ކ. މާލެ
|
3 ސެޕްޓެންބަރ 2022 | ހޮނިހިރު 21:41
ޗައިނާގައި ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ
ޗައިނާގައި ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ
ބީބީސީ
ޗައިނާގައި ކޮވިޑް ކޮންޓްރޯލު ކުރުން
ޗައިނާގައި އަދިވެސް ކޮވިޑް ފެތުރޭވަރުން ފެތުރެނީ، 21 މިލިއަން މީހުން މިހާރުވެސް ލޮކްޑައުންގައި
21 މިލިއަން މީހުން ދިރިއުޅޭ ޗެންގޑޫ ލޮކްޑައުން ކޮށްފައިވަނީ ބުރާސްފަތި ދުވަހު

ޗައިނާގައި ޒީރޯ ކޮވިޑް ޕޮލިސީ ދަމަހައްޓަން އެޤައުމުގެ ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު، އަނެއްކާވެސް ބޮޑު ސިޓީއެއް ލޮކްޑައުންކޮށްފިއެވެ. 21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗެންގޑޫ އަކީ ޒީރޯ ކޮވިޑް ޕޮލިސީގެ ދަށުން އެންމެ ފަހުން ލޮކްޑައުން ކުރެވުނު ސިޓީއެވެ. އެސިޓީ ލޮކްޑައުން ކުރެވުނީ ބުރާސްފަތި ދުވަހު 157 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އައު އުސޫލުގެ ދަށުން މިހާކަންހާ އަދަދަކަށް މީހުން ޕޮޒިޓިވް ވީ ނަމަވެސް، މުޅި އެސިޓީ ލޮކްޑައުން ކުރަން ޖެހެއެވެ. އެހެންކަމުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން އެންމެންވެސް ގެއިމް ނުނިކުމެ ތިބުމަށް ވަނީ އަންގާފައެވެ. އަދި ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެންމެން ޓެސްޓު ކުރެވޭނެ ކަމަށް ވެއެވެ. ޒަރޫރީ ތަކެތި ގަތުމަށް ބޭރަށް ދާން ހުއްދަ ދެނީ ކޮންމެ ގެއަކުން ވެސް އެންމެ މީހަކަށެވެ. މިގޮތުން ނުކުންނަ މީހާއަކީ ވެސް ކޮވިޑް ނެގަޓިވް ޓެސްޓެއް އޮތް މީހަކަށް ވާން ޖެހެއެވެ. އަދި ލޮކްޑައުންގެ އަމުރު ވީއްލާނެ ދުވަހެއް އަދި ނޭންގޭ ކަމަށް ޚަބަރުތައް ބުނެއެވެ.

އަނެއް ކޮޅުން ޗެންގޑޫއަށް އެތެރެވުމާއި އެސިޓީއިން ބޭރަށް ދިޔުންވެސް ވަނީ މަނާކޮށްފައެވެ. ޗައިނާގެ ސްޓޭޓް މީޑިއާއިން ބުނިގޮތުގައި ޗެންގޑޫ އަކީ ސިޗުއާން ޕްރޮވިންސްގެ ވެރި ރަށަށްވާއިރު އެސިޓީ އަށް އޮޕަރޭޓް ކުރާ ފްލައިޓުތައް ވެސް ވަނީ ކެންސަލް ކޮށްފައެވެ. މީގެ އިތުރުން އޯޓަމް ޗުއްޓީއަށް ފަހު ސްކޫލްތައް ހުޅުވުން ވެސް ވަނީ ފަސްކޮށްފައެވެ.

ޗައިނާގެ ސިއްހީ އިދާރާތަކުން ސިފަކޮށްފައިވާ ގޮތުގައި ޗެންގޑޫގެ ހާލަތު ވަރަށް ސީރިއަސް އެވެ. އަދި މިހާބޮޑަށް ކޮވިޑް ފެތުރިފައި މިވަނީ ކުރިމަތިވި ހޫނު ދުވަސްވަރު މޫދާއި ފަތާ ފެންގަނޑުފަދަ ތަންތަނާއި އެހެންވެސް ބައެއް މުނިފޫހި ފިލުވާ ތަންތަނަށް އެއްވުމުގެ ތެރެއިން ކަމަށް ބުނެފައިވެއެވެ.

ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅާފައިވާ ޗައިނާގެ އެހެން ސިޓީތަކުގެ ތެރޭގައި ދެކުނުން ޝެންޒެން އަދި އުތުރުން ދާލިއާން ހިމެނެއެވެ. 2019 ވަނަ އަހަރު ވޫހާނުން ކޮވިޑް 19 ފެނުނު އިރުން ފެށިގެން ބަލިފެތުރުން ހުއްޓުވުމަށް ސިޓީތަކުގައި ޚާއްސަ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. ޗައިނާ އަކީ ބޮޑު އިގްތިސާދެއް އޮންނަ ގައުމަކަށް ވާއިރު ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިހާރު ދެން ލޮކްޑައުންތައް ފަދަ ފިޔަވަޅުތައް އެޅުމުން އިގްތިސާދަށް ލިބޭ ގެއްލުން މާބޮޑުވެގެން ދެއެވެ. ނަމަވެސް ސަރުކާރުން ބުނަނީ މިފިޔަވަޅުތަކަކީ ހޮސްޕިޓަލުތަކަށް ބާރު ބޮޑުވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމުގައެވެ. ޖޯން ހޮޕްކިންސް ޔުނިވަރސިޓީ އިން ބުނާ ގޮތުގައި ޗައިނާ އިން ކޮވިޑް19 ގައި މަރުވި ކަމަށް ރަސްމީކޮށް ރިކޯޑުކޮށްފައިވަނީ 15 ހާސް މީހުންނެވެ.    

- ކޮމެންޓް