އިރާގުގެ ބާރުގަދަ ޝީއީ އިމާމް މުޤްޠަދާ އައްޞަދްރު އައު ސަރުކާރެއް އެކުލަވާލުމަށް ކުރައްވަމުން ގެންދެވި މަސައްކަތްތައް ނާކާމިޔާބުވުމާއެކު ސިޔާސީ މަސައްކަތްތަކުން އެއްފަރާތަށް ޖެހިވަޑައިގަންނަވާކަން އިއުލާންކުރައްވައިފިއެވެ.
މިއާއެކު މިހާރުވެސް މަސްރަޚް ހޫނުވެފައިވާ އިރާގުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ޞަދުރަށް ތާއީދުކުރާ ފަތާތްތަކުން ކުރިޔަށްގެންދާ މުޒާހަރާތައް ވަނީ އިތުރަށް ހޫނުވެފައެވެ. ފާއިތުވި ހަފުތާތަކުގައި ސަދްރުގެ ސަޕޯޓަރުން އައީ އިރާގުގެ ވެރިރަށް ބަޣްދާދުގެ ގްރީން ޒޯން ހިމެނޭ ސަރަހައްދުގައި ދިގުދެމިގެންދާގޮތަށް މުޒާހަރާކުރަމުންނެވެ. މިސަރަހައްދަކީ އިރާގުގެ މިނިސްޓްރީތަކާއި ބޭރުގެ މިޝަންތައް ހުންނަ ސަރަހައްދެވެ. މިސަރަހައްދުގައި މިހުރިހާ ދުވަހު އިށީންދެ ތިބެގެން މުޒާހަރާކުރަމުންދިޔަ ޞަދްރުގެ ސަޕޯޓަރުން ޞަދްރުގެ މިނިންމުމާއެކު ވަނީ ގްރީން ޒޯނުގައި ހުރި މައި ތަންތަނަށް ވަދެގަނެފައެވެ.
މިއާއެކު އިރާގުގެ ސަލާމަތީ ބާރުތަކުން ވަނީ ކާފިއު އިއުލާންކޮށް އެސަރަހައްދު ދޫކޮށް ދިޔުމަށް މުޒާހަރާކުރާ ފަރާތްތަކަށް އަންގާފައެވެ.
އޮކްޓޯބަރު 2021 ގައި ބެއްވި އާންމު އިންތިޚާބުގައި އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑީގެ ތެރެއިން ޞަދްރަށް 74 ގޮނޑި ކާމިޔާބުވިއެވެ. އެއީ މަޖިލީހުގައި އޮތް އެންމެ ބޮޑު ފެކްޝަނަށް ވިއެވެ. އީރާނުގެ ތާއީދު އޮތް ފެކްޝަންތަކަށް ލިބުނު ގޮނޑީގެ އަދަދު 48 އިން 17 އަށް މަދުވިއެވެ.
ކޯޓު މެދުވެރިކޮށް ވޯޓުގެ ނަތީޖާ ބާތިލުކުރުމަށް އީރާނުގެ ތާއީދު އޮތް ފެކްޝަންތައް ފެއިލްވުމުން ދެން މިސްރާބު ޖެހީ ސަރުކާރެއް އެކުލަވާލުމަށް ޞަދްރު ކުރަމުން ދިޔަ މަސައްކަތްތަކަށް ހުރަސް އެޅުމަށެވެ. ސަރުކާރު އެކުލަވާލުމަށް ޞަދްރު މަސައްކަތް ކުރަމުން ދިޔައީ ކުރުދީންނާއި ސުންނީ އަރަބި ބައިވެރިންނާ އެކުގައެވެ. ނަމަވެސް އީރާން ސަރުކާރުގެ އެއްބާރުލުން ތިބޭ ގުރޫޕުތައް ބާކީ ކޮށްފައެވެ.
