހޯދިފައިވާ ކަމަށާ، އެފަރާތްތަކުގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާވެސް ލިބިފައިވާ ކަމަށެވެ. އަދި މި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް