ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 12:46
އިރާގުގައި ހިނގަމުންދާ ހަމަނުޖެހުންތައް
އިރާގުގައި ހިނގަމުންދާ ހަމަނުޖެހުންތައް
އަލްޖަޒީރާ
އިރާގުގެ ހަމަނުޖެހުންތައް
ހަމަނުޖެހުންތައް ބޮޑުވާން ފެށުމާއެކު އިރާގުގައި ހަމަޖެހުން ގާއިމުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގޮވާލައިފި
އިރާގުގައި ހަމަނުޖެހުންތައް ބޮޑުވެ 20 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައި

އިރާގުގެ ބާރުގަދަ ޝީއީ އިމާމް މުޤްޠަދާ އައްޞަދްރު ސިޔާސީ ކަންކަމުން ދުރުވާކަން އިއުލާންކުރުމާއެކު އިރާގުގައި ހަމަނުޖެހުންތައް ބޮޑުވެ 20 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ހޯމަ ދުވަހު އިރާގުގެ އަސްކަރިއްޔާއިން ވަނީ މުޅި އިރާގުގައި ކާފިއު އިއުލާންކޮށްފައެވެ. ފާއިތުވި ހަފްތާތަކުގައި އިރާގުގެ ވެރިރަށް ބަޣްދާދުގެ ގްރީން ޒޯން ހިމެނޭ ސަރަހައްދުގައި މުޒާހަރާކުރަމުންދިޔަ މީހުން ހޯމަ ދުވަހު ވަނީ ސަރުކާރުގެ އިމާރާތްތަކަށް ވަދެގަނެފައެވެ.

ހަމަނުޖެހުންތައް ބޮޑުވެފައިވާއިރު އދ އާއި އެހެން ގައުމުތަކުން ވަނީ ގައުމުގައި ސުލްހަ ގާއިމުކޮށް ވާހަކަތައް ފެށުމަށް އިލުތިމާސްކޮށްފައެވެ.

އދ:

އދ ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް އިރާގުގެ ހާލަތު ގާތުން ބައްލަވަމުން ގެންދަވާކަމަށް އެމަނިކުފާނުގެ ސްޕޯކްސްމަން ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. އަދި މައްސަލަ އިތުރަށް ހޫނުނުވާނެ ގޮތަކަށް މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުން އަމަލުކުރުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ހުރި ތަފާތުތަކާއެކު މައްސަލައިގައި ޝާމިލްވާ ހުރިގާ ފަރާތްތަކުންވެސް ވީއެންމެ އަވަހަކަށް މިހާރު ހިނގަމުންދާ ކަންކަމަށް ހައްލު ގެނައުމަށް ވާހަކަތައް ފެށުމަށް ގުޓަރޭސް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެމެރިކާ:

އިރާގަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު އަލީނާ ރޮމާނޯވްސްކީ ވަނީ އިރާގުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކަންބޮޑުވުންފާޅުކުރައްވާފައެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ސުލްހައިގެ މަގަށް މަސައްކަތްކޮށް ހަމަނުޖެހުމަށް މަގުފަހިވާކަންކަމުން ދުރުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ސަފީރުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އިރާގުގެ ސަލާމަތާއި ރައްކާތެރިކަމާއި ސިޔާދަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންނުވާނެކަމަށާއި މިއީ ހުރިހާ ފަރާތްތަކުންވެސް މައްސަލަތަކަށް ހައްލު ހޯދުމަށް ވާހަކަތައް ދައްކަންވީ ވަގުތުކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މުޒާހަރާކުރާ ފަރާތްތަކުންވެސް އިރާގު ސަރުކާރުގެ އިދާރާތަކާއި މުދަލަށް އިހުތިރާމްކޮށް އިރާގުގެ ރައްޔިތުންގެ މުދަލަށް ރައްކާތެރިވުމަށް ވަނީ ގޮވާލައްވާފައެވެ.

އިރާން:

އިރާނަކީ އިރާގާއި އެންމެކައިރިން ބޯޑަރު ހިއްސާކުރާ ގައުމަށްވާއިރު އިރާގުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އިރާނުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ބޯޑަރު ބަންދުކޮށްފައެވެ. މީގެއިތުރުން އިރާގުގައި ހުންނަ އިރާނުގެ އެމްބަސީން ވަނީ އިރާގުގައި ދިރިއުޅޭ އިރާނުގެ ރައްޔިތުން ބަޣްދާދާއި ކަދީމިއްޔާ ނުވަތަ ސަމައްރާ އަށް ދަތުރުނުކުރުމަށް އަންގާފައެވެ.

އީޔޫ:

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން ވެސް ވަނީ އިރާގުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ސުލްހަ އިސްކުރުމަށް ވަނީ ގޮވާލާފައެވެ.

އީޔޫގެ ބަޔާނުގައި ބުނެފައިވަނީ މިއީ ހައްސާސް ދަނޑިވަޅެއްކަމަށާއި ހުރިހާ ފަރާތްތަކުންވެސް ހަމަނުޖެހުމަށް މަގުފަހިވާ ކަންކަމުން ދުރުވެތިބުމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ސުލްހައިގެ ވާހަކަތަކަށް މަގުފަހިކޮށް ވާހަކަތައް ފެށުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ތުރުކީ:

ތުރުކީންވެސް ވަނީ އެގައުމުގެ ރައްޔިތުން ބަޣްދާދަށް ނިދިޔުމަށް އިލްތިމާސްކޮށްފައެވެ. އަދި ހުރިހާ ފަރާތްތަކުން ބައިވެރިވާ ވާހަކަތަކެއް ފެށުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތައް ވީއެންމެ އަވަހަކަށް ހައްލުވެގެންދާނެކަމަށް އުންމީދުކުރާކަމަށް ތުރުކީން ވަނީ ބުނެފައެވެ.

- ކޮމެންޓް