ހައި ކޯޓު ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައި ގެޒެޓްކޮށްފި އެވެ.
ކޯޓްތަކާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާ އަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ހައި ކޯޓް އެކުލެވިގެން ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރާއި އެކޯޓަށް އައްޔަން ކުރެވޭ އިތުރު 10 ފަނޑިޔާރުންނާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
މީގެއިތުރުން 27 ވަނަ މާއްދާގެ (ށ) އަށް ފަލާހު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައވާ ގޮތުގައި ގާނޫނަށް މިބަދަލު ގެނައި ނަމަވެސް މިހާރު ހައި ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ފަނޑިޔާރުން އެ މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އިތުރަށް އައްޔަން ކުރަން ޖެހޭ ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކޮށް ރައީސުލްޖުމްހޫރީއްޔާ ތަސްދީގު ކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި އައްޔަން ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
އެހެންކަމުން ބިލް ރައީސް ތަސްދީގު ކުރެއްވުމާ އެކު މިއަދުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަންޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޯޓުތަކާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލްފާސްކޮށްފައި ވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެބިލް ފާސް ކުރުމަށް ނުފެންނަ ކަމަށް 29 މެމްބަރުން ވޯޓް ދެއްވާފައި ވެއެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިވަގުތު 9 ފަނޑިޔާރުން ހިމެނޭ، ނަމަވެސް 2 ފަނޑިޔާރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން 7 މިވަގުތު މަގާމުގައި ތިއްބެވީ ފަނޑިޔާރުންނެވެ.
ގާނޫނަށް ގެނައި އިސްލާހު އޮތް ގޮތުން ފަނޑިޔާރުންގެ އަދަދު އިތުރުވިޔަސް ފަނޑިޔާރުން އިތުރު ވާނީ މާލޭގެ ހައި ކޯޓަށެވެ.