ކ. މާލެ
|
3 ސެޕްޓެންބަރ 2022 | ހޮނިހިރު 16:43
ވޯލްޑް ކަޕް ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްތަކުގެ ތެރެއިން އަހްމަދު ބިން އަލީ ސްޓޭޑިއަމް
ވޯލްޑް ކަޕް ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްތަކުގެ ތެރެއިން އަހްމަދު ބިން އަލީ ސްޓޭޑިއަމް
ރޮއިޓާސް
ވޯލްޑް ކަޕް
ވޯލްޑް ކަޕާއި ދިމާކޮށް ގަތަރުގައި ބިޔަރު ވިއްކަން ފަށަނީ
ބިޔަރު ވިއްކާނީ ކޮންމެ މެޗެއް ފެށުމުގެ ތިންގަޑިއިރު ކުރިންނާއި، މެޗު ނިމުމަށްފަހު އެއްގަޑިއިރު ވަންދެކަށް
މިއީ މުސްލިމް ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރު

މިއަހަރުގެ ފަހުކޮޅު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕްގައި މެޗުބަލަން ދަނޑަށް ވަންނަ ސަޕޯޓަރުންނަށް ބިޔަރު ވިއްކުމަށް ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ސަޕޯޓަރުންނަށް ބިޔަރު ވިއްކާނީ ކޮންމެ މެޗެއް ފެށުމުގެ ތިންގަޑިއިރު ކުރިންނާއި، މެޗު ނިމުމަށްފަހު އެއްގަޑިއިރު ވަންދެނެވެ. ނަމަވެސް މެޗު ކުރިއަށްދާ ވަގުތުގައި ބިޔަރު ނުވިއްކުމަށް ވަނީ ނިންމާފައެވެ. މި ގަޑިތަކުގެ އިތުރުން ބިޔަރު ވިއްކުމަށް ހުއްދަދީފައިވަނީ ކޮންމެ ދުވަހެއްގެ 18:30ން 1:00ށެވެ. މި ގަޑިތަކުގައި ބިޔަރު ވިއްކޭނީ ފީފާ ފޭން ޒޯންތަކުގައި އެކަންޏެވެ. ބިޔަރު ވިއްކުމުގެ ހުއްދަ ދީފައިވަނީ މުބާރާތް ކުރިއަށްދާ 29 ދުވަހު އެކަންޏެވެ.

އާންމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބިޔަރުގެ އިތުރުން ރަލުގެ އެއްވެސް ބާވަތެއް ވިއްކުމަކީ ގަތަރުގައި މަނާކަމެކެވެ. ނަމަވެސް ވޯލްޑް ކަޕްގެ މެއިން ސްޕޮންސަރެއް ކަމުގައިވާ ބަޑްވައިޒާއަށް ވަނީ މުބާރާތާއި ދިމާކޮށް ގަތަރުގައި ބިޔަރު ވިއްކުމުގެ ޚާއްސަ ހުއްދައެއް ދީފައެވެ. އެކުންފުންޏަށް ބިޔަރު ވިއްކޭނީ މެޗު ކުރިއަށްދާ ސްޓޭޑިއަމްތަކުގެ ބޭރުގައެވެ. ބަޑްވައިޒާއަކީ ބިޔަރު ވިއްކުމުގައި ފާހަގަކުރެވޭ ބޮޑު ކުންފުންޏެކެވެ.

މިއީ މުސްލިމް ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އެހެންކަމުން މުބާރާތުގެ ބޮޑު ސްޕޮންސަރެއް ކަމުގައިވާ ބަޑްވައިޒާއަށް ވަނީ މުބާރާތާއި ދިމާކޮށް ބިޔަރު ވިއްކުމުގައި ދަތިތަކަކާއި ކުރިމަތިވެފައެވެ.

ބިޔަރު ވިއްކާނެ ވަގުތާއި ސަރަހައްދު ކަނޑައަޅާފައިވީ ނަމަވެސް، ބިޔަރު ވިއްކާނެ އަގެއް މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ.

މިއަހަރުގެ ވޯލްޑް ކަޕް ފަށާނީ ނުވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޤަތަރާއި އިކުއެޑޯއެވެ.

- ކޮމެންޓް