މަޖިލީހުގައި ލިބުނު ގޮނޑީގެ އަދަދު މަދުވި ކަމުގައިވީ ނަމަވެސް އީރާނުގެ ތާއީދު އޮތް ގުރޫޕުތަކުން ދިޔައީ އެކި ގޮތް ގޮތުން ޞަދްރަށް ޖެއްސުން ކުރަމުންނެވެ. އެގޮތުން ސަރުކާރެއް އެކުލަވާލުމުގެ ފުރަތަމަ މަރުހަލާ ކަމުގައިވާ ދައުލަތުގެ ވެރިއަކު ހޮވުމަށް މަޖިލީހަށް ބޭނުންވާ 3 ބައިކުޅަ 2 ބައިގެ ކޯރަމް ހަމަކުރުމަށް އެ ގުރޫޕުތަކުން ހުރަސް އަޅަމުން ދިޔައެވެ.
ޞަދްރު ގެންދެވީ ވީއެންމެ އަވަހަކަށް އިންތިޚާބު ބާއްވާ މިހާރުގެ ގާނޫނު ހަދާ މަޖިލީސް އުވާލުމަށް ގޮވާލައްވަމުންނެވެ. މީގެއިތުރުން ޞަދްރު ވިދާޅުވީ 2003 ވަނަ އަހަރު އެމެރިކާއިން އިރާގުގެ ވެރިކަން ބަދަލުކުރިފަހުން މިހާތަނަށް އެއްވެސް މީހަކަށް އޮފީހުގައި ހުރެވިފައިނުވާކަމަށެވެ.
ޓްވިޓަރގައި ކުރެއްވި ޓްވީޓެއްގައި ޞަދްރު ވަނީ ޝީއީންގެ ސިޔާސީ ލީޑަރުންނަށް ފާޑުވިދާޅުވެ މަގާމުން އިސްތިއުފާދެއްވަނީކަން އިއުލާން ކުރައްވާފައެވެ. އަދި ޞަދްރުގެ އިންސްޓިޓިއުޓްތައް ބަންދުކުރައްވާކަން ވަނީ އިއުލާންކުރައްވާފައެވެ. ބަންދުކުރައްވާ އޮފީސް ތަކުގެ ތެރޭގައި ކަލްޗަރަލް އަދި ރިލިޖަސް އިންސްޓިޓިއުޓް ނުހިމެނޭކަމަށް ޞަދްރު ވިދާޅުވިއެވެ.
ޞަދްރު ވަނީ މީގެކުރިންވެސް ސިޔާސީ މަސައްކަތްތަކުންނާއި ސަރުކާރާ ފެއަށް ޖެހިވަޑައިގަންނަވާފައެވެ. ނަމަވެސް ޞަދްރުގެ ބާރު އިރާގުގެ އިދާރާތަކާއި ގާނޫނު ހަދާ މަޖިލީހުގައި ވަރަށް ބޮޑެވެ.
ޞަދްރު އެނބުރި ސިޔާސީ މަސްރަހަށް އައީވެސް އެފަދަ އިއުލާން ކުރުމަކާއެކުވެ. ނަމަވެސް މިހާރު އިރާގުގެ ސިޔާސީ މަސްރަހުގައި އެޅުވިފައިވާ ތަޅާއެކު މީގެކުރިން އިރާގަށް ކުރިމަތިވިޒާތުގެ ކަންކަން ހައްލުކުރެވުނު ގޮތަށް ހައްލުކުރުމަށް ޞަދްރުވަނީ ނުކުޅެދިފައެވެ.
މިހާރު ޞަދްރާއި ޝީއީންނާ ދެމެދު ކުރިޔަށްމިދާ ދެބަސްވުންތަކާއެކު މިއީ އިރާގު ސަރުކާރަކާ ނުލާ ކުރިޔަށްދާ އެންމެ ގިނަ ދުވަސްތަކަށް މިވަނީ ވެފައެވެ.